ދީން

ދައުލަތު ޢުޘްމާނީ

ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުވުނު މާތް އިތުރު ނަބީ ކަލޭގެފާނުން ހިޖްރައަށް މަދީނާއަށް ވަޑައިގެން އެންމެ ފުރަތަމަ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ހިސާބުން ހިދާޔަތުގެ ނޫރު ދިޔައީ ދުނިޔޭގެ އެކި އެކި ކަންކޮޅުތަކަށް ފެތުރެމުންނެވެ. މާތް އިތުރު ރަސޫލާ ( ޞައްލައްﷲ ޢަލައިހި ވަސައްލަމް) ސުވަރުގެ ވަޑައިގަތުމަށްފަހުގައި ވެސް ދުނިޔޭގެ އެކިއެކި ބޮޑެތި ބާރުތައް ދިޔައީ އިސްލާމުންނަށް ފަތަޙަވަމުންނެވެ. އެގޮތުން ފާރިސީކަރަ ފަދަ އެ ޒަމާނުގެ އެންމެ ވަރުގަދަ ބާރުތައް ހިމެނެއެވެ. އަދާހަމަޔަށް އައި އިރު އިންސާނުން ސިއްސުވާލި އެތަކެއް ވަރުގަދަ ވެރިކަން ތަކެއް ވަނީ ދުނިޔެ ދެކެފައެވެ. އެގޮތުން މި ކުރު ލިޔުން ކޮޅަކީވެސް އިސްލާމީ ވަރުގަދަ ވެރިކަމަކާ ބެހޭ ގޮތުން ތައްޔާރުކުރެވިފައިވާ ކުރު ލިޔުން ކޮޅެކެވެ.

އާދެ! އައްދައުލަތުލް ޢުޘްމާނީ ނުވަތަ ޢުޘްމާނީ ދައުލަތަކީ މީލާދީ ސަނަތުން 27 ޖުލައި 1299 އިން 29 އޮކްޓޫބަރ 1923 ވަނަ އަހަރާ ހަމަޔަށް ދެމިއޮތް ވަރުގަދަ އިސްލާމީ ދައުލަތެކެވެ. މި ދައުލަތް ވެގެން ގޮސްފައިވަނީ ދުނިޔޭގައި އެންމެ ގިނަ ޒަމާންތަކެއް ވަންދެން މެދުކެނޑުމެއް ނަތި ދެމިއޮތް ބޮޑެތި ދައުލަތްތަކުގެ ތެރެއިން އެއް ދައުލަތަކަށެވެ. އަދި މިއީ އިސްލާމީ ތިންވަނަ ޚިލާފަތްވެސް މެއެވެ. މީގެ އިތުރުން ތުރުކީވިލާތުގައި އުފެދުނު 16 ވަނަ ދައުލަތްވެސް މެއެވެ.

މީލާދީން 16 ވަނަ ޤަރުނާއި 17 ވަނަ ޤަރުނަކީ ޢުޘްމާނީންގެ އެންމެ ރަންޒަމާނެވެ. ވެރިކަމުގެ އާރާއި ބާރާއި ޢިއްޒަތް ކުރިއަރާ ތަވްޙިދުގެ ކަލިމައިން އެކި ސަރަޙައްދުތަށް އަލިކޮށްފައިވަނީ މިދެ ޤަރުނުގައެވެ. މިގޮތުން ދެކުނު އިރުމަތީ ޔޫރަޕާއި ދެކުނު ހުޅަނގު އޭޝިޔާގެ ސަރަޙައްދުތަކާއި އަދި އުތުރު އެފްރިކާގެ ސަރަޙައްދުތަކުގައި އިސްލާމީ ދިދަ ވިހުރުވާލިއެވެ. އަދި މީގެ އިތުރުން ޢުޘްމާނީންގެ ވެރިރަށަކީ އިސްތަންބޫލް ކަމުގައި ހަމަޖެހިގެން ދިޔުމާ ގުޅިގެން އިރުމައްޗާއި ހުޅަނގު ގުޅައިދޭ އެންމެ ބޮޑު ބާރެއްގެ ގޮތުގައި ހަ ޤަރުނު ވަންދެން މުސްލިމުން ދެމިއޮތެވެ.

