އެނާޖީ ޑްރިންކް އިސްތިހާރު ކުރުން މަނާ ކޮށް، ބޭނުން ކުރުން އެދެވޭ ކަމެއް ނޫން ކަމަށް ސަރުކާރުން ކަނޑައެޅުމުން ރާއްޖޭގެ ކުޅިވަރު ކޮމިއުނިޓީން އެކަމަށް ދީފައިވަނީ އީޖާބީ ސިގުނަލަކެވެ. ކުޅިވަރުގެ އެންމެ އިސް ފަރާތްތަކުން އެކަމަށް މަރުހަބާ ކިޔެ އެވެ. އެކަމަށް އެންމެ ފުރަތަމަ އަމަލީ ފިޔަވަޅެއް އެޅީ ޓީޓީ އިން ނެވެ.
ސޯޝަލް ސެންޓަރުގައި ހުންނަ ޓީޓީ އެސޯސިއޭޝަންގެ ހޯލްގައި އެނާޖީ ޑްރިންކު ބޭނުން ކުރުން މަނާ ކޮށް، ޓީޓީ އެސޯސިއޭޝަނުން ވަނީ އަމަލީ ގޮތުން އެހެން ކުޅިވަރުތަކަށް ނަމޫނާ ދައްކާފަ އެވެ.
"އަޅުގަނޑުމެންގެ ބާރު ފޯރާ ތަނަކީ ޓީޓީ ހޯލް. އެތާނގައި މީގެ ފަހުން އެނާޖީ ޑްރިންކެއް ބޭނުމެއް ނުކުރާނެ،" އެ އެސސިއޭޝަނުން އެޅި ފިޔަވަޅާ ބެހޭގޮތުން ޖެނަރަލް ސެކެޓްރީ އިސްމާއިލް ސުޖާއު ވިދާޅުވި އެވެ.
އަޅުގަނޑުމެން ހިތްވަރު ދެން ކުޅުންތެރިންނަށް ވެސް އެނާޖީ ޑްރިންކް ބޭނުން ނުކުރަން އަމާޒަކީ އަޅުގަނޑުމެން ބާއްވާ ހަރަކާތެއްގައި ވެސް އަދި ހަފުލާ އެއްގައިވެސް އެނަޖީ ޑްރިންކް ބޭނުން ނުކުރުން،"
އެނާޖީ ޑްރިންކް އިސްތިހާރު ކުރުން ހެލްތު މިނިސްޓްރީން މަނާ ކުރުމުންނާއި، ސްކޫލްތަކުގައި އެނާޖީ ޑްރިންކް ބޭނުން ކުރުން އެޑިއުކޭޝަން މިނިސްޓްރީން މަނާ ކުރުމުން އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫގް ވަނީ އެ ދެ މިނިސްޓްރީ އަށް މަރުހަބާ ވިދާޅުވެފަ އެވެ.
ޓީޓީ އެސޯސިއޭޝަނުން ނަމުނާ ދައްކައިފި އެވެ. ދެން އޮތީ އެހެން ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް އެ ނަމޫނާ ދެއްކުމެވެ.
"އަޅުގަނޑުމެން މިކަން ކުރީ އެންމެ ފުރަތަމަ އެނާޖީ ޑްރިންކް މަނާ ކުރި އެސޯސިއޭޝަނަކީ ޓީޓީ އޭ ބުނާކަށް ނޫން، އެއީ އެހެން އެސޯސިއޭޝަންތަކަށް ވެސް އެކަމަށް ހިތްވަރު ދޭން އެނާޖީ ޑްރިންކަކީ ކުޅިވަރާ ދުރު އެއްޗެއްކަން ހާމަކޮށްދޭން." ސުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓީޓީ ކުޅުންތެރިންނަށާއި އެހެން އެތުލީޓުންނަށް ވެސް އެނާޖީ ޑްރިންކާ ދުރުވުމަށް ޓީޓީއިން ހިތްވަރު ދޭނެ ކަމަށެވެ.