އަތްވާއި ވާރެއަކަށް ބެއްލެވުމެއް ނެތި ކުރިއަށް އެހެރަ ވަޑައިގަންނަވަނީ އެވެ. ކަރުނަ ގޭހަކާއި ޕެޕަސްޕްރޭއަކަށް ވެސް ފަރުވާލެއް ނެތި އެހެރަ ވަޑައިގަންނަވަނީ އެވެ. ފުލުހަކަށް އަދި ގޭންގަކަށް ވެސް ޖެހިލުންވެ ވަޑައެއް ނުގަންނަވަ އެވެ. ކުރިއަށް ކުރިއަށް، ބާރަށް ކުރިއަށް، އެހެރަ ވަޑައިގަންނަވަނީ އެވެ.
ކޮންމެ ރެއަކު ވެސް ހަމަ "ފުލް ކިޓް" ގަ އެވެ. ޓެނިހަކަށް އަރާ ވަޑައިގެން، ދިދައެއް ނުވަތަ ޕޯސްޓަރެއް އަތުގެ ކޮޅަށް ނަންގަވައިގެން މުޒާހަރާ ފެށިގެން ނިމެންދެން "ގުރުބާން" ވެ ވަޑައިގަންނަވަމުން އެހެރަ ގެންދަވަނީ އެވެ.
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި "ފުރާނަ އަތް މައްޗައް ލައިގެން" ނުކުމެ ވަޑައިގަތުމުގެ އެންމެ ފުރިހަމަ މިސާލަކީ އެ ބޭފުޅާގެ ކުރީގެ ރަނިންމޭޓް ޑރ. މުސްތަފާ ލުތުފީކަން ޔަގީނެވެ. ނަޝީދުގެ ބަސް އައްސަވައި، "ފުރާނަ އަތް މައްޗަށް ލައިގެން" މި ގޮތަށް އުޅުއްވާ އެމްޑީޕީގެ މި ފެންވަރުގެ ދެ ވަނަ ލީޑަރަކު މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކަކުން ނުފެނެ އެވެ.
ނަޝީދުގެ ނައިބުގެ ގޮތުގައި ނުކުމެ ވަޑައިގެން ރިއާސީ ރޭހުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ނަމަވެސް ނައިބެއްގެ ވަފާތެރިކަން މުސްތަފާ އެ ބޭފުޅާގެ ލީޑަރަށް އަދާކުރައްވަނީ އެވެ. އެ ފުރުސަތު ލިބިވަޑައިނުގަތުމުން މަގުމަތިން އެ ޒިންމާ އަދާކުރައްވަނީ އެވެ.
ކޮންމެއަކަސް މުސްތަފާގެ މި ވަފާތެރިކަމާއި، ކުރިއަށް ނެރުއްވަމުން ގެންދަވާ ހިތްވަރު ވަރަށް ގިނަ ބަޔަކު މި ވަނީ ކުއްލިއަކަށް ފާހަގަކުރަން ވެސް ފަށައިފަ އެވެ. ހާއްސަކޮށް ކުރީ ރޭގެ މުޒާހަރާގައި ބޯ ވިއްސާރައިން ތެމިފޯވެ ވަޑައިގެން ނަޝީދުގެ "މިނިވަންކަމަށް" ގޮވާލައި މުސްތަފާ އަޑު އުފުއްލެވި މަންޒަރު ފެނިވަޑައިގަތުމަކީ އެ ބޭފުޅާއަށް އެންމެންގެ ފަރާތުން ފާޑެއްގެ ތައުރީފެއް ވެސް އޮހެން ފެށި ސަބަބެކެވެ.
ކޮންމެ ރެއަކުހެން މާލޭގެ އެއްކޮޅުން އަނެއްކޮޅަށް ހިންގަވާފައި މުޒާހަރާ ކުރުމަކީ އެއްގޮތަކަށް ފަސޭހަކަމެއް ނޫނެވެ.
ފާހަގަކޮށްލަން ޖެހެނީ މުސްތަފާގެ މި ހިތްވަރަށް ތައުރީފުކޮށް ވާހަކަ ދައްކަނީ ހަމައެކަނި އެމްޑީޕީގެ އެކްޓިވިސްޓުން އެކަންޏެއް ވެސް ނޫން ކަމެވެ. މިސާލަކަށް ޕީޕީއެމްގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ވާރެއާ އެކު މުސްތަފާ އަށް އޮއްސާލެއްވި ތައުރީފެވެ.
ވާރެއާ ތެމި ފޯވެގެން، ބޮލުގެ ކޮޅަށް އެމްޑީޕީގެ ދިދައެއް ނަންގަވައިގެން ހުންނެވި މުސްތަފާގެ ފޮޓޯއެއް ޓްވީޓްކުރައްވަމުން ނިހާނު ވިދާޅުވެފައި ވަނީ "މިރޭގެ ފޮޓޯއަކީ މިއީ" ކަމަށެވެ. މުސްތަފާގެ ހިތްވަރަށް އިހްތިރާމް ހައްގު ކަމަށެވެ.
