ކުޅިވަރު

މާޒިޔާގެ ފެހި ފިލޯސަފީ، ޓީމުތަކަށް ފަހި ފިލާވަޅެއް!

ދެހާސް ހަ ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަން ފެށި މާޒިޔާ އަކީ މިވަގުތު ރާއްޖޭގެ ފުޓްބޯޅައިގައި އޮތް އެންމެ ބޮޑު ބާރު ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. ފާއިތުވެދިޔަ 10 އަހަރު އެއް ވަރެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިޔަ އެހެން ޓީމެއް މާޒިޔާ ނޫނީ ނެތެވެ. މިދިޔަ 10 އަހަރުގެ ތާރީހަށް ބަލާއިރު އަހަރުން އަހަރަށް ކުރިއަރަމުން އައި ހަމަ އެކަނި ޓީމަކީވެސް މާޒިޔާ އެވެ. ފުޓްބޯޅައިގެ ޒަމާންވީ ގަދަ ބާރުތަކާއި، ބޮޑެތި ވިޔަފާރި ބްރޭންޑްތަކުގެ ނަމުގައި ނިކުތް އެހެން ކުލަބުތައް އަރިއަޅައި، ފުރޮޅާލި އިރުވެސް ދެމެހެއްޓެނިވި ގޮތެއްގައި މާޒިޔާ ހިފެހެއްޓި އެވެ.

މާޒިޔާގެ މި ކާމިޔާބުގެ އެންމެ މުހިންމު ރުކުނަކީ އެ ޓީމުން ގެންގުޅޭ މެނޭޖެމްމެންޓް ފިލޯސަފީ އެވެ. ރާއްޖޭގެ އެހެން ކުލަބުތަކުގެ ހާލަތަށް ބަލައި ފިނަމަ، މެނޭޖްމެންޓް ބަދަލުވެ، މަސައްކަތް ކުރާ ފިލޯސަފީ އާއި މަސައްކަތް ކުރާ ގޮތްވެސް ތަފާތު ވެއެވެ. ނަމަވެސް މާޒިޔާގައި އެކަން ހިނގަނީ އެހެން ނޫނެވެ.

އެހެން ކުލަބުތަކާއި މާޒިޔާގެ މެނޭޖްމެންޓް ގެންގުޅޭ އުސޫލުތަކާ ތަފާތުވާ ސަބަބަކީ ކޮބައި ހެއްޔެވެ؟

"މާޒިޔާ ހިންގުމުގައި ވެސް އުޅޭނީ ތަފާތު ހިޔާލުގެ މީހުން، އެއިން ކޮންމެ މީހެއްގެ ވެސް ހިޔާލު ތަފާތު، ނަމަވެސް ކުލަބު ހިންގުމުގައި އެންމެ ފުރަތަމަ އަޅުގަނޑުމެން އެކުލަވާލީ ވިސްނުމެއް ނޫނީ ޕްލޭނެއް، އޭރުން ތަފާތު ހިޔާލުގެ މީހުން ތިއްބަސް އެންމެންވެސް މަސައްކަތް ކުރާނީ ކުލަބުގެ ކަނޑައަޅާފައި އޮތް ޕްލޭނާ އެއް ގޮތަށް،" ކުޅިވަރު އެކުވެނީގެ ޓާފް ދަނޑުގައި ކުރިއަށް ދިޔަ މާޒިޔާގެ ޕްރެކްޓިސް ޝެޝަން ބައްލަވާލަން ވަޑައިގެން ހުންނަވަނިކޮށް މާޒިޔާގެ ސީއީއޯ ހުސައިން ޝިފާއު (ކޮކީ) އާ އަވަސް އިން ސުވާލު ކުރުމުން ވިދާޅުވިއެވެ.

