ތިލަފުށި

ސިނާއީ މަސައްކަތްތަކަށް ތިލަފުށިން ބިން ކުއްޔަށް ދެނީ

Jan 12, 2017

ތިލަފުށީގެ ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީއައިޒެޑް) ސަރަހައްދުން ގުދަން ކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިން ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ބިން ކުއްޔަށް ހިފުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކާއި ކުންފުނިތަކަށް ވަނީ ހުޅުވާލާފަ އެވެ.

ތިލަފުށި ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އިންޑަސްޓްރިއަލް ޒޯނުން ގުދަން ކުރުމާއި ސިނާއީ މަސައްކަތްތަކަށް ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އެކަމަށް ރަޖިސްޓްރީކޮށް ބީލަން ހުށަހަޅަން މި މަހުގެ ނިޔަލަށް މުއްދަތު ދީފައިވާ ކަމަށެވެ. ރަޖިސްޓްރީ ފީއަކަށް ކަނޑައަޅާފައިވަނީ 200 ރުފިޔާއެވެ. ބީލަން ހުށަހަޅަން ގަސްތުކުރާ ކޮންމެ ޕްލޮޓަކަށް ވަކިން ރަޖިސްޓަރީކުރަންވާނެ ކަމަށް އެ ކުންފުނިން ބުންނެވެ.

ބީލަން ހުށަހަޅާ ކޮންމެ ޕްލޮޓަކަށް 5،000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭއިރު، ބިޑް ސެކިއުރިޓީ ބަލައިގަތުމުގެ ފަހު ތާރީހަކީ މިމަހުގެ 30 އެވެ.

ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ތިލަފުށިން ކުއްޔަށް ދޫކުރަން ނިންމާފައިވަނީ 1385 އަކަފޫޓާއި 20067 އަކަފޫޓާއި ދެމެދުގެ ޖުމްލަ 40 ބިމެވެ. މިބިންތައް ކުއްޔަށް ދެނީ 25 އަހަރުގެ މުއްދަތަށެވެ.

ގުދަން ކުރުމަށާއި ސިނާއީ މަސައްކަތްތަކަށް 1,300 އަކަފޫޓާއި 20,000 އަކަފޫޓާ ދެމެދުގެ 40 ބިމެއް ކުއްޔަށް ދޭން ތިލަފުށިން މިދިޔަ މަހުވެސް ތިލަފުށި ކޯޕަރޭޝަނުން އިއުލާންކުރި އެވެ. އެ ފުރުސަތުގައިވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބިން ކުއްޔަށް ނެގުމަށް ކުރިމަތިލާފައިވެ އެވެ.

ތިލަފުށިން ދޫކުރާ ބިންތަކަށް ވިޔަފާރިވެރިންގެ ފަރާތުން ބޮޑު ޑިމާންޑެއް ލިބެމުންދާއިރު، ބިންތައް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ އަކަފޫޓަކަށް ފަސް ރުފިޔާގެ ރޭޓުންނެވެ. އެ ރޭޓުން ތިލަފުށިން ބިންތައް ދޫކުރުމަށް ނިންމާފައިވާއިރު، މާލޭގައި އެ އަގު އާންމުކޮށް އުޅެނީ 50-80 ރ. އާ ދޭތެރޭގަ އެވެ. ހުޅުމާލޭގައި ނަމަ ވިޔަފާރިތަކަށް ދޫކުރާ ބިންތަކުން އަކަ ފޫޓަކަށް ނަގަނީ 8ރ. އެވެ. ގުޅީފަޅުން އާންމުކޮށް މި ރޭޓް އުޅެނީ 3-5ރ. އާ ދޭތެރޭގަ އެވެ. ތިލަފުށިން ކުރިން އަކަފޫޓެއް އެއް ރުފިޔާއަށް ވިއްކަމުން ދިޔަ ނަމަވެސް ފަސް ރުފިޔާއަށް ވިއްކަން ނިންމީ، ތިލަފުށީގެ ތަރައްގީގެ މަޝްރޫއުތަކަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ އާއި އެ ރަށުގައި ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށެވެ.