ރިޕޯޓް

ކެޔޮ އުނގަށް އަޅަން ޖެހުނަސް ކޮތަޅަށް ކެޔޮދޫ ސަލާން!

  • ރަށުގައި ހިލޭ ކޮތަޅު ދިނުމެއް ނެތް
  • ޕްލާސްޓިކު ފުޅި ބޭނުން ކުރުމާ ދުރަށް
  • މި އަހަރު ކަނޑުއަޑީގެ މިއުޒިއަމް ހުޅުވާނެ

ފިހާރަ އަށް ގޮސް އެއްޗެއް ލާން ޕްލާސްޓިކް ކޮތަޅެއް ދޭން އެދުނީމެވެ. އެކަމަކު މި ރަށުގެ އެއްވެސް ފިހާރައަކުން އެކަން ވާގޮތެއް ނުވި އެވެ. އެހެން ރަށްރަށުން ހިލޭ ޕްލާސްޓިކް ކޮތަޅު ލިބުނު ނަމަވެސް، މިރަށުގައި މިކަމެއް ނުވާނެ އެވެ. ޕްލާސްޓިކް ކޮތަޅެއް ބޭނުންނަމަ ޖެހޭނީ ފަސް ރުފިޔާ އަށް ގަންނާށެވެ. މިއީ ވ. އަތޮޅުގެ ގާމަތި ރަށެއް ކަމަށްވާ، ކެޔޮދޫ އެވެ. ތިމާވެއްޓާ ރަހުމަތްތެރި ރަށަކަށް ހެދުމަށް މި ރަށު ރައްޔިތުން ކަނޑައެޅި އަޒުމާއެކު، ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ވަނީ ހުއްޓާލާފަ އެވެ.

"ފިހާރައިން އެއްޗެއް ގަނެގެން އުނގަށް އަޅައިގެން ދާން ޖެހުނީއްޔާ ދާނީ. ހަމަޔަގީނުންވެސް ދެން ޕްލާސްޓިކް ކޮތަޅުގެ ބޭނުން މަށެއް ނުކުރާނަން. އަހަރެމެން ބޭނުން މި ރަށް [ކެޔޮދޫ] ރީތިކޮށް ބާއްވަން،" ވ. ކެޔޮދޫ، ފެލިދޫގޭ، އައިޝަތު ސޮފޫރާގެ އަޒުމަކީ މިއީ އެވެ.

އާބާދީގައި 830 މީހުން ދިރިއުޅޭ ކެޔޮދޫގެ ކޮންމެ މީހަކީވެސް މި އަޒުމުގައި ހުރި މީހެކެވެ. ކެޔޮދޫ ރައްޔިތުން މި އަޒުމު ކަނޑައެޅުމުގައި އޮތް ސިއްރު ކުޑައެއް ވެސް ނޫނެވެ. އެއް ކަމަކީ ރަށުގެ އިގްތިސޯދެވެ. އަތޮޅުގެ އެހެން ރަށްތަކަކީ ރީތި މޫދާއި ނޫވިލުތަކާއި ދޮންވެލީގެ ގޮނޑުދޮތަށް ރަށުގެ ގޮނޑަށް "ލައްގާފައިވާ" ރަށް ތަކެވެ.

ގިނަ ރަށްރަށުގެ މާދުރު ނޫން ހިސާބުގައި މި ރީތިކަން އޮވެ އެވެ. އެކަމަކު ކެޔޮދޫއާ މި ނަސީބުތައް އޮތީ ތަންކޮޅެއް ދުރުގައޭ ބުނެވިދާނެ އެވެ. މިހެންވެ، ދުނިޔޭގެ ސަމާލުކަމަށް ގެނެސް މިސާލު ދެއްކުމަކީ ކެޔޮދޫ ރައްޔިތުންގެ އެންމެ ބޮޑު އަޒުމެވެ. މަގުސަދަކީ މީގެ ސަބަބުން ގެސްޓްހައުސް ޓޫރިޒަމް ފައްކާވަމުން އަންނަ ކެޔޮދޫ މާކެޓު ކުރަން ފަސޭހަވުމެވެ.

