ރާއްޖެ ކުޅިވަރު

އެވޯޑް ނުލިބުމަކީ އަލުން އެވޯޑް ހޯދަން ލިބުނު ހިތްވަރެއް

މޮޅު ކުޅުންތެރިޔާގެ އެވޯޑް ނުލިބުމަކީ، މި އަހަރު އެ އެވޯޑް ހޯދަން ލިބުނު އިތުރު ހިތްވަރެއް ކަމަށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސޯ) ބުނެފި އެވެ.

މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އަލީ ފާސިރު (ސެންޓޭ) އެވޯޑް ހޯދީ އަސަދުﷲ އާއި އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދާ ވާދަ ކޮށްގެންނެވެ.

އަދި ސެންޓޭ އެންމެ ގިނަ ގޯލް ޖަހައިގެން ހޯދި ރަންބޫޓް އެވޯޑް ހޯދިއިރު ވެސް، ލަނޑުގެ ގޮތުން އޭނާއާ އެންމެ ވާދަ ކުރި ކުޅުންތެރިޔަކީ ވެސް އަސަދުﷲ އެވެ. ސެންޓޭ 34 ލަނޑު ޖަހައިގެން ރަން ބޫޓް އެވޯޑް ހޯދިއިރު، އަސަދުﷲ ޖަހާފައި ވަނީ 32 ލަނޑެވެ.

"ނޮމިނޭޓްވެ އެވޯޑް ނުލިބުން ވެސް މިއީ، މިއަހަރު އެވޯޑް ހޯދަން ލިބުނު އިތުރު ހިތްވަރެއް، އިރާދަ ކުރެއްވިޔާ މިއަހަރު އެވޯޑް ގެންދަން ބުރަ މަސައްކަތެއް ކުރާނަން،" ރޭ ބޭއްވި އެވޯޑް ހަފުލާ އަށް ފަހު އަވަސްއާ ވާހަކަ ދައްކަމުން އަސަދުﷲ ބުންޏެވެ.

ދެހާސް ސާދަ ވަނަ އަހަރާއި ދެހާސް ފަނަރަ ވަނަ އަހަރުވެސް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދާފައި ވަނީ އަސަދުﷲ އެވެ. އަދި އެ ދެ އަހަރުވެސް ދުވަހު ނޫސް ހަވީރުން ހޮވި މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދި އަސަދުﷲ ބުންޏެވެ.

މިދިޔަ އަހަރު ސީޒަންގައި، އަނިޔާގެ ސަބަބުން ލީގްގެ މުހިންމު މެޗު ތަކުގައި ކުޅެފައެއް ނުވެއެވެ.

މިދިޔަ އަހަރު ގައުމީ ޓީމުގައިވެސް އެންމެ މޮޅު ކުޅުމެއް ދައްކައި ގައުމީ ޓީމުގައި މިހާތަނަށް ހެޓްރިކް ހެދި މަދު ކުޅުންތެރިންގެ ތެރޭގައިވެސް އަސަދުﷲ ވަނީ ހިމެނި ފައެވެ. ބަންގުލަދޭޝްއާ ދެކޮޅަށް ޖޫން މަހު އެއް ވަނަ ދުވަހު ކުޅުނު މެޗްގައި، ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި އަސަދުﷲ ވަނީ ހެޓްރިކް ހަދާފަ އެވެ.