ރާއްޖެ ކުޅިވަރު

މޮޅު ކުޅުންތެރިޔާގެ އެވޯޑް ގެންދާނީ ކާކު؟

Jan 16, 2017

މިރެ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހްގައި އަނެއްކާވެސް، ރަން އަކުރުން ލިޔެވިގެންދާނެ ރެއެކެއެވެ. ކުރިން އެފްއޭއެމުން ބޭއްވި އެފްއޭއެމް އެވޯޑް، މެދު ކެނޑުމަކަށް ފަހު އަލުން ފަށާ ރެއެވެ. އެފްއޭއެމް އެވޯޑް ހަފުލާ، ދެނީ ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދޭ މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް އާ ގުޅިގެން "މޯލްޑިވްސް ފުޓްބޯލް އެވޯޑް" ގެ ނަމުގަ އެވެ.

އެވޯޑްގެ އެންމެ ހާއްސަ ކެޓަގަރީ އަކީ މޮޅު ކުޅުންތެރިޔާގެ އެވޯޑެވެ. އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ ވަގުތުކޮޅަކީ ވެސް މިއެވެ.

އެވޯޑްގެ ފައިނަލް ނޮމިނޭޝަނަށް، ނޮމިނޭޓްވި ތިން ކުޅުންތެރިންގެ ތެރެއިން އެވޯޑް ގެންދާނީ ވަކި މިވެނިކުޅުންތެރިއެއް ކަމަށް ލަފާ ކޮށް ބުނަން އެނގޭ އެއްވެސް ކުޅުންތެރިޔަކު ނެތެވެ. ތިން ކުޅުންތެރިންނަކީ މުޅި ސީޒަންގައި އެއްވަރަށް ޑޮމިނޭޓް ކޮށްފައިވާ ތިން ކުޅުންތެރިން ނެވެ.

އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދަކީ އީގަލްސްގައި ސީޒަންގައި، ތަފާތު ކުޅުމެއް ދެއްކި ކުޅުންތެރިޔެކެވެ. އޭނާ ދެއްކި މޮޅު ކުޅުމާއެކު، ގައުމީ ޓީމުގެ ޑިފެންސުން ވެސް ޖާގަ ކަށަވަރު ކުރި އެވެ. އީގަލްސް ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަން ކަން ހޯދިއިރު، އޭނާގެ ލީޑާ ޝިޕް ފާހަގަ ކޮށްލަން ޖެހެއެވެ. ކުޅުންތެރިން އަތުން ބޯޅަ ގެއްލޭ ކޮންމެ ފަހަރަކު، ބޯޅަ އަލުން ހޯދުމަށް ކުޅުންތެރިންނަށް ގޮވައި ހިތްވަރުދޭ އެހެން ކެޕްޓަނެއް ނެތެވެ. ހާއްސަ ކޮށް ޕްރެޒިޑެންޓް ކަޕްގެ ފައިނަލު މެޗްގައި އޭނާ ދެއްކި މޮޅު ކުޅުމާއި ލީޑާޝިޕް ފާހަގަ ކޮށްލަން ޖެހެއެވެ.

ނޮމިނޭޝަން ލިސްޓްގައި ދެން އޮތް ކުޅުންތެރިޔަކީ، މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. އެވޯޑާ މެދު، ގިނަ ބައެއްގެ އިތުބާރު އޮތް ކުޅުންތެރިޔަކީ އަސަދުﷲ އެވެ. ރާއްޖޭގެ ފުޓްބޯޅަ ތަރިން އުފައްދާ "ފެކްޓަރީ" އަކަށް ވެފައިވާ ކަމަށްވާ އދ. މަހިބަދޫ އަށް އުފަން އަސޯ އަކީ ފިނިޝިން ރަނގަޅު ސްޓައިކަރެކެވެ. މާޒިޔާ އަށް ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ދިވެހި ޕްރިމިއާ ލީގް ހޯދައިދިނުމުގެ އިތުރަށް، މުޅި އަހަރުގައި ވެސް އޭނާގެ އެންމެ މުހިންމު މެޗަކީ ގައުމީ ޓީމު ޖޯޒީގައި ބަނގުލަދޭޝް އާ ދެކޮޅަށް ކުޅުނު ބައިނަލްއަގްވާމީ މެޗެވެ. ރާއްޖެއިން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި ހެޓްރިކް ހެދީ އޭނާ އެވެ.

