ފުޓްސަލް އަށް ހާއްސަ އެކެޑެމީ އެއް ގާއިމުކޮށް، ނިއުރޭޑިއަންޓްގެ ފުޓްބޯޅަ އެކެޑެމީތައް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ނިއު އިން ބުނެފި އެވެ.
ނިއުގެ ފުޓްބޯޅަ އެކެޑެމީއެއްގެ މަސައްކަތް މީގެ ކުރިންވެސް ވަނީ ކޮށްފަ އެވެ. މިދިޔަ އަހަރު، ބަލްގޭރިއާގެ ޔޫތު ޓީމުގެ ކޯޗެއްވެސް ނިއުގެ އެކެޑެމީގައި މަސައްކަތް ކުރުމަށް ގެނެސް ފައި ވެއެވެ. ނަމަވެސް މިދިޔަ އަހަރު އެ ޓީމަށް ކުރިމަތިވި މާލީ ގޮންޖެހުންތަކާއެކު މާބޮޑު ކަމެއް ނުކުރެވި އެކެޑެމީ ކޯޗް ޖެހުނީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ފުރައިގެން ދާށެވެ.
ނިއުގެ ފުޓްބޯޅަ އެކެޑެމީގެ ހަރަކާތްތައް އަލުން ފެށުމަށް މިއަންނަ މަހުގެ 10 ވަނަ ދުވަހު ހާއްސަ ހަރަކާތެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޗެއާމަން މުހައްމަދު ޒިޔާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކެޑެމީތައް ހިންގާނީ ނިއުގެ އާ ކޯޗް ޕޯޗްގަލްގެ ބެނޯޑޯ ޓެވަރެސް އިރުޝާދާއެކުގައި ކަމަށެވެ.
ޓެވަރެސް ވަނީ ޕޯޗްގަލްގެ ބެންފީކާގެ 12 އަހަރުން ދަށުގެ ޓީމަށް ކޯޗް ކޮށްދީ އެފްސީ ޕޯޓޯގެ އެކެޑެމީގައި ސްކައުޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ.
"ނިއުގެ ސަޕޯޓަރުންނާއި، ސަޕޯޓަރުންގެ އާއިލާގެ އެންމެހާ ތުއްޕުޅު ބޭފުޅުންނަށް އެކެޑެމީއާ ގުޅުމަށް ނިއުގެ އެމްބަސެޑަރުންނާ ގުޅިގެން މާދަމާއިން ފެށިގެން ކުރިއަށް ގެންދެވޭނެ." ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ ނިއުގެ ފުޓްބޯޅަ އެކެޑެމީތައް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ހުޅުވުމަށް ވިސްނުން ގެންގުޅެމުންދާ ކަމަށާއި އެ ސަރަހައްދުތަކުގެ އިސް ފަރާތްތަކާ ވާހަކަ ދައްކައިގެން އެކެޑެމީތައް ގާއިމު ކުރުމަށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ހުޅުމާލޭގައި ޕްރޮފެޝަނަލް ފުޓްސަލް އެކެޑެމީ އެއް
ޒިޔާދު ވިދާޅުވީ އެންމެ މުހިންމު ކަމަކީ ޕްރޮފިޝަނަލް ފުޓްބޯޅަ އެކެޑެމިއެއް ގާއިމު ކުރުމެވެ. އެގޮތުން މި އަހަރުގެ ދެވަނަ ކްއާޓަގައި، ނިއުއިން ފުޓްސަލް އެކެޑެމީ އެއް ހުޅުމާލޭގައި ހުޅުވާނެ ކަމަށެވެ. އަދި ފުޓްސަލް އެކެޑެމީ އަށް ފުޓްސަލަގެ ތަޖުރިބާކާރު ކޯޗަކު ވެސް ބޭރުން ގެނައުމަށް ވަނީ ހަމަޖައްސާފަ އެވެ.