ބޮލީވުޑް

ސަންޖޭ ދަތު ބައޮޕިކްގެ ޝޫޓިން ރަންބީރު ފަށަނީ

Jan 13, 2017

މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އުފައްދާ ފިލްމުގެ ޝޫޓިން މާދަމާ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ސަންޖޭގެ ރޯލުން ޒުވާން އެކްޓަރު ރަންބީރު ކަޕޫރު ފެނިގެންދާ މި ފިލްމުގެ ޝޫޓިން މަދާމާ ފަށާއިރު، ފިލްމާ ގުޅޭ އެއްވެސް މައުލޫމާތެއް އާންމުނަށް އެނގިދާނެތީ ހިރާނީ އުޅެނީ ވަރަށް ސިއްރުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރިލީޒްވި ރަންބީރުގެ "އޭ ދިލްހޭ މުޝްކިލް" އަށް ފަހު ރަންބީރު އައީ ސަންޖޭގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމަށް ތައްޔާރުވަމުންނެވެ.

މާދަމާ މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މުމްބައިގަ އެވެ. އެގޮތުން އެންމެފުރަތަމަ ނެގުމަށް ހަމަޖެހިފައިވަނީ ސަންޖޭގެ ހަޔާތާ ގުޅޭގޮތުން ހިނގާފައިވާ އެންމެ ހައިރާންކުރުވަނިމި ހާދިސާތަކުގެ މަންޒަރުތައް ކަމަށްވެ އެވެ. އަދި ބުނެވޭ ގޮތުގައި މި ފިލްމުގައި ބޮޑަށް ފެނިގެންދާނީ ސަންޖޭ ދަތު ޔަރްވަދާ ޖަލުގައި ހޭދަކުރި ދުވަސްތަކުގެ ހާދިސާތަކެވެ.

ސަންޖޭގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ރަންބީރު ވަނީ ފާއިތުވި ދުވަސްތަކުގައި އޭނާގެ ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށް ހަށިގަނޑަށް ބޮޑު ބަދަލުތަކއް ގެނެސްފަ އެވެ. ހަށިގަނޑަށް ބަދަލު ގެނައި ނަމަވެސް ސަންޖޭ ދަތުގެ ސިފަ ޖެއްސުމަށްޓަކައި އެއްވެސް ކަހަލަ ޕްރޮސްތެޓިކެއް ރަންބީރު މި ފިލްމުގައި ބޭނުންނުކުރާނެ ކަމަށްވެ އެވެ.

ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ 25 ގައި ސަންޖޭ ދަތު ޖަލުން ނުކުތް މަންޒަރު ފިލްމުގެ ހިމެނުމަށް ވަނީ ނިންމާފަ އެވެ.

އަދި ނަމެއް ދީފައިނުވާ މި ފިލްމަކީ ބޮލީވުޑްގެ ތަރިއެއްގެ ހަޔާތުގެ މައްޗަށް އުފައްދާ ފުރަތަމަ ފިލްމެވެ. އަދި މި ފިލްމުގެ ރަންބީރާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިން ހާމަކޮށްފައެއްނުވެ އެވެ.