ނިއުރޭޑިއަންޓް

ނިއުގެ އާ ޗެއާމަން، ސަޕޯޓަރުންނަށް ދިނީ ހުސް އުފާވެރި ހަބަރު!

Jan 16, 2017

ރާއްޖޭގައި ސަޕޯޓަރުން އެންމެ ގިނަ ކުލަބު، ނިއުރޭޑިއަންޓުގެ ސަޕޯޓަރުންނަށް، އެ ކުލަބުގެ އާ ޗެއާމަން މުހައްމަދު ޒިޔާދު އުފާވެރި ޚަބަރު ތަކެއް ދެއްވައިފި އެވެ.

އާ ސީޒަނަށް ތައްޔާރު ވުމަށް ނިއުގެ ހަރަކާތްތައް ފެށުމަށް މިއަދު ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި ބޭއްވި ރަސްމިއްޔާތުގައި ޒިޔާދު ވިދާޅުވީ ގަލޮޅުން ދަނޑުން ހީނަރުވެފައިވާ ސަޕޯޓަރުންގެ ފޯރި، ނިއު އިން އަލުން ގެންނާނެ ކަމަށެވެ.

އެގޮތުން، މިއަހަރުގެ ނިއުގެ އެކްޝަން ޕޭލޭނާއި 2021 ވަނަ އަހަރާ ހަމަޔަށް، މަސައްކަތް ކުރާނެ އެކްޝަން ޕްލޭނެއް އެކުލަވާލަމުގެ މަސައްކަތް ކުރަމުންދާ ދިއުން ވެސް އޭނާ އިއުލާނުކޮށް ދެއްވި އެވެ.

އޭނާ ވިދާޅުވީ ނިއުރޭޑިއަންޓް ސަޕޯޓަރުންގެ ފޭން ބޭސް އެއް އުފައްދައި، ސަޕޯޓަރުންގެ ޔޫނިއަން އަށް ރަސްމީ ހައިސްޔަތު ހޯދުމަށް ހޯމް މިނިސްޓްރީ ގައި ނިއުގެ ސަޕޯޓަރުންގެ ޔޫނިއަން ރަޖިސްޓްރީ ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އާ ސީޒަން ފެށުމުގެ ކުރިން ކުލަބާއި ސަޕޯޓާސް ޔޫނިއަން ގުޅިގެން، "ނިއުރޭޑިއަންޓުގެ ސަޕޯޓާސް ޔޫނިއަން" ރަޖިސްޓްރީ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"ފޭންސް ކުލަބުގައި ހިމެނޭ އެންމެ މުހިންމު ކޮމްޕޯނަންޓަކީ ކެފޭ އަކާއި ޖިމް [ހިމެނޭ] ފެސިލިޓީސް ތަކެއް ގާއިމު ކުރުން، މިވަގުތު އޭގެ ޕްރަޕޯސަލް އާއި އޭގެ ފައިނޭންސް ހޯދާނެ ގޮތްތަކެއް ބަލަމުން މިދަނީ... މިކަން ހަމަޖެހުމުން މިއަހަރުގެ ތިން ވަނަ ކްއާޓާގައި ކެފޭ އައިކާއި ޖިމެއް ހިމެނޭ ގޮތަށް ނިއުގެ ކުލަބު ހައުސް އެއް ގާއިމު ކުރާނަން،" ޒިޔާދު ވިދާޅުވި އެވެ. "ނިއުގެ ޖޯޒީ އާއި މާޗެންޑައިސް ސަޕޯޓަރުންނަށް ގަންނަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައިލެންޑްގައި ޖޯޒީ އުފައްދާ އެންމެ މަޝްހުރޫ ކުންފުންޏާ ވާހަކަ ދައްކާފަ އަޅުގަނޑުމެން މިއައީ، އަޅުގަނޑުމެންގެ ސަޕޯޓަރުންނަށް ދޭން ބޭނުންވާ އުފާވެރި ޚަބަރަކީ ނިއުގެ ޖޯޒީ އާއި މާޗެންޑައިސް ސަޕޯޓަރުން މިއަހަރު ގަންނަން ލިބޭނެ ކަން."

އާ ސީޒަނަށް ތައްޔާރު ވުމަށް ނިއުގެ ޕްރެކްޓިސް މިއަދު ހަވިރު ފަށަން ވަނީ ހަމަޖެހިފަ އެވެ. ޕްރެކްޓިސް އޮންނާނީ އެކުވެނީގެ ޓާފް ދަނޑު ގައެވެ.