އެމްޑީޕީ

ޗެއާޕާސަންގެ އިންތިހާބު: އެމްޑީޕީ ފަޅައިގެންދާނެ، އެމްޔޫއޯ ނެތިގެންދާނެ!

ކުރިން ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ އާއި އަބަދުވެސް ކޯލިޝަނެއްގައި އޮންނަ އަދާލަތު ޕާޓީ އާއި އެކި ފަހަރު އެކި ކުލަ ޖެހޭ ބަޔަކު އެއްވެގެން އުފެއްދީ އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އެވެ. އިއްތިހާދު އުފެއްދީ ރާއްޖެއިން ބޭރުގަ އެވެ. ހަރަކާތް ފެށީ ރާއްޖެއިން ބޭރުގަ އެވެ. އެކަމަކު އިނގިރޭސިވިލާތުން ރާއްޖެއާ ހަމައަށް އިއްތިހާދަށް އާދެވެންވާއިރަށް ވެސް އެތެރޭގައި ހުޅުހިފި އެވެ. އެ ހުޅު ހިފީ، އިއްތިހާދުގެ ފެށުން ރަނގަޅު ނުވުމުން ކަމަށް ސިޔާސީ ބައެއް ބޭފުޅުން ދެކެ ވަޑައިގަންނަވަ އެވެ.

މައިބަދައިގެ ސާޖަރީއެއް ހައްދަވަން އިނގިރޭސިވިލާތަށް ވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހެއްދެވި "ސާޖަރީއަކީ" އެމްޔޫއޯ އެވެ. އެ އިއްތިހާދަކީ އެމަނިކުފާނުގެ ސިޔާސީ ހުޅުކޮޅު ނިއްވާނުލާ ބޭއްވުމަށް އުފެއްދި އިއްތިހާދެކެވެ. އެއީ އެމްޑީޕީގައި ރައީސް ނަޝީދު ބިނާ ކޮށްފައިވާ އޭނާގެ ބިނާތައް ފުނޑުފުނޑުވެގެން ހިނގައިދާނެ ކަމުގެ ބިރަށެވެ. ބާރުތައް އަތުން ދޫވެދާނެ ކަމުގެ ބިރަށެވެ. އެމްޑީޕީ ހިނގަމުން ދިޔައީ ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށެވެ. އަދި އެއީ އޭނާ ބޭނުންފުޅުވާ ވެސް ގޮތެވެ. ބާރު އޮތީ އެމަނިކުފާނުގެ އަތްޕުޅުގަ އެވެ. ނަމަވެސް ޖަލަށް ވަޑައިގަތުމާއެކު އެ ބާރު އަތުން ދޫވެދާނެ ކަމުގެ ބިރާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެގޮތް މިގޮތް ހަދައިގެން އިނގިރޭސިވިލާތަށް ވަޑައިގެން އިއްތިހާދު "ސާޖަރީ" ހަދަން ޖެހުނީ އެހެންވެގެނެވެ.

"އެމްއޯޔޫގެ ހަގީގީ ބޭނުމަކީ ރައީސް ނަޝީދު އެމްޑީޕީގައި ކުރައްވަމުން ގެންދެވި މަސައްކަތްތަކާއި އެމްޑީޕީގައި އޮތް ތާއީދު ރައީސް ނަޝީދު ނެތުމުން އެހެން މީހަކު އެމްޑީޕީ ހިންގައިގެން އޭތި ފުރޮޅިގެން ހިނގައިދާނެތީވެ އެމްޑީޕީ މީހުން އެންމެ ރުޅި އަންނަ ކަހަލަ މީހުން ލައިގެން މިސާލަކަށް ޖަމީލު ފަދަ މީހުން ލައިގެން ރައީސް ނަޝީދު އުފެއްދި އެއްޗެއް، އޭގެ ސަބަބުން އެމްޑީޕީއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ، އެއީ އެމްޑީޕީގެ ނަން ފަނޑުވެ އެމްޔޫއޯގެ ނަން މައްޗަށް އަރުވަން މަސައްކަތް ކުރާތީ،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ނަޝީދު ހުންނެވީ ޖަލު ހުކުމެއް ތެރޭގަ އެވެ. އެމަނިކުފާނުގެ ފަހަތުން އެމްޑީޕީއިން ދުވެދުވެ އެ ޕާޓީ ވަނީ "ވަރުބަލިވެފަ" އެވެ. މަގު ވެސް ގެއްލިފަ އެވެ. އާ ލިޑާޝިޕަކަށް ބޭނުންވެފަ އެވެ. އެކަން ވަނީ ފެށިފަ އެވެ.