ބައެއް ފަރާތްތަކުން ބުނަނީ، ރިއާސީ ރޭހުގައި ވާދަކުރަން ނަޝީދުގެ "ނާއިބަކަށް" މުސްތަފާ ހަމަޖެއްސި ޖެއްސުމަކީ އެފަދަ އެންމެ ރަނގަޅު ހޮވުންކަން މުސްތަފާ މިފަހަރު ހަމަ ރަނގަޅަށް ވެސް ސާބިތުކޮށް ދެއްވައިފި ކަމަށެވެ.
"މުސްތަފާ ލުތުފީއަށް މަތި މައްޗަށް ވެސް ރަނިންމޭޓްކަން ދޭވަރުވޭ،" މިއީ ވެސް ސޯޝަލް މީޑިއާގައި މުސްތަފާ އަށް ތައުރީފުކޮށް މީހަކު ފާޅުކޮށްފައިވާ ހިޔާލެކެވެ.
އަނެކަކު ބުނަނީ "މުސްތަފާ ލުތުފީ އަކީ ހަމަ ޖަވާހިރެއް" ކަމަށެވެ.
"މުސްތަފާ ލުތުފީ އަކީ ނައިބެއްގެ އެންމެ ފުރިހަމަ މިސާލު. އަޅުގަނޑު އެ ބޭފުޅާ އަށް ސެލިއުޓް ނަގަން،" މި ދަނޑިވަޅުގައި މުސްތަފާ ލުތުފީ ކުރިއަށް ނެރުއްވާފައިވާ ހިތްވަރަށް އިހްތިރާމް ހައްގު ކަމަށް ބުނެ އިބޫ ޖަމީލުގެ ނަމުގައި ޓްވީޓްކުރައްވާފައިވާ މީހަކު ބުނެފައި ވަނީ މިހެންނެވެ.
ކޮންމެއަކަސް މުސްތަފާ ލުތުފީ ދައްކަވަމުން މި ގެންދަވާ ސިޔާސީ ހިތްވަރަކާ ގުޅިގެން އެމްޑީޕީގައި ދެން ތިއްބެވި އެހެން ލީޑަރުންނަށް ހިޔަނި އެޅިފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ. މިއީ އެމްޑީޕީގެ ރައީސް ނަޝީދު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ މި ދަނޑިވަޅުގައި ޕާޓީ އިން ވަރުގަދަ ލީޑަޝިޕެއް ކުރިއަށް ނެރުމަށް ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބި ނަމަވެސް އެކަން އެންމެ އެދެވޭ ގޮތުގައި ނުދެއްކޭތީ އަމާޒުވެފައިވާ ފާޑުކިޔުމެކެވެ.
ބައެއް އެކްޓިވިސްޓުން ބުނަނީ މިހެންނެވެ.
"އަޅުގަނޑު އުއްމީދުކުރީ ބޭއިންސާފުން ނަޝީދު ޖަލަށް ލީމަ އެ ބޭފުޅާ ގޮވާލެއްވި ގޮވާލުމަށް އިޖާބަ ދީގެން އެމްޑީޕީގެ އެންމެ އިސް ސަފުގެ ވެރިން ވެސް ފުރާނަ އަތް މައްޗަށް ލައިގެން މަގުތަކަށް ނުކުންނާނެ ކަމަށް. ނަމަވެސް އެހެނެއް ނޫން މިވީކީ. އަޅުގަނޑުމެންނާ އެކު މި އުޅެނީ މުސްތަފާ އެކަންޏޭ ބުންޏަސް ދޮގަކަށް ނުވާނެ،" އެމްޑީޕީ އިން މިހާރު ކުރިއަށް ގެންދާ ސިލްސިލާ ހިނގާލުންތަކުގައި ގަވާއިދުން ބައިވެރިވާ އެކަމަކު މާޔޫސްވެފައި ހުރި އެ ޕާޓީގެ ޒުވާން އެކްޓިވިސްޓަކު ބުނީ މިހެންނެވެ.
އަނެނަކު ބުނީ މިހެންނެވެ: "މުސްތަފާ ލުތުފީ ކޮންމެ ރެޔަކު މުޒާހަރާގައި ހުރޭ ފެށިގެން ނިމެންދެން. ލީޑަޝިޕްގެ އެހެން މެމްބަރުން ކޮބާ؟."
މިފަދަ އެކްޓިވިސްޓުންގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުކޮށްފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދަށްކަން ވެސް ފާހަގަކޮށްލެވެ އެވެ. ނަޝީދުގެ ދިފާއުގައި ބާއްވަމުން ގެންދާ ހަރަކާތްތަކުން އަލީ ވަހީދުގެ އަސްލު ފޯރި މިހާރު ނުފެންނަ ކަމުގެ ވާހަކަތަކެއް ވެސް ދަނީ ދެކެވެމުންނެވެ.