މީގެ 10 އަހަރު ކުރިން ފެށިގެން މާޒިޔާގެ ހިންގުމުގައި ހަރަކާތްތެރި ވަމުން ގޮސްފައިވަނީ އެއް ބައެކެވެ. މާޒިޔާގެ ބޯޑަށް މާ ބޮޑެތި ބަދަލު ތަކެއް އައިސްފަ އެއް ނުވެއެވެ. ނަމަވެސް އެހެން ކުލަބުތަކުގައި އަވަހަށް ބޯޑު ބަދަލުވުމަކީ އާންމު ކަންކަމެވެ.

"މި ތިބެނީ ހަމަ އެއް ބައެއް މި ބަދަލެއް ނުވާނެ، ނުވަތަ އެހެން މީހަކު މީގެ ތެރެއަށް އަޔަސް މަސައްކަތް ކުރަންޖެހޭނީ ކުލަބުގެ ވިސްނުމާ އެއްގޮތަށް އެއީ ވަކި މީހެއްގެ ވިސްނުމެއް ނޫން އެއީ ކުލަބުގެ ވިސްނުމެއް." ކޮކީ އިތުރަށް ވިދާޅުވި އެވެ.

މާޒިޔާގެ "ފެހި" ވިސްނުމުގެ އަނެއް ފިލޯސަފީ އަކީ، ދުރު ރާސްތާ ޕްލޭން ރޭވުމެވެ. މިއީ ރާއްޖޭގެ ކުލަބުތަކުގައި އެކަށައެޅިފައި ނެތް ވިސްނުމެކޭ ދަންނަވަން ޖެހެއެވެ. ބޮޑުއަގުގައި ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަ ކުރާއިރު ދުރު ރާސްތާ ޕްލޭން، ނުވަތަ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމަށް ކުރެވޭ ހަރަދެއްގެ ވާހަކަތަކެއް އަޑެއް ނިވެއެވެ.

ފުރަތަމަ ޑިވިޝަނުން މާޒިޔާ ފަށައިގަތީ ވެސް ޕްލޭނަކުން ނެވެ. އެއީ ދުރަށް ވިސްނައިގެން އެކަށައަޅާފައިވާ ޕްލޭނެކެވެ.

"އެންމެ ފުރަތަމަ ހަތަރު އަހަރު ޓާގެޓް ކުރީ ފުރަތަމަ ޑިވިޝާންގައި ދެމި އޮތުން މުބާރާތުގެ ފައިނަލަކަށް ދިއުމަށް 2011 ގައި، މިއީ އަޅުގަނޑުމެން ކަނޑައެޅި ޕްލޭން،" މާޒިޔާގެ ޕްލޭނާ ބެހޭގޮތުން ކޮކީ ވިދާޅު ވިއެވެ.

އެ އަހަރު މާޒިޔާއިން ވަނީ އެ ޕްލޭންގެ މަގުސަދު ހާސިލު ކޮށްފަ އެވެ. ދެހާސް އެގާރަ ވަނަ އަހަރު އެ ޓީމު ވަނީ އެފްއޭކަޕްގެ ފައިނަލަށް ދަތު ކޮށްފައެވެ. ޖެހިގެން އައި 2012 ވަނަ އަހަރު އެފްއޭކަޕް ކާމިޔާބު ކުރި އެވެ.

މާޒިޔާގެ ވިސްނުން ކަމުގޮސްގެން އެވާހަކަ ހިއްސާ ކުރި ކޯޗަކީ އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) އެވެ.