އަލީ ވަހީދު ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އާ ޗެއާޕާސަނެއް ހޮވުމުގެ އިންތިހާބަށް އެމްޑީޕީ ދަނީ ތައްޔާރުވަމުންނެވެ. މިއީ އެމްޑީޕީއަށް އާ ފެށުމެއް ކަމަށް ގަބޫލުކުރެވެ އެވެ. މި މަގާމަށް ކުރިމަތިލައްވާފައިވަނީ ކުރީގެ ޔޫތް މިނިސްޓަރު ހަސަން ލަތީފު އެކަންޏެވެ. ދެން އުފެދޭ ސުވާލަކީ ހަސަން ލަތީފާއެކު އެމްޑީޕީއަށް އަންނާނީ ކޮން ބަދަލެއް ހެއްޔެވެ؟ އޭގެ އަސަރު ރައީސް ނަޝީދަށް ކޮށްފާނެ ހެއްޔެވެ؟

"ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހަސަން ލަތީފު ވަޑައިގެންފިނަމަ ޕާޓީގެ ހަރަކާތްތައް ފުޅާވެ، އާއިލީ ވެރިކަމުގެ ތެރެއިން އެމްޑީޕީ ނިކުމެދާނެ ކަމަށް އަޅުގަނޑަށް ފެންނަނީ، ހަސަން ލަތީފަކީ އިބްރާހިމް އިސްމާއިލް (އިބްރާ) އާއެކު މަސައްކަތް ކޮށްފައިވާ ފަރާތެއް، ހަސަން ލަތީފު އަތުވެއްޖެނަމަ އިބްރާމެންގެ ބާރު އެމްޑީޕީއަށް އަންނާނެ، އެހެންވެއްޖެ ކަމަށްވާނަމަ ރައީސް ނަޝީދު އެންމެ ބޭނުންވާ ގޮތަށް ކަންތައްތަކެއް ނުހިނގާނެ،" މޫސަ ވިދާޅުވި އެވެ.

އެމްޔޫއޯއަކީ ހަގީގަތުގައި އެމްޑީޕީގެ މެންބަރުން ވެސް ގަބޫލު ކުރާ އެއްޗެއް ނޫނެވެ. ސަބަބުތައް ބައިވަރެވެ. ކުރީގެ ދެ ނައިބު ރައީސުން ކަމަށްވާ ޑރ. މުހައްމަދު ޖަމީލާއި އަހުމަދު އަދީބެވެ. ކުރިން "ބާޣީ" އަދި ފަހުން އެމްޑީޕީއަށް ގާޒީއަކަށްވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ. ނަޝީދު އިންތިހާބުވިޔަސް ވެރިކަން ހަވާލު ނުކުރައްވާނެ ކަމަށް ވިދާޅުވި ބޭފުޅަކާއި ގައުމަށް ގައްދާރުވި ބޭފުޅަކާއި އެމްޑީޕީގެ ސަރުކާރު ވެއްޓުނު ސަބަބެއް ކަމަށް އެމްޑީޕީއިން ގަބޫލުކުރާ ބޭފުޅަކާއެކު ނަޝީދު އަތާއި އަތު ގުޅާލުމަށް ގިނަ އާންމު މެންބަރުންގެ މޭ ނުބައިވި އެވެ. އިއްތިހާދުގެ ފެށުން ރަނގަޅު ނޫންކަން މިކަމުން އެނގެ އެވެ. މިހާރު އިއްތިހާދުގެ ލީޑަރު ޖަމީލުގެ ވާހަކައެއް ނުދައްކަ އެވެ. އަދީބާއި ނާޒިމްގެ ވާހަކަ ވެސް ނެތެވެ. ހިޔާލު ތަފާތުވެ، އިއްތިހާދު އެތެރޭގެ ހުޅުގަނޑު ބޮޑުވެފައިވާ ކަމަށް ސަރުކާރު ފަޅީގެ ބޭފުޅުން ވިދާޅުވަނީ އެހެންވެ އެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވާ ގޮތުގައި "ކައްޗަށް އަޅާ ބިންގާ ކެއްޗާ ހަމައަށް ނެގިއަސް ކަތިވާ" ފަދައިން އެމްޔޫއޯއަށް ވީ އެހެނެވެ. ރަނގަޅު، ހަރުދަނާ ފެށުމެއް ނެތި، އުޅޭ ބައެއްގެ ތެރޭގައި އޮންނާނީ ހަމަނުޖެހުމެވެ. ފަޅައިގެންދާނެ އެވެ. އެ މަންޒަރުގެ ފަރުދާ މިދަނީ ކެހެމުންނެވެ.

