ލައިފްސްޓައިލް

ޒުވާނުންގެ "ވައިބް" މެގަޒިން

ވައިބް މެގަޒިންގެ ވާހަކަ އަޑުއަހާނެ އެވެ. ހުނަރުން ފުރިގެންވާ ޒުވާނުން ޕްރޮމޯޓްކޮށްދޭ މި މެގަޒިންގެ ވާހަކަ ނޭނގޭ މީހަކު ވެސް މަދުވާނެ އެވެ. ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން މި މެގަޒިން ނެރެ އެވެ.

ޒުވާނުން ޕްރޮމޯޓްކޮށް ޒުވާނުންނަށް ހާއްސަ މެސެޖުތައް ދޭން ނެރެން ފެށި މި މެގަޒިން އަހަރަކު ހަތަރު ފަހަރު ނެރެމުން ގޮސް މެގަޒިންގެ 11 ވަނަ ނަމްބަރު މިވަނީ ވަރަށް ތަފާތު ގޮތަކަށް މިދިޔަ ޑިސެންބަރު މަހު ނެރެފަ އެވެ. ވައިބް މެގަޒިން އާންމުކޮށް ގަވައިދުން ކިޔާ މީހުންނަށް މި ތަފާތު އަދި މެގަޒިން އަށް ގެނައި ބަދަލުތައް ފާހަގަކުރެވޭނެ އެވެ.

ޒުވާން ހުނަރުވެރިންނަށް މެގަޒިންގެ ކަވާ އިން ޖާގަ ދެމުން ގޮސް އެންމެ ފަހުން މިއޮތީ ބޭރުގެ ސުޕަ މޮޑެލް އަކަށްވެސް އެ ފުރުސަތު ދީފަ އެވެ. މިސް ޔުނިވާސް އަށް ވާދަކޮށް ތިން ވަނަ ރަނަރަޕް ހޯދައި އަދި މިސް ޔޫރަޕް އަށް ވާދަކޮށް ސެކަންޑް ރަނަރަޕް ހޯދާފައިވާ ސަންޖާ ޕަޕިކް މިވަނީ ވައިބްގެ ކަވާއިން ފުރުސްތު ހޯދާފަ އެވެ. ގައިމުވެސް މިއީ މެގަޒިން އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެއެވެ. ރާއްޖޭގެ މެގަޒިން އެއްގެ ކަވާއަށް ބޭރުގެ ސުޕަ މޮޑެލް އެއް އެރި ފުރަތަމަ ފަހަރަކީ މިއީ އެވެ. ނަމަވެސް ވައިބްގެ އަމާޒަކީ ބޭރުގެ ފަރާތްތަކުގެ ބަދަލުގައި ދިވެހިންނަށް ފުރުސަތު ދިނުމެވެ. މެގަޒިންގެ އަމާޒަކީ ދިވެހި ޒުވާނުން ކުރިއެރުވުމެވެ.

ރާއްޖޭގައި މިހާތަނަށް ނެރުނު މެގަޒިންތަކާއި މި މެގަޒިންގެ ތަފާތަށް ބަލާއިރު މިއީ ހަމައެކަނި އިނގިރޭސި ބަހުން ނެރޭ މެގަޒިން އެކެވެ. މި މެގަޒިން ދިވެހި ބަހުން ނެރުމުގެ ވިސްނުމެއް އަދި ނެތެވެ. ފަންސާސް ސޮފްހާއިން ނެރެން ފެށިމެގަޒިން، ކެޓަގަރީތައް އިތުރު ކުރަމުންގޮސް މިހާރު މިވަނީ 70 ސޮފްހާއަށް އިތުރުވެސް ކޮށްފަ އެވެ.

ލައިފް ސްޓައިލާއި ދުޅަހެޔޮ ސިއްހަތާއި ރަނގަޅު ކާނާ އާއި ޖިމް އިންސްޓްރަކްޝަންސް، ރިލޭޝަންޝިޕް އެޑްވައިސް އާއި ފެޝަން، ރެސިޕީ، ޓްރެވެލް އެޑްވައިސް އަދި މޯޓިވޭޓް ކޮށްލާ ކަހަލަ މުހިންމު މެސެޖުތަކަކީ މި މެގަޒިންގެ ކޮންޓެންޓްގެ ތެރޭގައި ހިމެނޭ މުހިންމު ބައިތަކެވެ.