ސަލްޖޫގީންގެ ރަސްކަމުގައި ނިމުމުގެ ސިއްކަޖެހިގެން ދިޔުމުން އަނާޟޫލްގެ ގިނަ ސަރަޙައްދުތަށް ވަކި ޤައުމުތަކަކަށް ބެހިގެން ދިޔައެވެ. މިނިވަން މުސްތަޤިއްލު ދައުލަތްތަކަކަށެވެ. އަމީރީ ވެރިކަންތަކެއް ހިނގާ މި ގައުމުތަކަށް ކިޔިގެން ވަނީ ޣާޒީ ޢިމާރާތްތަކެވެ. މީލާދީ ސަނަތުން 1300 ވަނަ އަހަރާ ހަމަޔަށް އައި އިރުގައި އޭރު ދުނިޔޭގެ ބާރެއްގެ ގޮތުގައި އޮތް ބައިޒަންޓީން ދައުލަތް ބަލިކަށިވެ އެ ދައުލަތުގެ އަޅުވެތިކަމުގެ ދަށުގައި އޮތް ގިނަ އަނާޟޫލްގެ ސަރަހައްދުތައް ޣާޒީ އިމާރާތްތަކުގެ ދައުލަތްތަކަށް ލިބިގެން ދިޔައެވެ. އެތަނުން އެއް ދައުލަތެއްގެ އަމީރަކަށް އެއިރު ހުންނެވީ ޢުޘްމާނުލް ޣާޒީ އޭ ކިޔުނު ބޭފުޅެކެވެ. ޢުޘްމާނީ ދައުލަތުގެ ނަން ނިސްބަތްކުރެވިފައި ވަނީ މި މާތް ޒަޢީމަށެވެ.

ވަލިއްޔުލްއަމުރަށް ބޭނުން ކުރެވޭ ނަމެވެ. ރަސްކަމެއްގައި ޤައުމެއްގެ ވަލިއްޔުލްއަމުރަކަށް ހުންނަވާނީ ރަސްގެފާނުގެ ލަޤަބު ލިބިވަޑައިގެން ހުންނަވާ ބޭފުޅެކެވެ. އަދި އަމީރީ ވެރިކަމެއްގައި ވަލިއްޔުލް އަމުރަކަށް ހުންނަވާނީ އަލްއަމީރުގެ ލަޤަބު ލިބިވަޑައިގެން ހުންނަވާ ބޭފުޅެކެވެ. ނަމަވެސް ވެރިކަން ހިންގުމުގެ ވައްޓަފާޅިގަޑަކީ ހަމަ އެކައްޗެކެވެ. މިގޮތުން މިހާރުވެސް ޤަތަރު، އެކުވެރި އަރަބި އިމާރާތް ފަދަ އިސްލާމީ ޤައުމުތަކުގައިވެސް އަދިވެސް އަމީރީ ވެރިކަން ކުރެވެއެވެ. ޔޫރަޕުގެ ޤަމުތަކުގެ ތެރެއިން މޮނާކޯ ފަދަ ޤައުމުތަކުގައި ވެސް މިފަދަ އަމީރީ ވެރިކަން އަދިވެސް އަންނަނީ ކުރަމުންނެވެ. އިނގިރޭސިން އަމީރީ ވެރިކަމަށް ކިޔާ އުޅެނީ ޕްރިންސިޕަލިޓީ އެވެ. މިބަސް ނެގިފައި އެވަނީ ޕްރިންސް މި ބަހުންނެވެ. މާނައަކީ އަމީރެވެ. އހ

އަލްއަމީރު ޢުޘްމާނުލް ޣާޒީ (ފަހުން އައްސުލްތާން ޚަލީފަތުލް އައުޒަމް ވަ ޖަލާލަތުލްމަލިކުލް ޢަރަބް ވަލް ޢަޖަމް ޢުޘްމާން އަލް ޣާޒީ) އަށް ފެނިވަޑައިގަތް ހުވަފެންފުޅެއްގެ ސަބަބުންވެސް އެމަނިކުފާނަށް ވަނީ އެމަނިކުފާނުންގެ ފުށުން ވަރުގަދަ ވެރިކަމެއް ފެށިދާނެކަމަށް ޔަޤީން ކުރެވިފައެވެ. އެމަނިކުފާނުން އެމަނިކުފާނުންގެ ރަޙްމަތްތެރި ޝައިޚް އީދިބަލްޛިރްޣާ ގެ ގެކޮޅުގައި އަވަހާރަފުޅަށް އޮންނަވަނިކޮށް އެމަނިކުފާނަށް ހުވަފެންފުޅަކުން ފެނިވަޑައިގަންނަވަނީ އެ ޝައިޚް ގެ މޭފުޅުން ވަރުގަދަ ހަނދެއް އަރައިގެން ދާތީއެވެ. އަދި އެ ހަނދު އެމަނިކުފާނުންގެ މޭފުޅަށް އޮއްސޭތީއެވެ. އަދި އެމަނިކުފާނުންގެ ބަނޑުފުޅުން ގަހެއްފަޅާ އެގަސް ހެދިބޮޑުވެ ފެހިވެ އެ ގަހުގެ ގޮފިތަށް އެތަކެއް ހިސާބަކަށް ފެތުރިގެން ދާތީއެވެ. އަދި އެގަހުން މުޅި ދުނިޔެއަށް ހިޔައު އަޅާތީއެވެ.

