ބޮލީވުޑް

"އޯކޭ ޖާނޫ" އަށް "އާޝިގީ 2" ގެ ޖާދޫ ދައްކާލެވޭނެތަ؟

Jan 13, 2017

"އާޝިގީ 2" އާއެކު ޒުވާން ދެތަރިން ކަމަށްވާ އަދިތްޔަ ރޯއި ކަޕޫރާއި ޝްރަދާ ކަޕޫރު ވަނީ ބެލުންތެރިންގެ މެދުގައި އެންމެ ލޯބި ޖޯޑަށް ވެގެން ގޮސްފަ އެވެ.

އެ ފިލްމަށްފަހު މި ދެތަރިންގެ ފުރަތަމަ ފިލްމުގެ ގޮތުގައި ނިކުން "އޯކޭ ޖާނޫ" އަކީ މަނީ ރަތުނަމް ޑައިރެކްޓްކޮށްފައިވާ "އޯކޭ ކަންމަނީ" ކިޔާ ތަމަޅަ ފިލްމެއްގެ ރިމޭކް އެކެވެ.

ޝާދް އަލީ ޑައިރެކްޓްކޮށް، ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސް ކޮށްފައިވާ "އޯކޭ ޖާނޫ" އަކީ ވަރަށް ޒަމާނީ ދެ ލޯބިވެރިންގެ ލޯބީގެ ވާހަކަ އެވެ.

"އާޝިގީ 2" އަށްފަހު މި ދެ ތަރިން ލޯބީގެ ޖާދޫގައި ޖެހިފައި ތިބި އެތައް މިލިއަން ފޭނުންނަށް މުޅިން އާ ފިލްމެއް ބަލައިލަން ފުރުސަތު ލިބޭތީ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އަންނައިރު، މާދަމާ ރިލީޒްކުރާ މި ފިލްމާއެކު "އާޝިގީ 2" ގައި ދައްކުވާލި ޖާދޫ އަލުން ދައްކާލެވިދާނެތޯ މިއީ އުފެދޭ އެންމެ ބޮޑު ސުވާލެވެ.

މި ސިލްސިލާގެ ތަމަޅަ ފިލްމު "އޯކޭ ކަންމާނީ" އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ފިލްމަކަށް ވުމުން، އެ ފިލްމަށް ލިބުނު ވަރުގެ ބޮޑު ކާމިޔާބީއެއް މިފިލްމަށް ލިބިދާނެތީ މިއީ ވެސް ކުރެވޭ ސުވާލެކެވެ.

އެގޮތުން "އާޝިގީ 2" އާއި "އޯކޭ ކަންމާނީ" އަށް ވަކި މި ފިލްމު ދޫ ނުކުރާނެ ކަމަށް ބުނެވެމުން އަންނައިރު، މިއަދު ރިލީޒްކުރާ މި ފިލްމު ބޮކްސް އޮފީހުގައި ފިޔަޖަހާލައި ޒުވާނުންގެ ހިތް އަތުލާނެކަމަށް ބެލެވެނީ ތިރީގައިވާ ހަތަރު ސަބަބާ ހެދި އެވެ.

1. ޝްރަދާ އާއި އަދިތްޔަގެ "ލޯބި" ޖޯޑު

ޝްރަދާ އާއި އަދިތްޔަ އެކުގައި ކުޅުނު ފުރަތަމަ ފިލްމުގައި އެދެތަރިންގެ ކެމިސްޓްރީ ފުރިހަމަ ކަމުގެ ވާހަކަ އަދިވެސް ދެކެވެމުން އަންނައިރު "އާޝިގީ 2" ރިލީޒްކުރުމާ އެކު މިދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަތައް ވަނީ ދެކެވިގެން ގޮސްފަ އެވެ. ފިލްމުގެ ޓްރެއިލާ އާއި ލަވަތަކުން ވެސް ކުރީގެ ޖާދޫވީ ކެމިސްޓްރީ ދެތަރިން ވެސް ދައްކުވާލާފައިވާއިރު، މިދެތަރިންގެ އާދަޔާ ހިލާފު ލޯބީގެ ކެމިސްޓްރީގެ ސަބަބުން މިއީ އެއްގޮތަކަށް ވެސް ނުބަލައި ދޫކޮށްލާ ވަރުގެ ފިލްމެއް ނޫނެވެ.

