މީހުން

އިސްމާއިލް ވަޖީހުގެ އާދަޔާހިލާފު ޕޯޒްތައް: މަލާމާތަކަށް ފަރުވާލެއް ނެތް

އިސްމާއިލް ވަޖީހުގެ އާދަޔާހިލާފު ފެނިލުމެއް ބޮޑު ސްކްރީނަށް އަންނާނެ ދުވަހެއް ބުނާކަށް ނޭނގެ އެވެ. ނަމަވެސް ކޮންމެ ދުވަހަކީ ވެސް އޭނާގެ އާދަޔާހިލާފު "ޕޯޒްތައް" އޮންލައިން މީޑިއަމްގައި އެނބުރޭ ދުވަހެކެވެ. އިސްމާއިލްގެ ހަޔާތުގައި ކޮންމެ ދުވަހަކީ ވެސް މިފަދަ "ޕޯޒްތަކަށް" ހާއްސަ ދުވަހެކެވެ. މޮޅު ގޮތަކަށް ފޮޓޯގަނޑެއް ނަގައިނުލެވެނީސް އޭނާގެ ދުވަހަކަށް އިރެއް ނާރާ ކަހަލަ އެވެ. އަދި އެ އިރެއް ނުވެސް އޮއްސެ އެވެ. 

އެއް ފަހަރަކު އަޅުގަނޑަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ މޮޑެލްކުރުމަކީ އޭނާ ކުރަން އެންމެ ބޭނުންވާ ކަންތައްތަކުގެ ތެރެއިން ޕްރޮފެޝަނަލް ކެރިއަރެއް ފައްކާނުކުރެވުނު ހަމައެކަނި ދާއިރާ ކަމަށެވެ. އެއީ ކީއްވެ ހެއްޔެވެ؟

އިސްމާއިލް ވަޖީހަށް މިހާރު 52 އަހަރެވެ. އަންހެނުން ލައިލާ އާއި ފަސް ކުދިންނާ އެކު ސިންގަޕޫރުގައި ދިރިއުޅެމުން އަންނަ އިސްމާއިލް އަކީ ހާއްސަ ވަޒީފާއަކަށް ވެސް ދާ މީހެއް ނޫނެވެ. ގޭގައި ހުރެގެން އަމިއްލަ އަށް މީރު ކާ އެއްޗެހި ތައްޔާރުކުރުމަކީ ވެސް އޭނާ ނިކަން ފޯރިއާ އެކު ކުރާ ކަމެކެވެ.އާއިލާއާ އެކުގައި ގޭގައި ހޭދަކުރާ ވަގުތުތަކަށް ފަހު އޭނާގެ ކަމަކީ ކަސްރަތުކުރުމާއި މޮޅެތި ގޮތްގޮތަށް ފޮޓޯ ނެގުމެވެ.

"ހުސް ވަގުތު ކޮޅެއް ލިބޭ ކޮންމެ ފަހަރަކު ވެސް އަހަރެން ޕުޝްއަޕްސް ހަދަން. އަބަދުވެސް ކަސްރަތު ކުރެވޭ،" އިސްމާއިލް ބުނެފައި ވަނީ މިހެންނެވެ. އޭނާ ބުނީ އެފަދަ ލައިފްސްޓައިލެއްގެ ސިއްރަކީ އެއްގޮތަކަށް ވެސް ބޮލީވުޑްގެ ތަރި ސަލްމާން ޚާން ފަދަ މީހަކަށްވުން ނޫން ކަމަށެވެ. "ދެން ސަލްމާން ވަރެއް ނުވާނެ. އެކަމަކު ފޮޓޯ ނަގައި މޮޑެލްކުރާ ހިތްވޭ. މޮޑެލްކުރުމަކީ އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް،" އިސްމާއިލް ބުންޏެވެ. 

ދެން އޮތް ވާހަކަ އަކީ، އިސްމާއިލް ވަޖީހަށް މިހާރު 52 އަހަރު ކަމެވެ. އެހެންވީމަ އޭނާގެ އުމުރާ ނުބައްދަލު ޒުވާން ކަމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟

"ވެޖިޓޭރިއަންއެއްގެ ގޮތުގައި އަހަރެން އުޅޭތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ. ތަރުކާރީގެ އިތުރުން ދެން ނަގަނީ ބިހާއި ކިރު. ބްރޭކްފާސްޓްގެ ގޮތުގައި އާންމުކޮށް ނަގަނީ ފެނު ކެއްކި ބިހެއް ނުވަތަ ދެ ބިސް. އެއީ ހޯލްމީޓް ބްރެޑާ އެކު ކިރު ސައި ނުވަތަ ސޯޔާ މިލްކާ އެކު،" އޮންލައިންކޮށް ކުރިއަށް ގެންދިޔަ އިންޓަވިއުގައި އިސްމާއިލް ބުންޏެވެ. "ލަންޗްގެ ގޮތުގައި ނަގަނީ އާންމުކޮށް ސެލަޑެއް. ވަރަށް މަދުން ބަތް ކެވެނީ. އަހަންނަށް އެންމެ ކަމުދަނީ ހަމަ ތަކުރާރީ ޑިޝްއެއް އަބަދުވެސް،" އޭނާ ބުންޏެވެ.

"މާދަމާ އަށް މަޑުކުރާނެ ކަމެއް ނެތް، ހަމަ މިހާރުން މިހާރަށް ފަށަންވީ. މާދަމާއެއް ދުވަހަކު ވެސް ނާންނާނެ."އިސްމާއިލް ވަޖީހު ގޮތަށް ފިޓްކޮށް ހުންނަން ބޭނުންވާ ފަރާތްތަކަށް އޭނާ ދޭން ބޭނުންވާ މެސެޖަކީ މިއީ އެވެ. ދެން މިހާ ހިސާބުން އަނެއްކާވެސް އިސްމާއިލްގެ ފޮޓޯއެކެވެ.