"އަޅުގަނޑަށް ހީވަނީ މާޒިޔާ އަކީ އަޅުގަނޑުމެން ހުރިހާ ކުލަބަކަށް ވެސް ނަމުނާ އެއް ހެން އަޅުގަނޑުމެން އީގަލްސް އިން ވެސް މަސައްކަތް ކުރާނީ މާޒިޔާ މަސައްކަތް ކުރި ގޮތަށް މާޒިޔާ މިސާލަކަށް ބަލައިގެން އަހަރުން އަހަރަށް ކުރި އަރަން." މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރުގެ މެޗަކަށް ފަހު މީޑިއާ އާ ވާހަކަ ދައްކަމުން ސާންތީ ބުންޏެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ބޮޑު ދެ ކުލަބުގެ މޫނު މަތި އާ އަހަރާއެކު ބަދަލު ވެއްޖެއެވެ. ދެ ކުލަބުން ވެސް ދަނީ މިދިޔަ އަހަރަށް ވުރެ ވަރުގަދަ ޓީމެއް އެކުލަވާލަމުންނެވެ. ދުވަސްވީ އަނެއް ކުލަބު ވިކްޓަރީގައި އޮތީ 2012 ގެ ފަހުން އެކުލަބުން ފެންނާނެ އެންމެ ވަރުގަދަ ސްކޮޑެވެ. ނިއުރޭޑިއަންޓްގައި އޮތީ 2013 ގެ ފަހުން، އެ ޓީމުގައި އޮތް އެންމެ ވަރުގަދަ ސްކޮޑަށް މަލަމަތި ދައްކާފަ އެވެ.

އެ ދެކުލަބުގެ އާ ލީޑާޝިޕު ހަވާލުވެގެންވެސް ދެއްކި އެއް ވާހަކަ އެއް އެބައޮތެވެ. އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުލަބަށް ފައިސާ ލިބޭނެ ގޮތްތަކެއް ހޯދުމެވެ. އެންމެ ދުވަސްވީ ދެ ކުލަބު ޗެއާމަނުން މިވާހަކަ ދެއްކިއިރު، މާޒިޔާ އޮތީ މީގެ އަހަރު ތަކެއް ކުރިން ކުލަބަށް ފައިސާ ލިބޭނެ އިތުރު ދޮރުތައް ހުޅުވާފަ އެވެ. ނުވަތަ އިތުރު ދޮރުތައް ހުޅުވަން ތައްޔާރު ވެފައެވެ.

މާޒިޔާގެ ކުރީގެ ކޯޗް އަލީ ސުޒޭން 2015 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ މާޒިޔާ އޮތީ ރަނގަޅު ޓްރެކެއްގައި ކަމަށާއި ކޯޗިން ސްޓާފުން ސްކޮޑު ވަރުގަދަ ކުރުމަށް ވިސްނުން ގެންގުޅޭއިރު، މާޒިޔާގެ މެނޭޖްމެންޓުން ޕްލޭންތައް ހަދަމުން ދަނީ ކުލަބަށް ފައިސާ ވަންނާނެ އިތުރު ގޮތްތަކެއް ހޯދުމަށް ކަމަށެވެ.

"އަޅުގަނޑުމެން ޓެކްނިކަލް ސައިޑުން ވިސްނަމުން މިދަނީ މާޒިޔާގެ ސްކޮޑް އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތަކަށް، ހަމައެގޮތަށް މާޒިޔާގެ މެނޭޖްމެންޓުން ވިސްނަމުން ދަނީ ކުލަބަށް ފައިސާ ހޯދޭނެ އިތުރު ގޮތްތަކަކީ ކޮބައިތޯ މުޅި މާޒިޔާ ޝާމިލު ވަމުންދަނީ ކުލަބު އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތަކަށް." މާޒިޔާ އަކީ ރާއްޖޭގެ "ފުޓްބޯޅައިގެ ބްރޭންޑެއް" ކަމަށް ސިފަ ކޮށް ސުޒޭން ބުނެފައި ވެއެވެ.

މާޒިޔާގެ މެނޭޖްމެންޓުން އެހެން ކުލަބުތައް ފިލާވަޅު ލިބިގަންނަން ޖެހޭ އެންމެ މުހިންމު އަނެއް ކަމަކީ ކުޅުންތެރިންގެ ކަންކަން ބަރާބަރަށް ބެލެހެއްޓުމެވެ. ކުޅުންތެރިންގެ މުސާރަ އާއި އެހެން ކަންކަމަށް މާޒިޔާއިން ދޭ އަހަމިއްޔަތެ ވެ. މާޒިޔާ އަށް މިހާރު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން، އެންމެ ގިނަ ދުވަހު އެކުލަބަށް ކުޅެފައިވާ ކުޅުންތެރިޔަކީ ވައިސް ކެޕްޓަން އަމްދާން އަލީ (އެންޑީ) އެވެ.