އެރޭގެ އަވަހާރަފުޅުން ތެދުވެ ވަޑައިގެން އެ ޝައިޚް ގެ ކިބައިން މި ހުވަފެންފުޅުގެ ތަޢްބީރަކަށް އެމަނިކުފާނުން އެދި ވަޑައިގަތެވެ. އެ ޝައިޚް ހިނިފުޅުވެޑުމުމަށްފަހު އަމީރު ޢުޘްމާނަށް ދެންނެވިއެވެ. މަނކުފާނުން އުފާފުޅު ކުރައްވާށެވެ. މާތް ﷲ މަނިކުފާނަށާއި މަނިކުފާނުގެ ދަރީންނަށް ވެރިކަން ދެއްވައިފިއެވެ. އަދި މުޅި ދުނިޔެ މާތް ރަސްކަނލާގެ މަނިކުފާނުންގެ ބޭފުޅުންގެ ޙިމާޔަތުގައި ލައްވަވާނެތެވެ. އަދި މަނިކުފާނުންގެ އަނބިކަނބަލެއްގެ ގޮތުގައި އަޅުގަނޑުގެ އަންހެން ދަރިފުޅު މަނިކުފާނުން ޚިޔާރުކުރައްވާނެތެވެ.

އެމަނިކުފާނުންގެ ހުވަފެންފުޅަކީ ތެދު އެއްޗެއްކަމުގައި ނުވޭތޯ އެވެ. އެމަނިކުފާނުން ކައިވެނިކުރެއްވީ އެ ޝައިޚް ގެ ދަރިކަނބަލުންނާ އެވެ. އެމަނިކުފާނުންނާއި އެމަނިކުފާނުންގެ މަތިފުށުން ވަޑައިގެން އެ މަނިކުފާނުންގެ ބޭބޭފުޅުންގެ އަތްޕުޅު ދަށަށް މުޅި ދުނިޔެ ނުދޭތޯއެވެ. ﷲ ގެ ދީނަށް ނަސްރުދިން ދައުލަތެއްކަމުގައި އެ ދައުލަތް ވެގެން ނުދޭތޯއެވެ. އާދެ އެމަނިކުފާނުންގެ ވެރިކަމުގެ ދަށުގައި ހަތަރު ކޯރު ދެމިދެމި އޮތެވެ. ވެރިކަން ފުޅާކުރައްވާ އޭރު ބަލިކަށިވަމުން އައި ނަޞާރާއިންގެ ދައުލަތްކަމުގައިވާ ބައިޒަންޓީންއާ ހަމަޔަށް ވެރިކަން ފުޅާކުރައްވައި ވެރިކަން ކުރާ ރަށެއްކަމުގައި ބުރްސާ ހަމަޖެއްސެވިއެވެ. އަދި ސިޔާސީ ގޮތުން ދައުލަތެއްގެ ސިފަ ޖައްސަވާ ވެރިކަމުގެ ބާރުގަދަ ކުރައްވާ ބޮޑެތި ފުތޫޙާތްތައް ހިންގެވިއެވެ. ސުލްތާން ޢުޘްމާނުލް ޣާޒީ އަވަހާރަވެވަޑައިގަތްއިރު ޢުޘްމާނީ ދައުލަތަކީ ދުނިޔެ ޖެހިލުންވެފައިވާ ބާރުގަދަ ދައުލަތެކެވެ.

