ތިލަފުށި

ތިލަފުށިން ހުޅުވާލި 40 ބިމަށް 50 ޕާޓީއެއް ޝައުގުވެރިވެއްޖެ

  • ބިންތަކަށް ވަރަށް ޑިމާންޑް ބޮޑު
  • މުއްދަތު ހަމަވާނީ މާދަމާގެ ނިޔަލަށް
  • ދޫކުރަނީ އަކަފޫޓަކަށް 5ރ. ގޭ ރޭޓުން

ސިނާއީ ރަށް، ތިލަފުށިން އަލަށް ހިއްކާފައިވާ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު (ޓީއައިޒެޑް) އިން ބިން ކުއްޔަށް ދޭން ހުޅުވާލި ފުރުސަތުގައި މިހާތަނަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ތިލަފުށި ކޯޕަރޭޝަން ބުނެފި އެވެ.

ޓީއައިޒެޑުން ކުއްޔަށް ދޫކުރާ ބިންތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފަހު ތާރީހަކީ މާދަމާ އެވެ. މިއީ ގުދަން ކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ދޫކުރާ 1,300 އަކަފޫޓާއި 20,000 އަކަފޫޓާ ދެމެދުގެ 40 ބިމެކެވެ.

އެ ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފް މިއަދު ވިދާޅުވީ، އާ ސަރަހައްދުން ކުއްޔަށް ދޫކުރާ 40 ބިމަށް މިހާރު ވެސް 50 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. މި ބިންތައް ދޫކުރުމުން، ބިންތަކަށް ގިނަ ވިޔަފާރިވެރިންތަކެއް ޝައުގުވެރިކަން ފާޅުކޮށްފައިވުމުން ބިންތަކަށް އޮތް ޑިމާންޑް ހާމަވާ ކަމަށް ވެސް ނާސިފް ވިދާޅުވި އެވެ.

ބިންތައް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ އަކަފޫޓަކަށް ފަސް ރުފިޔާގެ ރޭޓުންނެވެ. އެ ރޭޓުން ތިލަފުށިން ބިންތައް ދޫކުރުމަށް ނިންމާފައިވާއިރު، މާލޭގައި އެ އަގު އާންމުކޮށް އުޅެނީ 50-80 ރ. އާ ދޭތެރޭގަ އެވެ. ހުޅުމާލޭގައި ނަމަ ވިޔަފާރިތަކަށް ދޫކުރާ ބިންތަކުން އަކަ ފޫޓަކަށް ނަގަނީ 8ރ. އެވެ. ގުޅީފަޅުން އާންމުކޮށް މި ރޭޓް އުޅެނީ 3-5ރ. އާ ދޭތެރޭގަ އެވެ. ތިލަފުށިން ކުރިން އަކަފޫޓެއް އެއް ރުފިޔާއަށް ވިއްކަމުން ދިޔަ ނަމަވެސް ފަސް ރުފިޔާއަށް ވިއްކަން ނިންމީ، ތިލަފުށީގެ ތަރައްގީގެ މަޝްރޫއުތަކަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ އާއި އެ ރަށުގައި ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށެވެ.

ބިންތަކުގެ ތަފުސީލު

  • 4،000 އަކަފޫޓާއި 20،000 އަކަފޫޓާ ދެމެދުގެ 18 ބިން ގުދަންކުރުމަށް
  • 1500 އަކަފޫޓާއި 6،000 އަކަފޫޓާ ދެމެދުގެ 20 ބިން ސިނާއީ މަސައްކަތްތަކަށް
  • 10,028 އަކަފޫޓާއި 10,059 އަކަފޫޓުާ ދެމެދުގެ ދެ ބިން ކޯލްޑް ސްޓޯރޭޖަށް

ބިންތައް އާ ސަރަހައްދުން ކުއްޔަށް ދޫކުރާއިރު އެ ޒޯނަށް ފެނާއި ކަރަންޓު އަދިވެސް ލިބިފައިނުވާތީ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރެ އެވެ.

ނާސިފް ވިދާޅުވީ، އެ ސަރަހައްދަށް ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ކަރަންޓާއި ފެން ލިބޭނެ ކަމަށާއި އެ ޒޯނާއި މައި ތިލަފުއްޓާ ގުޅޭ މަގުގެ މަސައްކަތް ނިންމަން މިހާރުވެސް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. އެ މަގާއެކު އެ ސަރަހައްދަށް ފެނާއި ކަރަންޓު ގުޅާލާނެ އެވެ.

ނާސިފް ވިދާޅުވީ ތިލަފުށީގައި އަޅައި ނުލެވި ދޫކޮށްލެވިފައި ހުރި ކަންކަން ރަނގަޅު ކުރަން ފާއިތުވި އަހަރެއްހައި ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެގޮތުން ވިޔަފާރީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ތިލަފުށީގެ އާންމު ގަވާއިދަށް ބަދަލުތަކެއް ގެނެސް، އެތަނުގައި ފުލުހުންގެ މަރުކަޒެއް ގާއިމްކޮށް ފުލުހުންނަށް އެތަނުގައި ހަރަކާތްތެރިވެ އުޅެވޭނެ ހަދައިދީފައިވާ ކަމަށެވެ.

މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަލިފާން ނިއްވުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައިވާ އިރު ތިލަފުށީގައި ފެރީ ޓާމިނަލެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ. މީގެ އިތުރުން ބަހުގެ ހިދުމަތް ފެށުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ. ތިލަފުއްޓަށް ދެން އެންމެ އަވަހަށް ގެންދާނީ ކްލިނިކެކެވެ.