"އެމްޔޫއޯގެ ބާނީއަކީ ނަޝީދު، އެހެންވެ ނަޝީދަށް ބާރު ނޯންނަ ގޮތަކަށް ނޫނީ ބޭނުންވާ ގޮތް ނޫން ގޮަތަކަށް ނަޝީދަށް ނިސްބަތްވާ އެއްވެސް ޖަމާއަތެއް ހިނގާފައެއް ނުވޭ، އޭނާގެ ވަށައިގެން ހިނގާ އެއްޗެއްގެ ގޮތުގައި އެމްޑީޕީ ވެސް އެމްޔޫއޯ ވެސް ފެންނަނީ، އެހެން މީހުންނަށް ބާރު ލިބޭ ގޮތަށް ހިނގިޔަ ނަޝީދު ނުވެސް ދޭނެ،" ރިޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރުން ކިރިޔާވެސް ބަލައިގަންނަ ބޭފުޅަކަށް އެ އިއްތިހާދުގެ ލީޑަޝިޕްގައި ރައީސް ނަޝީދުގެ އިތުރުން ހުންނެވީ އަލީ ވަހީދެވެ. އޭނާ ވެސް މިހާރު އެވަނީ އެކަމުން އަތް ދޫކޮށް އެކަހެރިވެފަ އެވެ. ސަބަބުތައް އޮންނާނެ އެވެ. އަލީ ވަހީދަށްފަހު އެ މަގާމަށް ވަޑައިގަތީ ރައީސް ނަޝީދުގެ އާއިލާ ބޭފުޅެއް ކަމަށްވާ، މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދެވެ. އަޑުގަދަ ޖޯޝު ވަރަށް ވެސް ވަރުގަދަ އަންހެން ކަނބަލެކެވެ. ނަމަވެސް ހުކުމަކުން "ބަނދެފައިވާ" ބޭފުޅެކެވެ. ސަސްޕެންޑް ހުކުމެއް ޝިފާގެ މައްޗައް އެބަ އޮތެވެ. އެ މަގާމުގައި ހުންނަވާ ޝިފާއަށް އެދެވޭ ނަތީޖާތަކެއް ނެރެވިދާނެ ހެއްޔެވެ؟

"ކިރިއާވެސް އެމްޔޫއޯގެ ނަން މައްޗަށް އެރުވޭނެ ކަހަލަ މީހަކަށް ހުރީ އަލީ ވަހީދު، އަލީ ވަހީދު ވެސް އިސްތިއުފާ ދެއްވީ، ދެން ނުހުންނާނެ އެކަން ކުރެވޭނެ މީހެއް، ޝިފާ އެ މަގާމަށް އައްޔަން ކުރުމަކީ މާބޮޑު ބަދަލެއް ނޫން، އެއީ ރައީސް ނަޝީދުގެ އާއިލީ ކުދިން، އާއިލާ ކުދިން ކުރިއަށް ލައިގެން ގެންގުޅޭ އެއްޗެއް އެ ނުހިނގާނެ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި ޝިފާމެން ކަހަލަ އާއިލީ ބޭފުޅުން ހިމަނައިގެން އެމްޔޫއޯ ކުރިއަށް ގެންދިޔުމަށް ރައީސް ނަޝީދު މިހާރު އިސްކަން ދެއްވަނީ ވެސް އެމްޑީޕީގެ ހުންގާނު ދޫވަމުންދާކަމުގެ ބިރު ހީވާތީ އެވެ. ރައީސް ނަޝީދުގެ އާއިލީ ވެރިކަން އެމްޑީޕީގެ ތެރޭގައި ނިމިގެން ގޮސްދާނެތީ، ހަސަން ލަތީފު މަގާމަށް ނުގެނައުމަށް ނޫނީ އޭނާއަށް ނުފޫޒު ފޯރުވުމަށް ވެސް ރައީސް ނަޝީދު މަސައްކަތް ކޮށްފާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

