ރާއްޖެ ކުޅިވަރު

ބޮޑު އަށް ކުލަބަށް ފައިސާ ދޭން އަށް ކުންފުންޏަކަށް!

  • ކްލަބުތަކަށް ޝަރުތުތަކެއް ކުރުމަތި ކުރުވާނެ
  • މުޅިން ނިންމާނީ ކްލަބުތަކާ މަޝްވަރާ ކުރުމަށްފަހު
  • އެހީ ދޭ ކުންފުނިތައް އަދި ހާމައެއް ނުކުރޭ

ފުރަތަމަ ޑިވިޝަންގެ އަށް ކުލަބަށް ކޮންމެ އަހަރަކު ތިން މިލިއަން ރުފިޔާ ދިނުމަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އެންމެ މުހިންމު އެއް ވައުދެވެ. އާ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވަމުން ދާއިރު، ކުލަބުތަކަށް އޮތް އެންމެ ބޮޑު ހިތް ހަަމަޖެހުމަކީ، އެފްއޭއެމް މެދުވެރިކޮށް އަންނަ ފައިސާގެ އެހީ އެވެ. ހާއްސަކޮށް ބައްސާމްގެ އެ ވައުދެވެ.

ކުލަބުތަކަށް އެ ފައިސާ ދޭން ނިންމުމާއެކު، އެންމެ ބޮޑަށް އުފެއްދި ސުވާލަކީ އެ ފައިސާ ދޭނެ އުސޫލަކީ ކޮބާ ހެއްޔެވެ؟

"އަޅުގަނޑުމެން ނިންމާފައި ވަނީ ސަރުކާރު ހިއްސާވާ އަށް ކުންފުނި މެދުވެރިކޮށް ކުލަބުތަކަށް ފައިސާ ދޫކުރަން، މިހާރު މިދަނީ ކުލަބުތަކާ ވާހަކަ ދައްކަމުން އަންނަ މަހު ފަހު ކޮޅު ބޮޑު ރަސްމިއްޔަތަކާއެކު ކުލަބުތަކާއި ކުންފުނިތަކާ ދެމެދު ސޮއި ކުރެވިގެން ދާނެ،" އަވަސް އަށް ދެއްވި އިންޓަވިއުގައި ބައްސާމް ވިދާޅުވިއެވެ. އޭނާ އަދި ވިދާޅުވި ގޮތުގައި ދިވެހި ޕްރިމިއާ ލީގް ފެށުމުން، އިތުރު ހަތަރު ކުންފުނިން އާ ނިޒާމުގެ ތެރެއަށް ވަންނާނެ އެވެ.

"އަތޮޅު ތަކުން އަންނަ ހަތަރު ޓީމު އައުމުން، އިތުރު ހަތަރު ކުންފުންޏެއް ގުޅޭނެ، އެފްއޭއެމް މެދުވެރިކޮށް ޖުމުލަ 12 ކުންފުނިން މި ކަމުގައި ބައިވެރި ވާނެ،"

ކުންފުނި ތަކުން ކުލަބު ތަކަށް ދޫކުރާ ފައިސާ އެފްއޭއެމްގެ ބަޖެޓް ތެރެއަކަށް ނުވަންނާނެ އެވެ. އެކަމަކު ކްލަބަށް ފައިސާ ދޫ ކުރާ ކުންފުނި ކަނޑައަޅާނީ އެފްއޭއެމުންނެވެ. އެހެން ނަމަވެސް ދެ ވަނަ ޑިވިޝަންގެ ކޮންމެ ކުލަބަށް ދޫކުރާ 500000 ރުފިޔާ އާއި ތިން ވަނަ ޑިވިޝަންގެ ގަދަ ފަސް ކުލަބުގެ ތެރެއިން ކޮންމެ ކުލަބަކަށް ދޫކުރާ އެއް ލައްކަ ރުފިޔާ ދޫކުރަނީ އެފްއޭއެމްގެ ބަޖެޓްގެ ތެރެއިންނެވެ.

"ކުންފުނިތަކުން ފައިސާ ދޫކުރިޔަސް ކުލަބުގެ ޖޯޒީގެ މޭ މަތީގައި، ކުލަބުން ބޭނުން ސްޕޮންސަރެއް ޖެހުމުގެ ފުރުސަތު ކުލަބު ތަކަށް އޮންނާނެ. މީގެ އިތުރުން މި ފައިސާ ދިނުމަށްފަހު، ކުލަބުތަކުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ހުންނާނެ، މިސާލަކަށް ކުލަބު މާކެޓް ކުރުމަށް ވަކި މިނވަރެއް، އެކަމަށް އެ އަދަދަށް ފައިސާ ހޭދަ ނުކުރަންޏާ ޖެހިގެން އަންނަ އަހަރަކުން އެ ކުލަބަކަށް ފައިސާ ދޫ ކުރަނީ އެބައި އުނި ކުރުމަށް ފަހު."

ކުލަބު ތަކަށްވެސް ގިނަ ޝަރުތު ތަކެއް!

އެފްއޭއެމުން ވަނީ ކުލަބު ތަކަށް ފައިސާ ދޭއިރު ކުލަބު ތަކަށްވެސް ގިނަ ޝަރުތު ތަކެއް ލާފަ އެވެ. ބައްސާމް ވިދާޅުވި ގޮތުގައި ގާތް ގަނޑަކަށް އަށެއް ނޫނީ 10 ޝަރުތެއް ކުރިމަތި ކުރުވާނެ އެވެ. އޭގެ ތެރޭގައި ކޮންމެ އަހަރަކު ދެ ފަހަރު ކުލަބުގެ މާލީ ރިޕޯޓް އެފްއޭއެމް އަށް ހުށަހަޅަން ޖެހުން ހިމެނެ އެވެ.

"މި ފައިސާއާއެކު ކުލަބުތަކަށް ފުރިހަމަ ކުރަންގިނަ ޝަރުތު ތަކެއް އެބަ ހުރި، ކުރިއަށް ހަފުތާއެއްގެ ތެރޭ އެ އުސޫލުތައް ވެސް އެކަށަ އަޅައި ނިންމާ ލެވޭނެ."

ފުރިހަމަ ކުރަން ޖެހޭ ބައެއް ޝަރުތު ތައް

- ކުލަބު މާކެޓް ކުރުމަށް ހަރަކާތްތައް ހިންގުން
- ދަނޑަށް ސަޕޯޓަރުން ވެއްދުމަށް ހަރަކާތްތައް ހިންގުން
- ކޮންމެ ކުލަބަކުން ވެސް ޔޫތު ޓީމު އެކުލަވާލުން
- ކޮންމެ ކުލަބެއްގައި ވެސް އަންހެން ޓީމެއް އޮތުން
- ކުލަބުގެ ބޯޑާއި ހިންގުން ހަރުދަނާ ކުރުން
- ކުލަބުގައި ހިންގުމުގެ ޕްލޭނެއް އޮތުން

މިއީ ބައެއް ކަންކަމެވެ. މި ކަންކަމާއެކު އެފްއޭއެމުން ކުލަބުތަކާ މަޝްވަރާ ކުރާނެ އެވެ. ކުލަބުތަކާ މަޝްވަރާ ކުރުމަށްފަހު އެފްއޭއެމުގެ ވިސްނުމުގައި އޮތީ ބައެއް ޝަރުތުތައް އެއް ފަރާތްކޮށްފައިވާ ގޮތެއް ނިންމާށެވެ.