މިހުރިހާ ބައިތަކަށްވުރެ ބޮޑު އިސްކަމެއް ދެނީ ހުނަރުވެރިންނަށެވެ. އާޓިސްޓުންނާއި ފެޝަން ޑިޒައިނަރުން ފެށިގެން ގޮސް ކޮންމެ ދާއިރާއަކުން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކުގެ ހާއްސަ އިންޓިވިއުތައް މެގަޒިންގައިވަނީ ހިމަނަ އެވެ.

"ކޮންމެ އެޑިޝަން އެއްގައިވެސް ހަމަ މެކްސިމަމް ދީފައި ހުންނާނީ. ކިތަންމެ ކުޑަ ތަންކޮޅެއްވިޔަސް ޒުވާނުންނަށް ދޭން ބޭނުންވަނީ. މެގަޒިން އަށް އަރަން ބޭނުންވެގެން ފޭސްބުކް ޕޭޖަށް މެސެޖް ކުރާ ކުދިންނަށް ޖާގަ އޮންނަވަރުން ފުރުސަތު ދެމުން މިދަނީ." ވައިބްގެ މެނޭޖިން އެޑިޓަރު ހުސެން ޝިހާމް ވިދާޅުވި އެވެ.

ފެޝަން ޑިޒައިނަރުންނަށް ވައިބް މެގަޒިންގެ ކޮލަމެއްވަނީ ހާއްސަކޮށްފަ އެވެ. މި މެގަޒިންގެ ކޮންމެ އެޑިޝަނެއްގައި ވެސް ފެޝަން ޑިޒައިނަރަކަށް ފުރުސަތު ދޭނެ އެވެ. އަލަށް ނުކުންނަ ޒުވާނެއް ނުވަތަ ދާއިރާގައި ދުވަސްވީ މީހުންގެ ވާހަކަތައް ވެސް ހިމަނަ އެވެ. މީހުންގެ ހާއްސަ ކޮލަމެއްވެސް ހިމެނޭއިރު ނަމޫނާއަކަށް ބަލަން އެކަށީގެންވާ މީހުންގެ ވާހަކަތައް ހިމަނާފަވެއެވެ.

މިއުޒިކަށްވެސް ހާއްސަ ސަމާލުކަމެއްދޭއިރު އާ އަލްބަމެއް ނެރެފިނަމަ އެ އަލްބަމަކާ ގުޅޭ އެންމެ ފުރިހަމަ މައުލޫމާތު ގެނެސްދޭ އެއް ބަޔަކަށް ވައިބް މެގަޒިން ވާނެ އެވެ.

"މި މެގަޒިންގައި ނިއުޓްރިޝަނަލް ޓިޕްސްތަކާއި އެއްޗެހި ހިމަނާއިރު ވަރަށް ބޮޑު ސަމާލުކަމެއް ދީފައި ހުންނާނެ އާންމުކޮށް މީހުންނަށް ނޭނގޭ މައުލޫމާތު ހިމަނަން. މިމަސައްކަތުގެ އެންމެ ބޮޑު ޝުކުރެއް ހައްގީ ވައިބް މެގަޒިންގައި މަސައްކަތްކުރާ ޓީމްގެ ހުރިހާ މެންބަރުންނަށާއި މި މެގަޒިންނަށް އިތުބާރާއިއެކު ސްޕޮންސާ ކޮށް އިސްތިހާރު ކުރާ ފަރާތްތަކަށް." ހުސެން ވިދާޅުވި އެވެ.

ހިލޭ ބަހާ މި މެގަޒިން އެއާޕޯޓްގެ ލޯންޖުތަކުންނާއި ޓީއެމްއޭ ލޯންޖުތަކުން އަދި މާލޭގެ މަޝްހޫރު ބައެއް ރެސްޓޯރެންޓްތަކާއި ހޮޓެލްތަކުން ލިބޭނެ އެވެ. ކޮންމެ އެޑިޝަނެއްގެ 5،000 އަށްވުރެ ގިނަ ކޮޕީ ޒުވާނުންގެ ތެރެއަށް ދޫކޮށްލަ އެވެ.