ރިޕޯޓް

80 މިލިއަން ޑޮލަރުގެ އަގު ބޮޑު ކަނޑިންމަ ހުޅުވާލަނީ

  • ރިސޯޓުގައި 10 ރެސްޓޯރެންޓް
  • ހުޅުވުން އަންނަ މަހު ތެރޭގައި
  • މެދުފަންތީގެ ލައިފް ސްޓައިލް ރިސޯޓެއް

ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ތަރައްގީ ކޮށްފައިވާ، ދ. ކަނޑިންމަ މޯލްޑިވްސް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފި އެވެ.

ކަނޑިންމަ މޯލްޑިވްސް ތަރައްގީކުރި ރިއޯލޯ ގްރޫޕްގެ ސީއީއޯ މުހައްމަދު ހަލީލް "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މަސައްކަތުން ތަރައްގީކޮށްފައިވާ މި ރިސޯޓުގެ މަޝްރޫއަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"މި ޕްރޮޖެކްޓް ފަށަން ޖެހެނީ އެންމެ ފުލުން. މިއަދު އިރާދުކުރެއްވިއްޔާ މި އޮތީ ނިމުމާ ގާތްވެފައި. މި ބަލަނީ އަންނަ މަހުގެ ފަހުކޮޅު ރިސޯޓު ހުޅުވަން،" ހަލީލް ވިދާޅުވި އެވެ.

ކަނޑިންމަ މޯލްޑިވްސް ފަރުމާ ކޮށްފައިވަނީ ޓޫރިސްޓުންނަށް އެންމެ ފުރިހަމަ ހިދުމަތް ލިބޭ ގޮތަށެވެ. މި ރިސޯޓުގައި 11 ގިންތި އަކުން 274 ވިލާ ހުންނާނެ އެވެ. އަދި މި ރިސޯޓު ހަދާފައިވަނީ ރާއްޖޭގެ އެންމެ ބޮޑު ސުވިމިންޕޫލް ވެސް ހިމެނޭ ގޮތަށެވެ. ރިސޯޓު މެނޭޖު ކުރަނީ ޕަލްސް ހޮޓެލްސްއިންނެވެ.

ރިސޯޓުގެ ބައެއް ހިދުމަތްތައް

  • ބީޗް އެންޑް ސްކައި ސްޓޫޑިއޯތައް
  • ފެމިލީ ސްކައި ސްޓޫޑިއޯ
  • އަކުއާ ޕޫލް ވިލާއެއް
  • ބީޗް ޕޫލް ވިލާތައް
  • އަކުއާ ވިލާތައް

ދިގު މިނުގައި ތިން ކިލޯ މީޓަރު ހުންނަ ކަނޑިންމަ މޯލްޑިވްސްގެ ގެސްޓް ވިލާތައް ހަދާފައި ވަނީ ޓޫރިސްޓުން އެންމެ ގަޔާވާނެ ގޮތަށެވެ. މީގެ އިތުރުން މި ރިސޯޓުގައި މޫދު ކުޅިވަރުގެ އެކި ހިދުމަތްތަކާއި ޖިމްގެ އިތުރުން ކަނޑުގެ އެކި ދިރާސާތައްކޮށް، ރާއްޖޭގެ ރީތިކަން ދައްކާލުމަށް ހާއްސަ މެރިން ބައިލޮޖީ ސްކޫލަކާއި ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބެއްގެ އިތުރުން ބޮޑު ރެސްޓޯރެންޓަތަކާއި ކެފޭތައް ވެސް ހުންނާނެ އެވެ.

މެދު ފަންތީގެ، ލައިފްސްޓައިލް ރިސޯޓެއް

މި ރިސޯޓުގެ ހުރިހާ ފެސިލިޓީއެއް ވެސް ހުންނާނީ އެންމެ މަތީ ފަންތީގަ އެވެ. ނަމަވެސް މި ރިސޯޓަކީ މެދުފަންތީގެ ޓޫރިސްޓުންނަށް ވެސް އެފޯޑު ކުރެވޭނެ ރިސޯޓެކެވެ.

ހަލީލް ވިދާޅުވީ ކެއިން ބުއިމުގެ ހިދުމަތް ދިނުމަށް ވެސް 10 ރެސްޓޯރެންޓް/ ކެފޭ ހުންނާނެ ކަމަށެވެ. މީގެއިތުރުން މި ރިސޯޓުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ރަށް ފަރުމާކޮށްފައިވާނީ ޓްރެޑިޝަނަލްކޮށް ޕޭޕަރުތަކުގައި ސޮއިކުރުން ފަދަ ކަންކަން ނުކޮށް ޓެކްނޮލޮޖީގެ އެހީގައި އެކަން ކުރުމަށް. ކޮންމެ މީހަކަށް އާރްއެފްއައިޑީ ބްރެސްލެޓެއް ދޭނެ،" ހަލީލް ވިދާޅުވި އެވެ.

އާރްއެފްއައިޑީ ސިސްޓަމަކީ ޓޫރިސްޓުންގެ މައުލޫމާތު ހިމެނޭ ގޮތަށް އަތުގައި އަޅާފައި އޮންނަ ބޭންޑެކެވެ. މި ބޭންޑަށް ޓޫރިސްޓުން ހޮޓާތަކުގައި ބޭނުންކުރާ ބިލްތައް އެންޓް ކުރުމާއި ޓޫރިސްޓުން އުޅޭ ހިސާބު ދެނެގަތުން ފަދަ ކަންކަން ކުރެވެ އެވެ.

ތިމާވެއްޓާ ރަހުމަތްތެރި ރިސޯޓެއް

ކަނޑިންމަ މޯލްޑިވްސް ފަރުމާކޮށްފައިވާނީ ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ކަމަށެވެ.

"ވަރަށް ބޮޑަށް އެންވަޔަރުމެންޓަށް ބަލާފައި ހުންނާނީ. ރަށް ފިނި ކުރަން ބޭނުން ކުރާނީ ޗިލް ވޯޓާ ސިސްޓަމުން. ހޫނު ފެން ފޯރުކޮށްދޭނީ ރިސައިކަލް ކޮށްގެން. ސުވަރޭޖް ސިސްޓަމްސް ރީސައިކަލްކޮށްފައި މި ބޭނުންކުރަނީ ގާޑަން އަށް. ސޮލިޑް ވޭސްޓް މި ބޭނުންކުރަނީ ފާޓިލައިޒާގެ ގޮތުގައި. ވަރަށް ވޭސްޓް ކުޑަވާނެ މި ސިސްޓަމުން،" ހަލީލް ވިދާޅުވި އެވެ.