މިދިޔަ ސީޒަންގައި ވެލެންސިއާ އަށް ކުޅުނު މުހައްމަދު އާރިފް (ބަކާ) އާއި މާޒިޔާ އަށް ކުޅުނު އިސްމާއީލް އީސާ (މެސީ) ވިކްޓަރީ އަށް ސޮއި ކޮށްފި އެވެ.
ބަކާ އާއި އީސަ ވެސް ވިކްޓަރީ އަށް ސޮއި ކުރީ އެއް އަހަރު ދުވަހަށެވެ.
މި ދެކުޅުންތެރިންނަކީ މީގެ ކުރިންވެސް ވިކްޓަރީ އަށް ކުޅުނު ދެ ކުޅުންތެރިންނެވެ. އީސަ ވިކްޓަރީ އަށް ކުޅެން ފެށީ ވިކްޓްރީގެ އެއް ވަނަ ކޯޗް މައުރޫފް އަހްމަދު (މާއްޓޭ) ކޯޗު ކަމުގެ ދަށުން ނެވެ.
އޭނާ އަށް މެސީގެ ނަމުން ނަން ދިނީވެސް މާއްޓޭ އެވެ.
އައިއެފްސީއިން ކެރިއާ ފެށި ބަކާ އައިއެފްސީ އަށް ގެނައީ މާއްޓޭ އެޓީމުގެ ކޯޗް ކަމާ ހަވާލުވެ އެވެ. އޭނާ އަށް ވެސް ބަކާގެ ނަން ދިނީ މާއްޓޭ އެވެ.
ބަކާ ވަނީ ދެހާސް ފަނަރަ ވަނަ އަހަރު މިޔަންމާގެ ކޭބީޒެޑް އެފްސީ އަށް ވެސް ކުޅެފަ އެވެ. އެއަހަރު އެ ޓީމުން މިޔަންމާގެ ޕްރިމިއާ ލީގްގެ ދެ ވަނަ ހޯދިއިރު ބަކާ ވަނީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.
ބަކާ އާއި އީސަ ސޮއި ކުރުމާއެކު އެހެން ޓީމަކުން ވިކްޓަރީއާ ގުޅުނު ދިވެހި ކުޅުންތެރިންގެ އަދަދު ހަތަރަކަށް އެރީ އެވެ.
މީގެ އިތުރުން މިދިޔަ ސީޒަންގައި އީގަލްސް އަށް ކުޅުނު މިސްރުގެ މިޑްފީލްޑާ މުސްތަފާ މުހައްމަދު ސެޑިކްވެސް ވަނީ އެ ޓީމަށް ސޮއި ކޮށްފަ އެވެ.