މިކަން ކުރުމުގައި ގެސްޓްހައުސް ޕީއާރު ކުންފުނި މޯލްޑިސް ގެޓްވޭސް އާއި ދިރާގު ފަދަ ކުންފުނި ތަކުން މިވަނީ ކެޔޮދޫ ރައްޔިތުންނާ އަތު ގުޅާލާފަ އެވެ. ރަށުގެ ކައުންސިލާއި ރައްޔިތުން ތިބީ އެއް ލަވައެއް ކިޔައިގެންނެވެ. އެހެންވެ މި ރަށް ސާފުކޮށް، ރަށު ކައިރީގައި ރާއްޖޭގެ ފުރަތަމަ ކަނޑުއަޑީގެ ދާރުލްއާސާރު ހަދަން ވަނީ މަސައްކަތް ފަށާފަ އެވެ.

"އަޅުގަނޑުމެންގެ އަޒުމެއް ޕްލާސްޓިކް ފުޅި ހުއްޓާލުންވެސް. އެކަމަށް ވިސްނުން ބަހައްޓައިގެން ކުރިއަށް ދަނީ. ގެސްޓް ހައުސް ތަކުން ޕްލާސްޓިކް ފުޅި ހުއްޓާލުމަށް މަޝްވަރާތައް ކުރަމުން މިދަނީ. އިރާދުކުރެއްވިއްޔާ އަންނަ އަހަރު މެދުތެރޭގައި އެކަން ކުރެވޭނެ،" ކައުންސިލްގެ ރައީސް އަހުމަދު ބުންޏެވެ.

"ކެޔޮދޫ ރައްޔިތުން ބުނަނީ ޕްލާސްޓިކަށް ނޫނެކޭ! އެހެންވެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން މި ރަށު ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު ދިނުން ހުއްޓާލީ. އެހެންވެ މިހާރު ރަށުގެ ކޮންމެ މީހަކުވެސް އެއްޗެއް ގަންނަން ދާނަމަ މި ދަނީ [ދިރާގުން ހަދިޔާކުރި] ޕްލާސްޓިކް ކޮތަޅު ހިފައިގެން. މީގެ އިތުރުން ކުރިއަށް އޮތް ދެ މަސް ތެރޭގައި ޗައިނާ އިން ވޫލް ކޮތަޅު ގެނެސް ފިހާރަތަކަށް ލާނެ. މިހާ ހިސާބުން ދެން ޕާސްޓިކް ކޮތަޅު ބޭނުން ކުރުން އެއްކޮށް ހުއްޓޭނެ،" ގެސްޓްހައުސް ވިޔަފާރިން މަހަކު ދެ މިލިއަން ހަރަދުކުރާ، ރަށު ކައުންސިލްގެ ރައީސް، އަހުމަދު ވިދާޅުވި އެވެ.

ކެޔޮދޫ ރައްޔިތުންގެ ނަޒަރުގައި މި ނިންމުމަކީ، ދަތި ކަމެއް ނަމަވެސް މިއީ މު ޅިރާއްޖޭން ކުރަން މަޖުބޫރު ކަމެކެވެ.

ކެޔޮދޫގައި ގެސްޓްހައުސް ވިޔަފާރި ފަށަށް ތައްޔާރުވާ، އަބްދުﷲ ޒަމީރު ވިދާޅުވި ގޮތުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލުން ފަދަ ކަންކަމަކީ ކުޑަ ކަމެއް ނަމަވެސް، މިއީ ދުނިޔޭގެ ފެންވަރުގައި މިސާލު ދައްކާނެ ކަންކަތްތަކެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ރަށު ތެރެ ވަރަށް ރީތިކޮށް އޮންނަން. އެހެންވެ މުޅިރަށް ސާފު ކުރުން ދާއިމީކޮށް މި ފަށަނީ. މީގެ ބައެއް މި އަންޑަވޯޓާ ދާރުލްއާސާރު ހެދުމަކީ ވެސް،" މި އަހަރު ތެރޭގައި، ކެޔޮދޫގައި ގެސްޓްހައުސް ހުޅުވާ، އަބްދުﷲ ޒަމީރު ވިދާޅުވި އެވެ.

