ހަބަރު

ތިލަފުށީގައި ކުނި ބަންދުކުރާ ސިސްޓަމް ބަހައްޓަން ބޭރުގެ ބަޔަކަށްދީފި

ތިލަފުށީގައި ގާއިމް ކުރާ ކުނި އަންދާ މެޝިން ނުވަތަ އިންސިނަރޭޓަރަށް ބޭނުންވާ އެސޯސިއޭޓް އިކްއިޕްމެންޓް، ވޭސްޓް ބޭލިން ސިސްޓަމް ސަޕްލައިކޮށް ގާއިމް ކުރުމަށް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސުވިޑްންގެ ކުންފުންޏެއް ކަމަށްވާ ފްލެކްސަސް ބަލާސިސްޓަމް އޭބީއާ އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. އަދި ފްލެކްސަސް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސޭލްސް ޑިރެކްޓަރު ޕީޓާ ސުވެންސަނެވެ. ފަސް މަސް ދުވަހުގެ ތެެރޭގައި މަސައްކަތް ނިންމަން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 1.76 މިލިއަން ޑޮލަރަށެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، މިއަދު ހަވާލުކުރެވުނު ބޭލިން ސިސްޓަމުން ތިލަފުއްޓަށް ގެންދާ ކުނި ބޭލް ނުވަތަ ބަންދު ކުރަން ބޭނުން ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ، އެ ސިސްޓަމުން ބަންދު ކުރާނީ ބޮޑަށް ކުނިވާ ޒާތުގެ ކުނި ކަމަށާއި އެ ސިސްޓަމުން 20 ޓަނުގެ ކުނި ބޭލް ކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ތިލަފުށީގައި ގާއިމްކުރާ 20 ޓަނުގެ އިންސިނަރޭޓަރުން އެ ސިސްޓަމުން ބަންދު ކުރާ ކުނި އެންދިގެންދާނެ ކަމަށެވެ. އަދި އެ އިންސިނަރޭޓަރުގެ ސަބަބުން މާލެއާއި މާލެ ކަިރި ރަށްތަކަށް އަރާ ދުމާއި ވަސް ކޮންޓްރޯލް ކުރެވިގެންދާނެ ކަމަށާއި އިންސިނަރޭޓަރުން ތިލަފުށީގައި އަންދާ އެންދުން މަދުވެ ވަސް ކޮންޓްރޯލް ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ސިސްޓަމުން ތިލަފުއްޓަށް ގެންދާ ކުނި ބޭލް ކުރަން ނުވަތަ ބަންދު ކުރަން ބޭނުން ކުރެވޭނީ، ވިހި ޓަނުގެ ކުނި ބޭލް ކުރެވޭނެ ސިސްޓަމުން، އެ ކުނިތައް ބޭލް ކޮށްފަ އިންސިނަރޭޓަރު އިންސްޓޯލް ކުރުމަށްފަހު އެއަށް ފީޑް ކުރެވިގެންދާނީ، ބޮޑަށް ބަނދު ކުރެވޭނީ ކުނިވާ ނުވަތަ ނުބައި ވަސްދުވާ ކުނިތައް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ތިލަދުށީގައި މިވަގުތު ކުނި މެނޭޖް ކުރެވެމުންދަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށާއި ސަރުކާރުން އިސްނަގައިގެން ކުނި މެނޭޖް ކުރުމުގެ އިތުރު މަސައްކަތް ތަކެއް ކުރަމުންދާ ކަމަށެވެ އެގޮތުން އޭޑީބީގެ އެހީއާއެކު ތިލަފުށީގައި 15 ހެކްޓަރުގެ ބިމެއް ވެމްކޯއަށް ކަންޑައަޅައި އެތަން ހިއްކުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.\

އެ ކޮންޓްރެކްޓުގެ ދަށުން ތިލަފުށީގައި ގާއިމުކުރެވޭ އިންސިނެރޭޝަން ފެސިލިޓީއަށް ވޭސްޓް ބޭލިން ސިސްޓަމް ގާއިމުކުރެވި އެ ސިސްޓަމް އޮޕަރޭޓް ކުރާނެ ގޮތުގެ ތަމްރީނުވެސް ކަމާގުޅޭ ދެވިގެންދާނެ އެވެ.