އެމްއެންޑީއެފް

ދިވެހި ސިފައިން ކަނޑުތަކަށް ފަރިތަވާން ޑިފެންސް ޗީފް ގޮވާލައްވައިފި

ރާއްޖެ އޮތް ސަރަހައްދުގެ ކަނޑުތަކުގައި އެހެން ހުރިހާ ގައުމެއްމެއްގެ މީހުންނަށް ވުރެ ކުރިއަރާފައިވާ ބަޔަކަށް ވާން މަސައްކަތް ކުރުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ދިވެހި ސިފައިންނަށް ގޮވާލައްވައިފި އެވެ.

ކަނޑުމަތީގައި ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރަން ކާމިޔާބު ދެ އޮޕަރޭޝަނެއް ހިންގި ކޯސްޓްގާޑްގެ އުޅަނދު، ހުރަވީއަށް މިއަދު ކުރެއްވި ޒިޔާރަތެއްގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ކަނޑުތަކަށް ސިފައިން ރަނގަޅަށް އަހުލުވެރިވުމަށް އަބަދުވެސް މަސައްކަތް ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

"... ތިޔަ ބޭކަލުންގެ ކިބައިން އަޅުގަނޑު އެދޭ ކަމަކީ ، ގަދަ އަޅައި އަޅުގަނޑުމެންގެ ކަނޑުތަކަށް ހޭނެން ތިޔަ ބޭކަލުންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން. އަޅުގަނޑުމެންނަކީ މިކަނޑުތަކުގައި އެހެން ހުރިހާ ގައުމެއްގެ މީހުންނަށް ވުރެން ކުރިއަރައި ތިބި ބަޔަކަށް ވޭތޯ ބަލަމާ ހިނގާށޭ،" ހުރަވީގައި މަސައްކަތްކުރައްވާ ސިފައިންނާ މުހާތަބު ކުރައްވައި ޝިޔާމް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާއެއްގައި ފެތުނު ރާއްޖޭގެ ބޯޓެއްގެ ފަޅުވެރިންނާއި މަގު އޮޅި ހާލުގައި ޖެހިފައި ތިބި ސްރީލަންކާގެ މަސްވެރިންތަކެއް ހޯދައި ސަލާމަތް ކުރުމަށް ހުރަވީގެ ސިފައިންނާއި ކޯސްޓްގާޑްގެ ހުރިހާ ސިފައިން ކުރި މަސައްކަތަށް ޝިޔާމް ތައުރީފު ކުރެއްވިއެވެ.

ސްރީލަންކާގެ މަސްވެރިން ހޯދައި ސަލާމަތް ކުރުމުގެ އޮޕަރޭޝަން ކާމިޔާބުކަމާއި އެކީ ނިންމާލާފައި ވާތީ ހުރަވީގައި މަސައްކަތް ކުރާ ސިފައިންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު މިއަދު އެ އުޅަނދަށް ކުރެއްވި ޒިޔާރަތުގައި އޭނާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމުގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސްފޯސް ބަރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދާއި އެމްއެންޑީއެފްގެ މެރިންކޯގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރާއި ކޯސްޓްގާޑްގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބުރާހީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިނިސްޓަރު އާދަމް ޝަރީފު ހުރަވީއަށް ވަޑައިގެންނެވުމުން އެ އުޅަނދުގެ ސިފައިން އޭނާއަށް އޮނަގާޑެއް އެރުވި އެވެ.