އައްސުލްތާން ޢުޘްމާނުލް ޣާޒީ އަވަހާރަވެވަޑައިގަތް ޤަރުނުގެ ތެރޭގައި ޢުޘްމާނީންގެ ފުތޫޙާތްތައް ކުރިއަރާ އިރުމަތީ މެޑިޓިރޭނިޔަންގެ ސަރަޙައްދުތަކާއި ބަލްކަންގެ ސަރަޙައްދުތަކާއި ހަމަޔަށް ވަނީ ވާސިލްވެފައެވެ. އަދި 1387 ވަނަ އަހަރު ވަރަށް މުހިންމު ސަރަޙައްދެއްކަމުގައިވާ ތެސަލޮނީކީ އޭ ކިޔުނު ޝަހަރު ފަތަޙަވެގެން ދިޔައެވެ. އަދި ހަމައެފަދައިން 1389 ވަނަ އަހަރު ކޮސޯވޯ ފަތަޙަވެގެން ދިޔުމުން ނަޞާރާއިންގެ ބާރުއޮތް ޔޫރަޕާއި ދިމާލަށް ފުތޫޙާތުގެ ލަޝްކަރު ދަތުރުކުރުމުގެ މަގުތަށް ހުޅުވިގެން ދިޔައެވެ. މީގެ އިތުރުން މުޅި އެ ސަރަޙައްދުން ސަރބިޔާގެ ވެރިކަމުގައި ނިމުމުގެ ސިއްކަ ޖެހިގެން ދިޔުން ފާހަގަ ކުރެވެއެވެ.

މީލާދީން 1396 ވަނަ އަހަރު ޢުޘްމާނީން ނިކޮޕޮލިސްގައި ކުރި ހަނގުރާމައަކީ އެ ޒަމާނުގައި މާތް ރަސްކަނލާގެ ޢަދުއްވުންނާއި ދެކޮޅަށް ކުރެވުނު އެންމެ ބޮޑު ޖިހާދުވެސްމެއެވެ. ނަސްރުލިބިގެން ތައުޙީދުގެ ކަލިމަތަށް ފާޅުކުރަމުން އަންނަ ވަރުގަދަ އިސްލާމީ ލަޝްކަރު ރޫޅާލަން ކާފިރުންނަށް ވަނީ ނުކުޅެދިފައެވެ. މި ދަނޑިވަޅުގައި ޢުޘްމާނީން މިސްރާބުޖެހީ ބައިޒަންޓީންގެ އަތުން އިސްތަންބޫލް ފަތަޙަކުރުމަށެވެ.

އިސްތަންބޫލް ވަށައިގެންވަނީ މުސްލިމުންގެ ލަޝްކަރެވެ. ބައިޒަންޓީންގެ ހުރިހާ ސަރަޙައްދުތަކެއްވަނީ އެއިރު ފަތަޙަވެ ނިމިފައެވެ. އެހެނަސް ތައިމޫރުގެ ރަސްގެފާނު މީލާދީން 1402 ވަނަ އަހަރު އަނާޟޫލް ހިއްޕަވާ އިސްލާމުންގެ ޚަލީފާ ބާޔަޒީދުލް އައްވަލް އަސީރެއްގެ ގޮތުގައި ގެންދެވުމުން އިސްލާމުންގެ ހިތްވަރު ދެރަވެ ވަގުތީ ގޮތުން ނަމަވެސް ތެސޮލޮނީކީ ކޮސޯވޯ އަދި މެކަޑޯނިޔާ ފަދަ ސަރަޙައްދުތަށް ގެއްލިގެން ދިޔައެވެ. މީގެ އިތުރުން ޚަލީފާ އަސީރެއްގެ ގޮތުގައި ގެންދެވުމުން އިސްލާމުންގެ ލަޝްކަރަށް ބުރޫ އަރާ ދާޚިލީ ކޯޅުންގަނޑަކަށް ބަދަލުވެގެން ދިޔައެވެ. މީގެ ސަބަބުން ފުތޫޙާތްތަށްވެސް މަޑުޖެހިގެން ދިޔައެވެ. މިކަމުގެ އެންމެ ބޮޑު ސަބަބަކަށް ވެގެން ދިޔައީ ތަޚުތު ހުސްވެފައި ވާކަމެވެ. އެހެނަސް ﷲ ގެ އިރާދަފުޅުން ސުލްތާން މަޙްމޫދު ރަސްކަމަށް އިސްވެވަޑައިގެން 29 މޭ 1453 ވަނަ އަހަރު އިސްތަންބޫލް ހިއްޕަވާ އަބަދުގެ އަބަދަށް ބައިޒަންޓީން ދައުލަތް ފޮއްސަވާލެއްވިއެވެ. އިސްލާމުންގެ ދިދަ އިސްތަންބޫލުގައި ރުކުރުވާލިއެވެ.