ޕީޕީއެމް

ޕީޕީއެމްގެ 99 ޕަސަންޓް މެންބަރުން ތިބީ ރައީސް ޔާމީނާއެކު

Jan 15, 2017
1

ޕީޕީއެމްގެ މެންބަރުންގެ ތެރެއިން 99 ޕަސެންޓް މެންބަރުން ތިބީ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއެކު ކަމަށް، އެ ޕާޓީގެ ސްޕޯކްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވެއްޖެ އެވެ.

ބޮޑުތަކުރުފާނު މަގުގައި އެ ޕާޓީން އަލަށް ގާއިމުކޮށް އަދި ރަސްމީކޮށް ނުހުޅުވައި ހުރި ޕީޕީއެމްގެ އާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ އާރިފް ވިދާޅުވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ހިޔާލު ތަފާތުވުންތަކެއް އުފެދުނު ނަމަވެސް ދިވެހި ރައްޔިތުން މިއަދު ތިބީ ރައީސް ޔާމީންގެ ޒައާމަތުގައި ގެންނަ ތަރައްގީ އަށް މަރުހަބާ ކައިގެން ކަމަށެވެ. އަދި ޕާޓީގެ މެންބަރުންގެ 99 ޕަސެންޓް ތާއީދު އޮތީވެސް ރައީސް ޔާމީނަށް ކަމަށެވެ.

"އަޅުގަނޑަށް ދަންނަވަން ކެރިދާނެ ޕީޕީއެމްގެ 99 ޕަސަންޓް މެންބަރުން ތިބީ ރައީސް ޔާމީންގެ ފަހަތްޕުޅުގައޭ، އެންމެ ޕަސަންޓޭޖެއް ކަންނޭންގެ ހިޔާލު ތަފަތު ވެފައި ތިބޭނީ،" އަލީ އާރިފް ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑުގެ އުފަން ރަށް ކެލާ ގައި ކޮންމެ އިންތިހާބެއްގައި 70 ނުވަތަ 80 ޕަސެންޓް ޕީޕީއެމްނަގާ ރަށެއް އެއީ، އެކަމަކު އެ ރަށުގައިވެސް އެއްވެސް މީހަކު އަޅުގަނޑަކާ ސުވާލެއް ނުކުރޭ، ފުރަތަމަކޮޅު ސުވާލު ކުރި ކިހިނެއްހޭ މިވަނީ، އެކަމަކު މިކަންކަން ކިޔާ ދިނުމަށް ފަހު އެއްވެސް މީހަކު ދެކޮޅެއް ނަހަދާ މިކަމަކާ."

ޕީޕީއެމްގެ ސެކެޓްރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލު ވެސް މިއަދު ވިދާޅުވީ ޕިޕީއެމްގެ ހުރިހާ މެންބަރުން ކަހަލަ ގޮތަކަށް ތިއްބެވީ ރައީސް ޔާމީން އެންޑޯޒް ކުރައްވައިގެން ކަމަށެވެ.

"ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުން އުފެދުނު ފަހުން ޕާޓީގެ ވަރަށް ގިނަ ދަތުރުތައް އަޅުގަނޑުމެންނަށް ކުރެވިއްޖެ، މި ކުރެވުނު ދަތުރުތަކުގައި އަޅުގަނޑުމެން އެއްކުރެވުނު މައުލޫމާތު ތަކުގައި ގާތްގަނޑަކަށް ޕީޕީއެމްގެ ހުރިހާ މެންބަރުން ވެސް ތިބީ ރައީސް ޔާމީން ރާއްޖެއަށް މިގެންނަ ތަރައްގީއާއެކު ރައީސް ޔާމީންގެ ފަހަތުގައި،"

އެ ދެ ބޭފުޅުން ވެސް ވިދާޅުވީ ކުރިއަށް އޮތް ކައުންސިލު އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ޕީޕީއެމް ކާމިޔާބު ކުރާނެ ކަމަށެވެ.