ލައިފްސްޓައިލް

3.6 ބިލިއަން މީހުންގެ މިލްކިއްޔާތާ އެއްވަރު މުއްސަނދިކަން އަށް މީހަކަށް!

އެންމެ ފަހުގެ ބޯހިމެނުންތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އާބާދީއަކީ 7.5 ބިލިއަން މީހުންނެވެ. އޭގެ ތެރޭގައި ބިލިއަނަރުންނާއި މިލިއަނަރުން އަދި ބަނޑުފުރާނަ މުއްތި ނުކުރެވޭ ހާލުގައި ދިރިއުޅެމުންދާ މީހުންނާއި އެކި ފެންވަރުގެ މީހުން އުޅެ އެވެ. އާބާދީގެ އެއްބައި މުއްސަނދިންގެ ގޮތުގައިވާއިރު ފަގީރުންގެ ގޮތުގައި ވެސް އެތައް މިލިއަން މީހުންނެއް ދަނީ ދިރިއުޅެމުންނެވެ. މި އެންމެންގެ ތެރޭގައި ވެސް އާދަޔާ ހިލާފަށް މުއްސަނދި ބައެއްގެ ގޮތުގައި އަށް މީހަކު މިވަނީ ކަނޑައަޅާފަ އެވެ.

މި އަށް މީހުންގެ މިލްކިއްޔާތު ދުނިޔޭގެ ދެބައިކުޅަ އެއްބައި މީހުންގެ މިލްކިއްޔާތަށްވުރެ އިތުރެވެ. އިންޓަނޭޝަނަލް ޗެރިޓީ އޯގަނައިޒޭޝަން އޮކްސްފާމްގެ އެންމެ ފަހުގެ ރިޕޯޓުން ދައްކާ ގޮތުގައި މި އަށް މީހުންގެ މިލްކިއްޔާތުގައި ދުނިޔޭގެ އާބާދީގެ 3.6 ބިލިއަން މީހުންގެ މިލްކިއްޔާތުގައި ފައިސާ ނުވަތަ މުދާ ހުރިވަރަށް އެބަހުއްޓެވެ.

މި މީހުންގެ ތެރޭގައި ހިމެނެނީ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުރި ބިލް ގޭޓްސް އާއި އިންޑައިޓެކްސް ފައުންޑާ އަމަންކާއޯ އޮޓްރެގާ، ވޮރެން ބުފެޓްސް އާއި މެކްސިކޯގެ ކާލޮސް ސްލިމް އާއި އެމެޒޮންގެ ވެރިޔާ ޖެފް ބެޒޮސް އާއި ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާގް އާއި އޮރެކަލްގެ ލެރީ އެލިސަން އަދި އެމެރިކާގެ ކުރީގެ ނިއުޔޯކް ސިޓީގެ މޭޔަރު މައިކަލް ބްލޫމްބާގް އެވެ.

އޮކްސްފާމްގެ ރިޕޯޓުދައްކާ ގޮތުން 2006 ވަނަ އަހަރުން ފެށިގެން ބިލް ގޭޓްސްގެ އާމްދަނީވަނީ އަހަރަކު 25 ބިލިއަން ޑޮލަރު އިތުރުވެފަ އެވެ. ސްވިޒަލޭންޑްގެ ދާވޮސްގައި ކުރިއަށް ގެންދާ ވޯލްޑް އިކޮނޮމިކް ފޯރަމް (ވެފް) ގެ އެނުއަލް ބައްދަލުވުންތަކުގައި އޮކްސްފާމްގެ ރިޕޯޓަށް މިހާރުވަނީ މަޝްވަރާކޮށްފަ އެވެ. މި ރިޕޯޓު ދައްކާ ގޮތުން މުއްސަނދިންނާއި ފަގީރުންނާއި ދެމެދުގައިވާ ތަފާތު މިހާރު ވަނީ މީގެ ކުރިން ބޮޑު ނުވާވަރަށް ބޮޑުވެފަ އެވެ.