ކުޅިވަރު

އޭއެފްސީ ކަޕުގެ ތައްޔާރީގައި ވެލެންސިއާ އަށް ބޮޅެއް

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދުމަށް ޓަކައި، ކުޅެން ޖެހޭ ޕްލޭ އޮފް މެޗުތަކަށް އެކުލަވާލާ ވެލެންސިއާގެ ސްކޮޑު ފައިނަލު ކުރުމަށްފަހު އޭއެފްސީ އަށް ފޮނުވި ނަމަވެސް، އަދި މިހާތނަށް އެ ޓީމުގެ ޕްރެކްޓިސް ފަށާފަ އެއް ނުވެއެވެ. އެކަމަކު އޭއެފްސީ ކަޕްގެ މުހިންމު ފުރަތަމަ މެޗަށް ދެން މާ ގިނަ ދުވަހެއް ނެތެވެ.

އޭއެފްސީ ކަޕްގެ ޕްލޭ އޮފް މެޗުގައި، ވެލެންސިއާ އިން ބޫޓާންގެ ތިމްޕޫ އެފްސީއާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގް މެޗު އޮންނާނީ މި މަހު 30 ވަނަ ދުވަހު ބުޓާން އެވެ. އެ މެޗާ ދެމެދަށް ގާތްގަނޑަކަށް މިއޮތީ ދެ ހަފުތާއެއްގެ މުއްދަތެވެ.

ފުރަތަމަ ޑިވިޝަން ޓީމުތަކަށް، އެކުވެނީގައި އޮންނަ ދެ ޓާފް ދަނޑު ދޫ ކުރާ ތާވަލުގައި ވެލެންސިއާ އަށް ދަނޑު ދޫކުރުމަށް ހަމަޖެހިފައިވާ ވަގުތު ތަކުގައި ދަނޑު އޮންނަނީ ކޮންމެ ދުވަހަކު ވެސް ހުސްކޮށެވެ.

ފީލްޑަށް ނިކުމެ ޓެކްނިކަލް ޕްރެކްޓިސް ނުކުރި ނަމަވެސް، މީގެ ދެތިން ދުވަހެއް ކުރިން ވެލެންސިއާގެ ބައެއް ކުޅުންތެރިން ވަނީ ފިޒިކަލް ޓްރޭނިންތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ވެލެންސިއާ ޓިމު ތައްޔާރުކޮށް އެޓީމަށް އިރުޝާދު ދެމުންދާ، ޓެކްނިކަލް ޑައިރެކްޓާ އަދި ކުރީގެ އެއް ވަނަ ކުޅުންތެރިޔާ އިސްމާއީލް އާސިފް (ކުޑަ ހީނާ) ބުނީ 18 ކުޅުންތެރިންގެ ސްކޮޑް ފައިނަލު ކޮށްފައިވާ ކަމަށާއި، ޕްރެކްޓިސް ނެފެށި ހުރީ ބައެއް ކަން ކަން ހަމަ ނުޖެހި ހުރުމުން ކަމަށެވެ.

"ސްކޮޑް ފައިނަލު ކޮށްފައި ވާނީ ނަމަވެސް އަދި ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ހުރީމަ އަދި ޕްރެކްޓިސް ނުފެށޭ،" އިތުރު ތަފްސީލަކަށް ނުގޮސް ހީނާ ބުންޏެވެ.

އޭއެފްސީ ކަޕަށާއި ސީޒަނަށް ތައްޔާރު ވުމަށް ވެލެންސިއާ އިން ވަނީ މިދިޔަ ސީޒަންގައި ބީޖީ އަށް ކުޅުނު އިބްރާހިމް ޝިޔާމް (ޖޯން) އާއި އިބްރާހިމް ހަމްދާން (މެސީ) އެ ޓީމަށް ގެނެސްފަ އެވެ. އަދި ނިއު އަށް ކުޅުނު މުސްލިހް އާއި މިދިޔަ އަހަރު ވިކްޓްރީ އަށާއި ޓީސީ އަށް ކުޅުނު ނިއުރޭޑިއަންޓްގެ ކުރިގެ ކެޕްޓަން އަހްމަދު މުހައްމަދު (އަންމަޑޭ) އާއި ވިކްޓްރިގެ މުހައްމަދު ތަސްމީން (ތައްތި) ވެސް ވަނީ އެޓީމަށް ސޮއި ކޮށްފަ އެވެ.

މިދިޔަ އަހަރު ތިބި ކުޅުންތެރިންގެ ތެރެއިން އެޓީމު ދޫކޮށްލީ، ޑިފެންޑަރު އަކުރަމް އަބްދުލް ގަނީ އާއި، މުހައްމަދު އާރިފް (ބަކާ) އާއި ހަސަން އަދުހަމް އެވެ.

އަކުރަމް ނިއު އަށް ބަދަލު ވިއިރު، ބަކާ އާއި އަދުހަމް ބަދަލުވީ ވިކްޓްރީ އަށެވެ.