އެމްޔޫއޯ ބޮޑު "ފެއިލުން ފެއިލްވެފައިވާ" ކަމަށް ބުނަމުންދަނީ އެ އިއްތިހާދުން އަމާޒު ހިފި އިންތިގާލީ ސަރުކާރު ނުގެނެވުމުންނެވެ. އެ ވާހަކަ މިހާރު ނުދައްކާތީ އެވެ. އެއީ ކުރަން އުޅުނު ކަމެއް ކަމަށް ވެސް މިހާރު ނުވާތީ އެވެ. ސަރުކާރު ބަދަލުކޮށް، އިންތިގާލީ ވެރިކަމެއް ގާއިމުކުރަން ވާހަކަފުޅު ދެއްކެވި ކަމަށް ވެސް މިހާރު ރައީސް ނަޝީދަށް އެއްބަހެއް ނުވެ އެވެ. އޭގެފަހުން އެމްޔޫއޯ އަމާޒު ހިފީ ލޯކަލް ކައުންސިލް އިންތިހާބަށެވެ. އެކަން ވެސް އިއްތިހާދަކަށް ނުވި އެވެ. އަދާލަތު ޕާޓީން ވަނީ އިންތިހާބު ބޮއިކޮޓްކޮށްފަ އެވެ. ދެން ނިކުންނާނީ އެމްޑީޕީ އެކަންޏެވެ. އިއްތިހާދު ތެރެއިން ނިކުންނާނެ އެހެން ޕާޓީއެއް ނެތެވެ. އެހެންކަމުން މިހާރު އެމްޔޫއޯ އެބަ އޮތް ހެއްޔެވެ؟

"އެމްއޯޔޫގެ ކުރިމަގު ފެންނަނީ ރަނގަޅަށް، 80 ޕަސެންޓް މަތި ލޯކަލް ކައުންސިލް އިންތިހާބުން ވެސް ކާމިޔާބުކުރާނަން، އަދާލަތު ޕާޓީ ވައްކެއް ނުވޭ، އެ ޕާޓީން ކެނޑިޑޭޓުން ނުނެރުނު ނަމަވެސް ތާއީދުކުރަނީ އެމްޑީޕީގެ ކެނޑިޑޭޓުންނަށް،" ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހު ވަރަށް ގާތުން ބައްލަވައި ދިރާސާކުރައްވަމުން ގެންދަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި، އެމްޔޫއޯ ކުރިމަގު ގުޅިފައިވަނީ އެމްޑީޕީގެ އާ ލީޑަޝިޕާ އެވެ. އާ ލީޑަޝިޕާއެކު އެމްޔޫއޯގެ ނަން މުޅިން ވުޖޫދުން ފުހެވިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް ނަޝީދުގެ ބާރު އެމްޑީޕީގެ ތެރެއިން ކެނޑިގެންދާއިރު އަމިއްލައަށް އިދިކޮޅު އިއްތިހާދު ހިންގޭވަރުގެ ގާބިލުކަން ރައީސް ނަޝީދުގެ ނެތް ތަން ފެންނަމުން ދާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ވެގެންދާނީ، އެމްޑީޕީ އަދި އެމްޔޫއޯގެ ވެސް މުސްތަގުބަލު ލިޔެވިގެންދާނެ އިންތިހާބަށެވެ. އެމްޑީޕީއަށް އާ ފެށުމެއް ލިބިގެންދާއިރު އެމްޔޫއޯގެ ނިމުން ވަރަށް ގާތެވެ. ވާގޮތް ބަލަން ތިބެމާ ހެއްޔެވެ؟