ރާއްޖެ ކުޅިވަރު

ފުޓްބޯޅަ އެވޯޑުގައި އަންހެން މޮޅު ކުޅުންތެރިޔާ ހިމަނައިފި

Jan 17, 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ގައި ދެން އެވޯޑް ދޭއިރު އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑާއި އެންމެ މޮޅު އަންހެން ކޯޗްގެ އެވޯޑް ހިމަނައި އިތުރު ގިނަ އެވޯޑް ތަކެއް ދޭން އެފްއޭއެމުން ނިންމައިފި އެވެ.

މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް އާ ގުޅިގެން އެފްއޭއެމުން، ރޭ ދޭން ފެށި "މޯލްޑިވްސް ފުޓްބޯޅަ އެވޯޑް" ގައި ރޭ ދީފައިވަނީ ހަތަރު އެވޯޑެވެ.

އެވޯޑް ހަފުލާގައި، ހުށަހަޅައިދިން ވީޑިއޯ ޕްރެސެންޓޭޝަންގައި އިތުރު ފަސް އެވޯޑެއް ދިނުމަށް ވަނީ ނިންމާފަ އެވެ.

އޭގެ ތެރޭގައި އެންމެ މޮޅު ގޯލް ހިމެނެ އެވެ. އެފްއޭއެމުން ބާއްވާ ކޮންމެ މުބާރާތެއްގައި ވެސް، ޖަހާ ކޮންމެ ގޯލެއް ހިމެނޭނެ އެވެ. އަތޮޅުތެރޭގައި ބާއްވާ މިނިވަން ޗެމްޕިއަންޝިޕގައި ޖަހާ ގޯލްތައް ވެސް ވީޑިއޯ ކުރުމަށް ފަހު އެފްއޭއެމް އަށް ފޮނުވުމުން، އެ ގޯލްވެސް ހިމެނޭނެ އެވެ.

އެންމެ މޮޅު ގޯލް އެވޯޑް ދިނުމަށް ހަމަޖައްސާފައި ވަނީ ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ ގޯލެއް ޖެހި ވިކްޓަރީގެ އަބުދުﷲ ރަޝީދު (ޖޫލޭ) ހަނދާނު ގައެވެ. އެންމެ މޮޅު ގޯލްގެ އެވޯޑަށް ދިނުމަށް ހަމަޖެހިފައިވާ ނަމަކީ "ޖޫލޭ އެވޯޑް" އެވެ.

ޖޫލޭ، ގައުމީ ޓީމުގެ ފުރަތަމަ ގޯލް ޖަހާފައި ވަނީ 1979 ވަނަ އަހަރު، ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައެވެ.

އަލަށް ދޭނެ އެޥޯޑް ތައް

- އެންމެ މޮޅު އަންހެން ކުޅުންތެރިޔާ
- އެންމެ މޮޅު އަންހެން ކޯޗް
- ޖޫލޭ އެވޯޑް (އެންމެ މޮޅު ގޯލްގެ އެވޯޑް)
- އެންމެ މޮޅު ގޯލްކީޕަރު
- ސަޕޯޓާސް އެވޯޑް

އާ އެވޯޑް ތަކާއެކު އަންނަ އަހަރު ނުވަ އެވޯޑް ދޭނެ އެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައި ވަނީ ޓީސީ އަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) އެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދާފައި ވަނީ އީގަލްސްގެ އަހްމަދު ރިޒުވާން (ރިޒޭ) އެވެ. އެންމެ މޮޅު ކޯޗްގެ އެވޯޑް ހޯދާފައި ވަނީ ޓީސީގެ މުހައްމަދު ނިޒާމް އެވެ. މީގެ އިތުރުން، 34 ލަނޑު ޖަހައިގެން، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދާފައި ވަނީ ސެންޓޭ އެވެ.