ރިޕޯޓް

ޑޮލަރު ކިއޫގެ ބުރަ ފޯނަށް ކުޑަވެއްޖެ، މިހާރު ފަސޭހަ!

ކިތަންމެ ބޮޑު ކަމެއް ދިމާވެގެން ކުއްލި ގޮތަކަށް ބޭރަށް ފުރަން ޖެހިގެން ޑޮލަރު ހޯދަން ބޭނުންވި ނަމަވެސް ބެންކުތައް ކައިރީ ދަމާލާފައި އޮންނަ ދިގު ޑޮލަރު ކިއޫއެއްގެ ބުރަ ނުއުފުލާ އެކަން މިހާތަނަށް ވާކަށް ނޯވެ އެވެ. ކޮންމެ ގަޑިއެއްގައި ދިޔަ ނަމަވެސް ކިއޫގެ ދިގުމިނަށް ބަދަލެއް ނާންނަ ކަހަލައެވެ. އަދި ޑޮލަރު ގަންނަން ލިބޭނީ ވެސް ހަމައެކަނި ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގަ އެވެ.

ބޭރަށް ދާ ފަރާތްތަކުގެ ބޮޑު ޑީމާންޑެއް ޑޮލަރަށް އޮންނަ އިރު ޒަމާނުއްސުރެ ޑޮލަރު ގަތުން އޮތީ އެއްވެސް އުސޫލެއް ނެތި ދޫކޮށްލާފަ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ މިދިޔަ އަހަރު ނުވެމްބަރު 20 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ ނުއަކަށް ޖުމުލަ 11،562 މީހެއް ޑޮލަރު ގަތުމުގެ ހިދުމަތް ލިބިގެންފައި ވެއެވެ. އަދި އެ ފަރާތްތަކުން 30،502 ޓިކެޓަށް 15،164،002 އެމެރިކާ ޑޮލަރު ވަނީ ގަނެފައެވެ.

މިއީ ކުޑަ ދުވަސްކޮޅަކާ ބަލާފައި ވަރަށް ބޮޑު އަދަދެކެވެ. ކޮންމެއަކަސް ޑޮލަރު ގަތުމުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބިފައި ތިއްބާ ދާދި ފަހުން ބެންކް އޮފް މޯލްޑިވްސް އިން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ފައިސާ ދޫކުރުމަށް ޓެކްނޮލޮޖީގެ ކުރިއެރުންތައް ގެނެސް ޑޮލަރު ކިއު ހެދުމުގެ ސަގާފަތަށް ނިމުމެއް ގެނެއްސައެވެ.

އެގޮތުން އޮންލައިންކޮށް ޑޮލަރު ގަންނެވޭނެ ޕޯޓަލްއެއް އެ ބެންކުން ވަނީ ތައާރަފްކޮށްފައެވެ. އެ ހިދުމަތާ އެކު، 24 ގަޑިއިރު، ކޮންމެ ތަނެއްގައި ހުރެގެން ވެސް ފޯނުން ޑޮލަރު ގަނެވޭނެއެވެ. އަދި ފުރުމުގެ ކުރިން ޑޮލަރު ހޯދަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލްގައި އެކަމަށް ހާއްސަކޮށްފައި ހުރި ބީއެމްއެލްގެ ކައުންޓަރަށް ބޯޑިން ޕާސްއާއި ޕާސްޕޯޓު ހަވާލު ކުރުމުން ހިނދުކޮޅެއްގެ ތެރެއަށް ޑޮލަރު ވަގުތުން އަތަށް އަރާނެއެވެ. ކިއޫއެއްގައި މަޑުކޮށް މުޅި ދުވަސް ހުސް ކުރާކަށް ނުޖެހެއެވެ.

"މިހާރު ވަރަށް ބޮޑަށް ފަސޭހަ ވެއްޖެ. އަބަދުވެސް ބޭރަށް ދާންވެފަ އޮންނަ އިރު ޑޮލަރު ގަތުމަކީ ބޮޑު ބުރައެއް. މިކަމުން ސަލާމަތް ނުވެފަ ތިބީ،" އެއާޕޯޓުން ޑޮލަރު ގަތް މީހަކު ބުންޏެވެ. "އޮންލައިންކޮށް ގަނެވެން ހުރީމަ ވަރަށް ފަސޭހަ. މާކަށް މަސައްކަތްތަކެއް ކުރާކަށް ނުޖެހޭ. ކިއޫގައި ޖެހޭ މިކަހަލަ ހުރިހާ ހިދުމަތްތައްވެސް މިހާ ފަސޭހަ ގޮތަކަށް ހަދަން އަސްލުވީ،"

ބީއެމްއެލް އިން ބުނެފައި ވަނީ ޓިކެޓު ބުކް ކުރަން ޖެހޭނީ، ފްލައިޓު ފުރަން ތާވަލުވެފައި އޮތް ވަގުތުގެ ކުރިން، އަށް ގަޑިއިރާއި ފަސް ދުވަސް ކުރިންނެވެ. ބުކިންގް ހަދާ އިރު ޕޭމެންޓް ހެދޭނީ އެ ބެންކުގެ ޑެބިޓު ކާޑަކުންނެވެ. އަދި ޑޮލަރު ހޯދަން ފައިސާ ދެއްކުމަށްފަހު، ދަތުރުކުރާ ދުވަހު އެއާޕޯޓުން ޑޮލަރު ކަލެކްޓް ނުކޮށްފި ނަމަ، ފްލައިޓު ފުރިތާ ތިން ދުވަސް ފަހުން ވެސް އެ ބުކިންގް ކެންސަލް ކުރެވޭނެއެވެ. އަދި އެ ބުކިންގްއަށް ދެއްކި ފައިސާ، ހަތް ދުވަސް ތެރޭގައި ރީފަންޑް ކުރެވޭނެ ކަމަށް ބެންކުން ބުނެއެވެ.