އެޗްޑީސީ

ހުޅުމާލެ - ކްލަބްފަރުގައި ހަފްލާތަކަށް ހާއްސަ ބައެއް ތަރައްގީ ކުރަނީ

Jan 17, 2017

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިއްކި ބިމުގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކުރީގެ ކްލަބްފަރު ރިސޯޓުގައި ހަފްލާތަކަށް ކުއްޔަށް ދޭ ސަރަހައްދެއް ތަރައްގީ ކުރަން ނިންމައި އެކަން ކޮށްދޭނެ ފަރާތެއް ހޯދަން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިއުލާން ކޮށްފި އެވެ. ކްލަބްފަރުގެ ބޮޑު ބައެއް ބޭނުން ކުރަން ނިންމާފައިވަނީ، ހެރިޓޭޖް އައިލެންޑެއްގެ ގޮތުގަ އެވެ.

އެޗްޑީސީން މިއަދު ބުނީ، ކްލަބްފަރުގައި "އިވެންޓް ސްޕޭސް" ގެ މަސައްކަތްތައް ކޮށްދޭން ޝައުގުވެރިވާ ފަރާތްތައް އެކަމުގެ އަންދާސީ ހިސާބު ހުށަހަޅަން ހުޅުވާލާފައިވާ ކަމަށާއި އަންނަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހާ ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

ކްލަބްފަރުގައި ހަފްލާތަކަށް ކުއްޔަށްދޭ ތަނެއް ހަދަން ނިންމާފައިވީ ނަމަވެސް އެތަނުގެ ސްޓްރަކްޗާ އަދި ފައިނަލެއް ނުކުރެ އެވެ. އެޗްޑީސީން ބުނީ އަންދާސީ ހިސާބު ހުށަހަޅާ ނިމުމުން އެ މަޝްރޫއަކީ ކިހާ ފީސިބަލް މަޝްރޫއެއްތޯ އާއި މަސައްކަތް ކުރިއަށްގެންދާނެ ގޮތާ ބެހޭގޮތުން މަޝްވަރާކޮށް ޕްރޮޖެކްޓާ ގުޅޭ އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައި ވަނީ، 245 ހެކްޓަރުގެ ބިމެވެ. އެ ބިން ތަރައްގީ ކުރަން އެޗްޑީސީން މަސައްކަތް ފަށާފައިވާއިރު މިދިޔަ އަހަރު އެޗްޑީސީން ވަނީ އެ ބިމުގައި 15،000 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ނިންމައި އެކަން އިއުލާންކޮށްފަ އެވެ. ކްލަބްފަރު އޮތް ސަރަހައްދުގައި ހެރިޓޭޖް އައިލެންޑް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ވަރަށް އަވަހަށް އެ ސަރަހައްދުގައި ގާއިމްކުރާ ކްރޫޒް ޓާމިނަލްގެ މަސައްކަތް ވެސް ފަށާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.