ނިއުރޭޑިއަންޓަށް ސޮއި ކުރާ ގޮތަށް ހަމަޖެހިފައިވާ، ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެޓީމަށް ސޮއި ކުރުމުގެ ކަންކަން ހަމަޖެހިފައި ވަނިކޮށް، އޭނާ ގެ އެދުމަށް ނިއުއަށް ސޮއި ކުރުން މަޑު ޖައްސލާއިފި އެވެ.
އާ ސީޒަނަށް ނިއުގެ ހަރަކާތްތައް ފެށުމަށް، މިއަދު ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަަވަމުން ނިއުގެ ޗެއާމަން މުހައްމަދު ޒިޔާދު ވިދާޅުވީ ދަގަނޑޭ ސޮއި ކުރާ ގޮތަށް ކުރިން ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް ދަގަނޑޭ ގެ އެދުމަށް ސޮއި ކުރުން މަޑު ޖައްސާލީ ކަމަށެވެ.
މި މަހު ހަ ވަނަ ދުވަހުގެ ރޭ ބޭއްވި ނިއުގެ އިންތިހާބީ ކޮންގްރެސްގައި ޒިޔާދު ވިދާޅުވެފައި ވަނީ ދަގަނޑޭ ސޮއި ކުރުމަށް ބޮޑު ރަސްމިއްޔާތެއް މިމަހުގެ 15 ނުވަތަ 16 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ.
"އަޅުގަނޑު ކުރިން އިއުލާން ކުރިހެން، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަޝްފާގް [މި ރަސްމިއްޔާތު ގައި] ސޮއި ކުރުމަށް، ކުރީގައި ހަމަޖެހިފައި އޮތީ އެހެން ނަމަވެސް އަޅުގަނޑުމެން އަޝްފާގާ މަޝްވަރާ ކޮށް، ބައެއް ކަހަލަ ކަންތައްތައް ހުރުމާއެކު މިއަދު އަަޝްފާގާ އެކު އެއްވެސް ކަހަލަ ކޮންޓްރެކްޓަކަށް ދިއުން ލަސް ކުރީ،" ޒިޔާދު މިއަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަޝްފާގް މިދިޔަ ސީޒަންގައި ވެސް ކުޅެފައިވަނީ އަނިޔާއެއްގައި ހުރެގެން ކަމަށާއި، އެހެންވެ މިދުވަސްކޮޅު އެ އަނިޔާއިން ރިކަވާ ވުމަށް ވަގުތު ބޭނުންވާ ކަމަށް އަޝްފާގް ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އަޝްފާގް މިދިޔަ އަހަރު ކުޅުނު ކުލަބަށާއި ގައުމީ ޓީމަށް ވެސް ކުޅެފައިވަނީ ވަރަށް ބޮޑަށް ސެކްރިފައިސެއް ވެގެން، އަނިޔާގައި ހުރެގެން، އެހެންވެ އަޝްފާގާ އިންޖަރީ ތަކުން ރިކަވާ ވުމަށް ވަގުތު ބޭނުން ވާތީ އަޅުގަނޑުމެން އަންޑަސްޓޭޑިން އަކަށް އައިސް އަޅުގަނޑުމެން ނިންމީ އަޝްފާގް އާއެކު މިއަދު އެގްރިމެންޓެއް ނުހަދަން،"
"އަޅުގަނޑުމެންގެ އުންމީދަކީ އަޝްފާގް ރަނގަޅު ވެގެން އައިސް މީގެ ތިން އަހަރު ކުރިން ދެއްކި ކުޅުން ދިވެހި ގައުމީ ޓީމުގައި އަލުން ދެއްކުން." ޒިޔާދު ވިދާލުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ކުލަބަކަށް މިއަހަރު ކުޅޭ ނަމަ، ކުޅޭނެ ކުލަބަކީ ނިއު ކަމަށް ދަގަނޑޭ ބުނެފައިވާ ކަމަށެވެ.