އެފްއޭއެމް

އެފްއޭއެމްގެ ބަޖެޓް ފާސްކުރާ ކޮންގްރެސް އަންނަ މަހު 25 ގައި

Jan 17, 2017

މި އަހަރަށް އެފްއޭއެމްގެ ބަޖެޓް ފާސް ކުރަން ބާއްވާ ކޮންގްރެސް އަންނަ މަހު 25 ގައި ބާއްވަން އެފްއޭއެމުން އިއުލާން ކޮށްފި އެވެ.

އެފްއޭއެމުގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވީ، އެފްއޭއެމް ބަޖެޓް ހުށަހެޅުމުގެ ކުރިން، މިދިޔަ އަހަރުގެ އޮޑިޓްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ބަޖެޓް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން، އަދި ކިހާވަރެއްގެ ބަޖެއްޓެއްތޯ މުޅިން ފައިނަލެއް ނުކުރަން، އޭގެ ކުރިން މިދިޔަ އަހަރުގެ އޮޑިޓް ނިންމާލެވޭތޯ މި މަސައްކަތް ކުރަނީ،"

ޖަވާ ވިދާޅުވީ އަންނަ މަހު 25 ގެ ކުރިޔަށް އޮޑިޓް ނިންމައ ބަޖެޓް އެކުލަވައިލުމުގެ މަސައްކަތްވެސް ކުރާ މަށެވެ.

އާ ނައިބު ރައީސް ޝަކީބުގެ ނަމަށް ވޯޓް ނަގާނެ

ބަޖެޓް ފާސް ކުރުމުގެ އިތުރަށް، ކޮންގްރެސް ގައި، އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް ކަމަށް މިމަހު އައްޔަން ކުރި ގައުމީ ޓީމުގެ ފިޒިޝަން އަހްމަދު ޝަކީބު (ޑޮކް) އަށް ކުލަބުތަކުގެ ރުހުން އޮތްތޯ ވޯޓަށް އަހަން ވެސް ވަނީ ނިންމާފަ އެވެ.

ސީނިއާ ނައިބު ރައީސް ކަމަށް ޑޮކް އައްޔަން ކޮށްފައި ވަނީ، މިދޔަ އަހަރު ނޮވެމްބަރު 20 ވަނަ ދުވަހު ބޭއްވި ކޮންގްރެސްގައި އިންތިހާބު ކުރި ނައިބު ރައީސް، ފަރަސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު އިސްތިއުފާ ދެއްވުމުން ނެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭންގައި ބައްސާމް ވިދާޅުވީ އޭނާގެ އެކްސްކޯގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ފަހަރަކު ބޭފުޅަކު އިސްތިއުފާ ދެއްވަމުން ގޮސް، ފުޓްބޯޅައިގެ ފަރާތްކަށް އެކްސްކޯ އިން ފުރުސަތު ދެއްވާނެ ކަމަށެވެ.

ޝަކީބު ވަނީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ ދުވަސްވަރު، ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއަމަން ކަމުގެ މަގާމު ވެސް ފުރުއްވާފަ އެވެ.

ބައްސާމް ވިދާޅުވީ ބަޖެޓަށާއި ޝަކީބުގެ ނަމަށް ވެސް ހުރިހާ ކުލަބު ތަކުންވެސް ވޯޓް ދެއްވާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.

"އިންތިހާބު ދުވަސް ވަރު، ކުލަބު ތަކުގެ މެދުގައި ހިޔާލު ތަފާުވުން ހުއްޓާސް މިހާރު ހުރިހާ ކުލަބަކުން ތިބީ އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރަން ތައްޔާރަށް ހުރިހާ ކުލަބުތަކެއް ތާއީދު މި މަސައްކަތަށް އެބައޮތް،" ބައްސާމް އަވަސް އަށް ވިދާޅުވި އެވެ.

ޝަކީބު ވަނީ ކުރީގެ އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް ޓޮމްގެ ދުވަސްވަރުވެސް، ޓޮމްގެ އެކްސްކޯގައި ވެސް ހިމެނި ވަޑައިގެން ފައެވެ. އަދި ޓޮމްގެ ނިންމުންތަކާ މެދު ހިތް ހަަމނުޖެހިގެން، އެފްއޭއެމުން އިސްތިއުފާ ދެއްވި ފަސް މެންބަރުންގެ ތެރޭގައި އޭނާ ވެސް ހިމެނެ އެވެ.