ބޮލީވުޑް

ރާނީ އެނބުރި އަންނަނީ ނުކުޅެދޭ މީހެއްގެ ރޯލުން!

Jan 12, 2017

ދެހާސް ސާދަވަނަ އަހަރު ނިކުތް "މަރްދާނީ" އަށް ފަހު މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ ވަނީ ދުވަސްގަނޑަކަށް ފިލްމު ކުޅުމާދުރަށް ގޮސް، މަޝްހޫރު ޕްރޮޑިއުސަރު އަދިތްޔަ ޗޯޕްޅާއާ ކައިވެނިކޮށް، ކުއްޖަކު ވެސް ވިހާފަ އެވެ.

ދެ އަހަރުގެ ބްރޭކަކަށްފަހު ރާނީ ދނީ އަލުން ފިލްމީ ދުނިޔެއަށް ނުކުންނަން ތައްޔާރުވަމުންނެވެ. އޭނާ އެނބުރި އައުމަށް ކުޅޭނެ ފިލްމެއް ވެސް މިހާރު ވަނީ ނިންމާފަ އެވެ.

ފިރިމީހާ އަދިތްޔަގެ ޕްރޮޑަކްޝަން ކުންފުނި، ޔާޝް ރާޖް ފިލްމްސްއިން އުފައްދައި ސިދާތް މަލްހޯތުރާ ޑައިރެކްޓްކުރާ އެ ފިލްމުގައި ރާނީ ފެނިގެންދާނީ ނުކުޅެންދުންތެރި ކަމެއް ހުންނަ މީހެއްގެ ރޯލުންނެވެ.

އެންމެ ފުރަތަމަ މި ފިލްމުގެ ލީޑްރޯލު ހުށަހަޅާފައިވަނީ އެކްޓަރު އިމްރާން ހާޝިމީ އަށެވެ. ނަމަވެސް އިމްރާން ވަނީ އަމިއްލަ ފިލްމެއް ޕްރޮޑިއުސްކުރަން ވަގުތު ބޭނުންވާތީ މި ފިލްމު ދޫކޮށްލާފަ އެވެ. އޭގެ ފަހުން މި ފިލްމު އަބީޝެކް ބައްޗަން އަށް ހުށަޙަޅައި، އޭނާއަށް ފިލްމުގެ ސްކްރިޕްޓް ކަމުދިޔަ ނަމަވެސް ފިލްމު އުފައްދާ ފަރާތަށް ޖަވާބެއް ދޭން ލަސްވުމުން އެމީހުން ވަނީ އަދިތްޔަ އާއި ބައްދަލުކޮށް ފިލްމާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.

ފިލްމު ސްކްރިޕްޓް އަދިތްޔަ އަށް ވަރަށް ކަމުދިޔުމުން އޭނާ ވަނީ ސިދާތް ކުރެން އެ ފިލްމުގެ ލީޑްރޯލު އަންހެން ތަރިއަކު ކުޅޭ ގޮތަށް ބަދަލު ކުރުމުން އެ ފިލްމު އޭނާ ޕްރޮޑިއުސްކުރާނެ ކަމަށް ބުނެފަ އެވެ. އަދި ރާނީ މި ފިލްމު ކުޅެން އެއްބަސްވެފައިވާއިރު، މިއީ 2005 ވަނަ އަހަރު ނިކުތް "ބްލެކް" އަށް ފަހު އޭނާ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ރޯލުން ފެނިގެންދާ ދެވަނަ ފަހަރެވެ.

އަދިތްޔަ ގަބޫލުކުރާ ގޮތުގައި "ބްލެކް" ގައި ރާނީ ދެއްކި މޮޅު އެކްޓިން އަށްފަހު މި ފިލްމުގައި ފެނިގެންދާނެ ނުކުޅެދުންތެރިކަން ހުންނަ އަންހެނެއްގެ ރޯލު ރާނީ އަށް ވުރެން މޮޅަށް ކުޅެވޭނެ އިތުރު ބަތަލާ އަކު ނެތެވެ. އެގޮތުން އަދިތްޔަ ވަނީ ސިދާތް ކުރެން ރާނީ އެ ފިލްމުގައި ކުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހާ ރޯލު ވަރަށް ވަރުގަދަ ކުރަން އެދިފަ އެވެ.

މި އަހަރުގެ މެދު ތެރޭގައި ނުވަތަ އަހަރުގެ ފަހުކޮޅުގައި މި ފިލްމުގެ ޝޫޓިން ފަށައެވެ.