2. އޮރިޖިނަލް ފިލްމުގެ ކާމިޔާބީ

މަނީ ރަތްނަމް ޑައިރެކްޓްކޮށްފައިވާ "އޯކޭ ކަންމާނީ" ގެ ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ ތަމަޅަ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ދުލްގުއާ ސަލްމާން އާއި ނިތްޔާ މެނެން އެވެ. އެފިލްމަކީ ބްލޮކްބާސްޓާގެ ދަރަޖަ ލިބުނު ފިލްމަކަށްވީއިރު، އެފިލްމެކޭ އެއްވަރަށް ފިލްމުގެ ލަވަތަކަށް ވެސް ވަނީ ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފަ އެވެ. އަދި މި ފިލްމުގެ ހިންދީ ރިމޭކް އެއް ހެދިއިރު ޝާދް އަލީ ވަނީ "އޯކޭ ކަންމާނީ" އާ "އޯކޭ ޖާނޫ" އެއްގޮތަކަށް އުފައްދާފަ އެވެ. ހަމައެކަނި ތަފާތީ ފިލްމުގެ ތަރިންނާއި ފެނިގެންދާ މަންޒަރުތަކެވެ. އެހެންކަމުން އޮރިޖިނަލްގެ ފިލްމުގެ ރަހަ "އޯކޭ ޖާނޫ" ގައި ވެސް އެވަރަށް ހުންނާނެ ކަމަށް ބެލެވެ އެވެ.

3. އޭ.އާރް ރަހްމާންގެ ހިތްގައިމު މިއުޒިކް

ޢޭ.އާރް ރަހްމާންގެ ހިތްގައިމު މިއުޒިކްގެ އަވައިގައި ޖެހިފައިނުވާ މީހެއް ނެތޭ މީހެއް ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މިހާރު ވެސް މި ފިލްމުގެ ލަވަތަކަށް ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ފަހަތުގައި ފިލްމުގެ މިއުޒިކް ރީތިވުން ހިމެނެ އެވެ. "އޯކޭ ކަންމާނީ" ގެ މިއުޒިކް ވެސް ތައްޔާރުކޮށްފައިވާ ރަހުމާން "އޯކޭ ޖާނޫ" އަށް ތައްޔާރުކޮށްފައިވާއިރު، މި ފިލްމުގެ "ހައްމާ" ލަވަ އާއި ޓައިޓަލް ލަވަ ވަނީ އެތައް ބައެއްގެ ހިތް އަތުލާފަ އެވެ. މި ފިލްމުގެ ލަވަ ކާމިޔާބުމުގެ އެއް ސިއްރަކީ ޒުވާނުންނާ ގުޅޭގޮތަށް ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވުމެވެ. މީގެއިތުރުން ވެސް ޒުލްޒާރުގެ އަސަރުގަދަ ލިރިކްސްގެ ޖާދޫވެސް ލަވަތަކުގައި ހިމެނެ އެވެ.

4. ރީތި ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމަކަށްވުން

"އޯކޭ ޖާނޫ" އަކީ އެއްކޮށް އެއްގެއެއްގައި ދިރިއުޅެމުން އައި ދެ ޒުވާނަކަށް އެކަކު އަނެކަކު ދެކެ ލޯބިވެވި، ކައިވެނިނުކޮށް އެކުގައި ދިރުއުޅެމުން އައި ދެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހަދަން ކުރިއަށްދާން ބޭނުންވާ ދާއިރާ ކަނޑައަޅާ ހިސާބުން ދެމީހުންގެ ދެމެދުގައި ޖެހޭ މައްސަަލަތައް ފެނިގެންދާ ޒުވާން ލޯބީގެ ވާހަކަ އެކެވެ.