ގައުމީ ޓީމުގެ ޑިފެންސުގައިވެސް މުހިންމު ރޯލެއް އަދާ ކުރަމުން އަންނަ އެންޑީ ބުނީ ކުޅުންތެރިންގެ ކަންކަން ގާތުން ބަލަހައްޓާ އެހެން މެނޭޖްމެންޓެއް މާޒިޔާ ނުނީ ނެތް ކަމަށެވެ.

"ދުވަހަކުވެސް ނެތް މުސާރައިގެ މައްސަލައެއް ޖެހިފައި، ދޭން ކަނޑައަޅާފަ އޮންނަ ދުވަހަށް ވުރެ އެންމެ ދުވަހެއްވެސް ލަހެއް ނުވާނެ، ފެމެލީ ކަމެއްގައި ކުޅުންތެރިޔަކު ރަށަށް ދާން ޖެހުނަސް މެނޭޖްމެންޓް ވަރަށް އަންޑަސްޓޭންޑިން، އަދި އެކުޅުންތެރިޔަކު ދިއުމަށްފަހު ވެސް ގަވައިދުން ވާނުވާ ބަލާނެ، މާޒިޔާ އަކީ ރާއްޖޭގެ އެއް ވަނަ މެނޭޖްމެންޓް އެހެން ކުލަބު ތަކަށް ކުޅެފައި މާޒިޔާ އަށް އަންނަ ކުޅުންތެރިން ވެސް އެކަން ފާހަގަ ކުރޭ."

ކުރިއަށް އޮތް އާ ސީޒަނަށް ތައްޔާރު ވުމަށް، މިހާތަނަށް ފީލްޑަށް ނިކުމެ ޕްރެކްޓިސް ފެށި ހަމަ އެކަނި ޓީމަކީވެސް މާޒިޔާ އެވެ. ފައިސާ ހަމަނުޖެހިގެންނާއި ޓީމު ހަމަ ނުކުރެވިގެން އެހެން ޓީމުތައް އަދިވެސް ޕްރެކްޓިސް ނުފަށެވެ.

މާޒިޔާގެ އެހެން އޮފިޝާލަކު ބުނީ މި އަހަރަށް ޓީމު އެކުލަވާލުމަށް، މިދިޔަ ސީޒަން ތެރޭގައި މެނޭޖްމެންޓުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ބިދޭސީ ކުޅުންތެރިންގެ ކަންކަން ފިޔަވައި އެހެން ހުރިހާ ކުޅުންތެރިންގެ ކަންކަން މިދިޔަ ސީޒަން ތެރޭގައި ވާނީ ހަމަ ކޮށްފަ، ބިދޭސީ ކުޅުންތެރިންވެސް ތިބީ ހަމަޖެހިފަ ބައެއް ސަބަބުތަކާ ހުރެ އެ ކުޅުންތެރިންނަށް ނާދެވި ލަސް މިވީ."

މާޒިޔާގެ މެނޭޖްމެންޓް އާޑްވާންސް ސްޕީޑާއެކު، ޓީމުގެ ގިނަ ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކޮށް، ކުޅުންތެރިންނަށް މުސާރައިގެ ކުރިއެރުން ދީ މާޒިޔާގެ ޓީމު އޮތީ އާ ސީޒަނަށް ފައްކާ ކޮށްފައެވެ. ދިވެހި ފުޓްބޯޅައިގެ އާ ގިޔަރު މާޒިޔާއާ އެކު ހިއްލެމުންދާއިރު އެ ކުލަބުގެ ދުވެލި ހުރީ އެހެން ކުލަބުތަކަށް ވުރެ ކުރީގަ އެވެ. ދުއްވަމުން ދަނީ އެހެން ކުލަބުތަކަށް ނަމާނާ ދައްކަމުން ދިވެހި ފުޓްބޯޅަ އަށް ފިލާވަޅު ލިއްބައި ދެމުންނެވެ.