"ޒުވާން އަލީ ވަހީދަށް ވުރެން ވެސް މުސްތަފާ މާ ރަނގަޅު،" ސިލްސިލާ މުޒާހަރާތަކުން އަލީ ވަހީދު ފެންނަލެތް މަދުކަމުން އެކަމަށް ފާޑުކިޔާފައިވާ އެމްޑީޕީގެ އެކްޓިވިސްޓަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މިހެންނެވެ.
އަނެކަކު ބުނެފައި ވަނީ "އެމްޑީޕީގެ ލީޑަޝިޕުން އާންމު ރައްޔިތުންނަށް އޮޅުވާލައިފި ކަމަށާއި އެހެން ނަމަވެސް މުސްތަފާ އެ ހުންނެވީ ފަތިސް ވަންދެން ވެސް މުޒާހަރާކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެން" ކަމަށެވެ.
ކޮންމެއަކަސް މުސްތަފާ ލުތުފީ ކޮންމެ ރެއަކު ދައްކަވަމުން ގެންދަވާ ހިތްވަރާއި ވަފާތެރިކަން "ސިޔާސީ ހަތިޔާރަކަށް" ހަދައިގެން ޕީޕީއެމްގެ ސަޕޯޓަރުން އެމްޑީޕީ އަށް ހަމަލާދީ އެމީހުންގެ ހިތްވަރާ ކުޅެން މަސައްކަތްކުރާ މަންޒަރު ވެސް އެބަ ފެނެ އެވެ. އެމްޑީޕީ އިން މުސްތަފާ މަގު މައްޗަށް ނެރެލާފައި ދެން ތިއްބެވި ހުރިހައި ލީޑަރުން ގެއަށް ވަދެ ފިއްލަވައިފި ކަމަށް ބުނެ ޕީޕީއެމްގެ މެމްބަރުން އެމްޑީޕީ އަށް ހަޖޫ ޖެހުމަކީ ވެސް މި ދުވަސްކޮޅު އާންމު ކަމެކެވެ.
ބަޔަކު ކޮންމެ އެއްޗެއް ކިޔަސް، މީގައި ފާހަގަކޮށްލަން ޖެހެނީ މުސްތަފާގެ ވަފާތެރިކަމެވެ. އެ ބޭފުޅާ ފާހަގަކޮށްލެވެނީ އެމްޑީޕީގެ އެހެން އިސް ލީޑަރުންނަށް ވުރެ ބޮޑަށް ނަޝީދު ދެކެ ލޯބިފުޅުވެ ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ވެސްމެ އެވެ. ގަވާއިދުން މުޒާހަރާތަކުގައި އެ ބޭފުޅާ ވާހަކަ ދައްކަވާ މަންޒަރު ބަލާ މީހުންނަށް މި ތަފާތު ވެސް ފާހަގަކުރެއްވޭނެ އެވެ.
ނަޝީދަށް ތައުރީފުކުރެއްވުމުގައި ވެސް އެ ބޭފުޅާ ވަރެއް ނެތެވެ. ގިނަ ރޭރޭގެ މުޒާހަރާތައް ނިންމަވާ ލެއްވުމަށް ފަހު މުސްތަފާ ގެއަށް އެނބުރި ވަޑައިގަންނަވަނީ ނަޝީދުގެ ދިފާއުގައި ގުރުބާންވެ ވަޑައިގެން ކަރުނަ އަޅުއްވަމުންނެވެ. މުސްތަފާގެ ވަފާތެރިކަމުގެ މި ކަރުނަ އަކީ އެމްޑީޕީގެ އެއްވުންތަކުގެ ބައިވެރިންނަށް އާ އެއްޗެއް ނޫނެވެ.
ގާތްގަނޑަކަށް ކޮންމެ ރެއަކީ ވެސް ނަޝީދުގެ ހިމާޔަތުގައި އަޑު އުފުއްލަވަމުން މުސްތަފާ ކަރުނައިންނާއި ވާރެއިން ތެމި ފޯވެ ވަޑައިގަންނަވާ ރެއެކެވެ.
އެހެންވީމަ ނަޝީދު ވެރިކަމަށް ވަޑައިގެންނެވިއިރު އެ ބޭފުޅާގެ ނާއިބަކަށް މުސްތަފާ ނެތުން އެއީ ބޮޑު ބަދުނަސީބެއް ނޫންތޯ އެވެ؟ އޭގެ ހެކި މި ދަނީ ކޮންމެ ރެއަކު ވެސް ފެންނަމުންނެއް ނޫން ހެއްޔެވެ؟
މުސްތަފާ ވިދާޅުވަނީ މިހެންނެވެ.
"ނުލިބޭނެ ރައީސް ނަޝީދުގެ ވެރިއެއް... ބޭ އިންސާފު ޝަރީއަތްކުރާ މީހުން ދާން އޮތް ތަނަކީ ނަރަކަ."