މި ރަށު، ނޫރާނީ ވިލާގޭ، ތަމީމާ ބުނި ގޮތުގައި ރައްޔިތުންގެ އަޒުމަކީ ކެޔޮދޫއަކީ ރާއްޖޭގެ އެންމެ ރީތި ރަށަށް ހެދުމެވެ. އޭނާ ވެސް ހުރީ އެގޮތުގައެވެ.

"ރަށުތެރެ ސާފުކޮށް ބޭއްވުމަކީ ރަށަށް އަންނަ ފަތުރުވެރިންނަށްވެސް ލިބޭނެ އުފަލެއް. މީގައި ހަމައެކަނި ފަތުރުވެރިންނަށް އެކަންޏެއް ނޫން. ރަށް އެކި ރޯގާތަކުން ވެސް ސަލާމްވާނެ. މިއީ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު އުފާ. އެހެންވެ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މި ހުއްޓާލަނީ،" އޭނާ ބުންޏެވެ.

ކެޔޮދޫ، މިނިވަން އައްސޭރިގޭ، މުހައްމަދު އަޝްރަފުގެ އަޒުމަކީ ވެސް އުފަން ރަށް އަބަދު ސާފުކޮށް ބޭއްވުމެވެ. އެހެންވެ އޭނާގެ އަޒުމަކީވެސް ޕާސްޓިކް ކޮތަޅު ބޭނުން ކުރުން އަބަދަށް ހުއްޓާލުމެވެ.

"ރަށް ސާފު ކުރުން އަބަދު ވެސް ކުރިއަށް ގެންދަން ޖެހޭ. އެހެންވެ ޕްލާސްޓިކް ކޮތަޅު މަދު ކުރުން މިއީ ލިބޭނެ އެންމެ ބޮޑު ކުރިއެރުން،" އަޝްރަފު ބުންޏެވެ.

ކެޔޮދޫ ކައުންސިލްގެ އަޒުމަކީ މާދުރު ނޫން މުސްތަގުބަލެއްގައި، ރަށަށް އެތެރެކުރާ ޕްލާސްޓިކް ފުޅި އެތެރެ ކުރުން ވެސް ހުއްޓާލައި، ބިއްލޫރި ފުޅީގައި ފެން ބަންދު ކުރަން ފެށުމެވެ.

"އަޅުގަނޑުމެންގެ އަޒުމެއް ޕްލާސްޓިކް ފުޅި ހުއްޓާލުން ވެސް. އެކަމަށް ވިސްނުން ބަހައްޓައިގެން ކުރިއަށް ދަނީ. ގެސްޓް ހައުސް ތަކުން ޕްލާސްޓިކް ފުޅި ހުއްޓާލުމަށް މަޝްވަރާތައް ކުރަމުން މިދަނީ. އިރާދުކުރެއްވިއްޔާ އަންނަ އަހަރު މެދުތެރޭގައި އެކަން ކުރެވޭނެ،" ކައުންސިލްގެ ރައީސް އަހުމަދު ބުންޏެވެ.

ކެޔޮދޫގައި މި ހުރިހާ ކަމެއް ކުރުމުގައި ކައުންސިލަށް ލިބޭ ހިތް ވަރަކީ ރައްޔިތުންގެ ގުޅުން ބޮޑުވުމެވެ. ހާއްސަކޮށް ސިޔާސީ ގޮތުން "ކަފި ކަފި" ވުން އެއްކިބާކޮށް، ރައްޔިތުންގެ އަޒުމަކީ ރާއްޖެ އާއި ދުނިޔެ އަށް މިސާލު ދެއްކުމެވެ. މިގޮތުން ކެޔޮދޫ ރައްޔިތުންގެ އަޒުމަކީ ދޮންކެޔޮ އުނގަށް އަޅައިގެން ގެއަށް ގެންދަން ޖެހުނަސް ޕްލާސްޓިކް ކޮތަޅެއްގައި ނުހިފުމެވެ.