މިދިޔަ ސީޒަންގައި ވިކްޓަރީގެ ކެޕްޓަންކަން ކުރި ޑިފެންޑަރު ރިލުވާން ވަހީދު (ރިލޭ) މިއަހަރު ވެސް އެ ކުލަބުގައި މަޑުކުރަން ނިންމައި ޓީމުގެ ކޮންޓްރެކްޓް އާ ކޮށްފި އެވެ.
ރިލޭ ކޮންޓްރެކްޓް އާ ކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.
މިދިޔަ ސީޒަން ނިއުރޭޑިއަންޓުން ފެށި ރިލޭ ވިކްޓަރީއާ ގުޅުނީ ސިޒަންގެ މެދުތެރެއިން ނެވެ. އޭރު ވިކްޓަރީގެ ކޯޗް ކަމާ ހަންގޭރީގެ ލާސްލޯ ކިސް ހަވާލުވެ ޓީމުގެ ކެޕްޓަން ބޭންޑް ރިލޭއަށް ދިނެވެ.
ދެހާސް ހަ ވަނަ އަހަރު ވެލެންސިއާ އިން ސީނިއާ ކެރިއާ ފެށި ރިލޭ ވަނީ 2012 ވަނަ އަހަރު ވެސް ވިކްޓަރީ އަށް ބަދަލުވެފަ އެވެ.
ދެހާސް ތޭރަ ވަނަ އަހަރު ނިއު އިން ސީޒަންގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރިއިރު، އޭނާ ވަނީ ޓީމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.
"ވިކްޓަރީގައި މަޑު ކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ ޓީމުގެ މެނޭޖްމެންޓުން ކުޅުންތެރިންގެ ކަންކަން ބަރާބަރަށް ފުރިހަމަ ކުރުމަށް ދޭ އަހަމިއްޔަތު. އަދި މަންމަ އާއި ބައްޕަ ވެސް ލަފާ ދިނީ ވިކްޓްރީގައި މަޑު ކުރަން." ރިލޭ، 25 ބުންޏެވެ.
އަލަށް ގުޅުނު ކުޅުންތެރިންނާއެކު ވަރުގަދަ ވިކްޓަރީ ސްކޮޑެއް އެބައޮތެވެ. އަދި މިދިޔަ ސީޒަންގައި އެހެން ޓީމުތަކުން ފާހަގަ ކުރެވުނު ބިދޭސީ ކުޅުންތެރިން އެޓީމަށް ގެނެސް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް އެޓީމުގެ މެނޭޖްމެންޓުން ދަނީ ކުރަމުންނެވެ.
"ތަށި ހޯދޭނެ ފެންވަރުގެ ޓީމެއް ވިކްޓަރީގައި ވެސް މިހާރު އެބައޮތް. އިރާދަ ކުރެއްވިޔާ މިއަހަރު އަޅުގަނޑުގެ ފުޓްބޯޅަ ކެރިއާގައި އެންމެ ކާމިޔާބު ސީޒަނަށް ހެދުމަށް މަސައްކަތް ކުރާނަން،"
"ވިކްޓަރީގެ މިއޮތް މެނޭޖްމެންޓާ މެދު ވަރަށް ހިތް ހަމަޖެހޭ. ހާއްސަ ކޮށް އާ ޗެއާޕާސަން ޓީމާ ހަވާލުވި ފަހުން ކުޅުންތެރިންގެ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓާ. ފައިސާގެ ކަންކަންވެސް ދިނުމަށް ހަމަޖައްސާފައި އޮންނަ ދުވަހު ދޭ، ކުޅުންތެރިޔަކަށް އިންޖަރީއެއް ވިޔަސް އެކަންކަންވެސް ބަލަހައްޓާ."