ވިޔަފާރި

ސޮނޭވާ ފުށީގައި މަހުޖަނުންގެ އަމިއްލަ ގެދޮރު!

Mar 17, 2015
2

"ނޯ ނިއުސް، ނޯ ޝޫޒް" މިއީ ސޮނޭވާ ފުށީގެ ސްލޯގަނެވެ. މި ރިސޯޓަށް މީހަކު އެރުމާއެކު ކޮތަޅެއް ގެނެސްދޭނެ އެވެ. އެއީ ފައިވާން ލާ ކޮތަޅެވެ. ދެން މި ރަށުގައި އުޅެން ޖެހޭނީ ހުސްފައިގަ އެވެ. ފެހިކުލަ ގަދަ، ގުދުރަތީ ރީތިކަމުން ފުރިގެންވާ މި ފުރިހަމަ ރިސޯޓުގައި މުއްސަނދި މަހުޖަނުނަށް ވިއްކުމަށް ހާއްސަ ބޮޑެތި ވިލާތަކެއް ހުރެ އެވެ. މިއީ މަހުޖަނުންގެ އަމިއްލަ ގެދޮރެ އެވެ. މި "ގެތައް" ގަނެގެން އަމިއްލަ ކުރުމުގެ ފުރުސަތު އެމީހަކަށް ލިބެ އެވެ.

"މި ވިލާތައް ގަންނަ މީހަކަކަށް މިއީ ދިގު މުއްދަތައް ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި މި ބެހެއްޓިދާނެ،" ސޮނޭވާ ފުށި ރިސޯޓުގެ ވެރިޔާ ސޮނޫ ސިވްދަސަނީ ވިދާޅުވި އެވެ.

ބ. އަތޮޅުގައި އޮންނަ މި ފުރިހަމަ ރިސޯޓު ތަރައްގީކޮށްފައިވަނީ އިންޑިޔާ އާއި އިނގިރޭސިވިލާތައް ނިސްބަތްވާ މަހުޖަނު ސޮނޫ އެވެ. ކުރީގެ ނަމުންނަމަ ކުންފުނަދޫގައި މީގެ 20 އަހަރުކުރިން ސޯނޫ އާއި އޭނާގެ އަންހެނުން ސުވިޑަންގެ ކުރީގެ ސުޕަ މޮޑެލް އީވާ ހެދި މި ރިސޯޓާއެކު ސޯނޫގެ ވިޔަފާރި ކުރިއަށްދެމިގަތެވެ.

ސޮނޭވާ ފުއްޓަކީ ރާއްޖޭގައި ހުރި ހަމައެކަނި ރެސިޑެންސް ވިލާތައް ވިއްކާ ރިސޯޓެވެ. ވިލާ ގަންނަން ފަރާތްތަކަށް ކުއްޔަށް ދެވޭގޮތަށް ހަދާފައިވާ މި ވިލާތަކުގައި ހަ ކޮޓަރި ހުރެ އެވެ. މި ތަންތަން ގަންނަ ފަރާތަކަށް ބޭނުންވާނެ ހުރިހާ ހިދުމަތެއް އެތަނުން ލިބެ އެވެ. އެތަނުގައި ސްޕާ ހުރެ އެވެ. ކެއުންތައް ލިބެ އެވެ. ގާތްގަނޑަކަށް 2،709 ސްކެއާ މީޓަރުގެ ބޮޑެތި މި ވިލާތައް ވިއްކަނީ ތިން މިލިއަން ޑޮލަރާއި 12.5 މިލިއަން ޑޮލަރާއި ދެމެދުގެ އަގުތަކެއްގަ އެވެ.

ތިމާވެއްޓާއި ރަހުމަތްތެރި ސޮނޭވާ ފުއްޓަކީ ދުނިޔޭގެ މަޝްހޫރު ތަރިންގެ މެދުގައި މަޝްހޫރު އެއް ރިސޯޓެވެ. މި ރިސޯޓުގެ އަގު ބޮޑު ވިލާތައް ގަނެފައިވާ މަޝްހޫރު ތަރިންގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާ އާއި ޕައުލްމެކާތްނީ ފަދަ މަޝްހޫރު މީހުން ހިމެނެ އެވެ.

ލަގްޒަރީ މަތީ ފަންތީގެ ވިލާތައް ވިއްކާ ސޮނޭވާ ފުއްޓާއިއެކު ސޯނޫގެ ވިސްނުން މިހާރު ހުރީ ރާއްޖޭގައި އިތުރު ރިސޯޓެއް ހުޅުވުމަށެވެ. ސޯނޫ ރާއްޖޭގައި ހުޅުވަން މަސައްކަތް ކުރާ "ސޮނޭވާ ޖާނި" ރިސޯޓު އަންނަ އަހަރު ހުޅުވޭ ވަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސޮނޭވާ ފުށިން ސްޕީޑް ލޯންޗުގައި 30 މިނެޓުން ދެވޭ ހިސާބުގައި ތަރައްގީ ކުރާ މި ރިސޯޓުގައި 54 ވިލާ އާއި 24 ވޯޓާ ވިލާ ވެސް ހުރެ އެވެ. މިއީވެސް ފުރިހަމަ ރިސޯޓަކަށް ވާނެ އެވެ.

ސޯނޫ ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގައި ޓޫރިޒަމް ވިޔަފާރި ފެށުމުގެ ފައިދާ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު އެތައް ގުނައެއް ބޮޑެވެ. ނަމަވެސް ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރުމުގައި ގިނަ ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"ރާއްޖޭގައި ރިސޯޓެއް ހެދުމަކީ ފަސޭހަ ކަމެއް ނޫން،" ސޯނޫ ފާހަގަ ކުރެއްވި އެއް ކަމަކީ މިއީ އެވެ.