އެވޯޑް ނައިޓްގައި، މިހާރުވެސް، އެވޯޑެއް ކަށަވަރު ކޮށްފައިވާ ބައެއް މީހުން ދެކޭ މައެކަނި ކުޅުންތެރިޔަކީ، އަލީ ފާސިރު (ސެންޓޭ) އެވެ. އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް، އެވޯޑް ގެންދާނެ ކުޅުންތެރިޔަކީ އޭނާ އެވެ. ޓީސިގައި މިދިޔަ ސީޒަން ހޭދަ ކުރި ސެންޓޭ ވަނީ 34 ލަނޑު ކާމިޔަބު ކޮށްފަ އެވެ.

އެވޯޑަށް ނޮމިނޭޓް ވެފައިވަ އަނެއް ދެ ކުޅުންތެރިންނަކީ، އެ ދެކުޅުންތެރިންގެ ކަރުގައި ޗެމްޕިއަން މެޑަލް އަލާފައިވާ ދެ ކުޅުންތެރިން ނެވެ. ސެންޓޭ އަށް ޗެމްޕިއަން މެޑަލެއް ނުހޯދުނެވެ. ނަމަވެސް ސީޒަންގެ ތިން މުބާރާތުގައި ވެސް ރަނަރަފު މެޑަލް އޭނާ އެޅި އެވެ. އަދި ދިވެހި ޕްރިމިއާ ލީގްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދީ ސެންޓޭ އެވެ. މިއީ އެވޯޑަށް އޭނާ އަށް އޮތް ޕްލަސް ޕޮއިންޓެކެވެ.

މިއީ ސެންޓޭގެ ފަހަރެކޭ ބުނެ ވިދާނެތަ؟

ސީޒަންގައި ސެންޓޭ ދެއްކި މޮޅު ކުޅުމާއެކު، އެހެން ކުލަބު ތަކުގެ ކޯޗުންގެ ތައުރީފް ސެންޓޭ އަށް އޮހުނެވެ. ބައެއް ކޯޗުން ފާހަގަ ކުރި ގޮތުގައި، ސެންޓޭގެ 10 އަހަރުވީ ފުޓްބޯޅައިގެ ކެރިއާގައި އޭނާ އެންމެ މޮޅަށް ކުޅުނީ މިދިޔަ ސީޒަންގަ އެވެ. މީގެ ކުރިން އަވަސްއާ ވާހަކަ ދައްކަމުން ސެންޓޭ ބުނެފައިވަނީ 2016 ވަނަ އަހަރަކީ އޭނާގެ ކެރިއާގައި އެންމެ ހާއްސަ އަހަރު ކަމަށެވެ.

އެވޯޑް ލިބޭ ކުޅުންތެރިޔާ ހޮވާނީ، ރާއްޖޭގެ ކުޅިވަރު ނޫސްވެރިންނާއި، ޓީމުތަކުގެ ކެޕްޓަނުން ނާއި، ކޯޗުންގެ ވޯޓުން ނެވެ. ކެޕްޓަނުންނާއި ކޯޗުން އަދި ނޫސްވެރިންގެ ތައުރީފް މީގެ ކުރިން ސެންޓޭ އަށް ލިބިފައި ވުމަކީ، މިއީ ސެންތޭގެ ފަހަރެކޭ ބުނެވިދާނެ ސަބަބެކެވެ.