ކުޅިވަރު

މަރޭއަކީ ކުޅިވަރުގެ ތަރައްގީއަށް މަރެއް!

Jan 18, 2017
2

ދިވެހި ކުޅިވަރު އާއިލާގައި ޝާމިލުވާ އެއްވެސް ފަރާތަކަށް އަހްމަދު މަރުޒޫގް (މަރޭ) ގެ އިތުރު ތާރަފަކަށް ދާން ނުޖެހެއެވެ. އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓްރީ ކަމާ އޭނާ ހަވާލުވީ ރާއްޖޭގައި ކުޅިވަރު އިންފްރާސްޓަރަކްޗާ އާއި ވަސީލަތް ނެތި ނުވާނެ ކަމަށް ބުނި ޒަމާނެއް ގައެވެ. އެވާހަކަ އަށް މަރޭ ދެއްވި ޖަވާބު ހަގީގަތް މިއަދު ފެންނާން އެބައޮތެވެ. އެވާހަކަ އެންމެ ފުރަތަމަ ދިވެހި ކުޅިވަރުގެ އެކި ފޯރަމްތަކުގައި ފެންމަތި ކުރުވި މީހަކީ މަރޭ އެވެ. އޮލިމްޕިކް ޕޫލެއް ނެތަސް، ސިންތެޓިކް ޓްރެކެއް ނެތަސް ރައްޖެއަށް ވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި މެޑަލް ގެނެވޭނެ ކަމަށް ބުނުމުން ބައެއް ފަރާތްތަކުން އެކަމަށް ހަޖޫވެސް ޖެހި އެވެ. ނަމަވެސް މަރޭ ވިދާޅުވި އެ ހަގީގަތް މިހާރު އެންމެނަށް ވެސް ފެންނަން އެބައޮތެވެ.

ދިވެހި ކުޅިވަރާ ބެހޭ ގޮތުން މަރޭ އެފްބީގައި އޭނާ ޝެއާ ކޮށްލާ ކޮންމެ ޕޯސްޓަކާއެކު އެތުލީޓުންގެ ފަރާތުން އަންނަ ކޮމެންޓެއް އެބައޮތެވެ. "ޔޫއާ ފާދާ އޮފް އަވާ ސްޕޯޓްސް ސާ" -- ތިޔައީ ކުޅިވަރުގައި އަހަރެމެންގެ ބައްޕަ އެވެ.

ބައެއް އެތުލީޓުން އެ ބުނާ "ކުޅިވަރުގައި މިހާރު ބައްޕަ" އަކީ މަރޭ ތޯ އުފައްދާ ސުވާލަށް ޖަވާބެއް ވެސް އޮންނަން ޖެހެ އެވެ. ރާއްޖޭގެ ބައެއް ސީނިއާ އެތުލީޓުންނާއި، ކުޅިވަރު ދާއިރާ ހިންގެވުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅުންގެ ހިޔާލަކީ ކޮބައި ހެއްޔެވެ؟

ގައުމީ ސްވިމިން ޓީމުގެ ކުރީގެ ކޯޗް އިސްމާއީލް ފަރުހާން (ފަރޭ) ބުނި ގޮތުގައި ފުޓްބޯޅަ އަށް އެންމެންގެ ސަމާލުކަން ހުއްޓިފައި ވަނިކޮށް، އެހެން ކުޅިވަރުތަކަށް ވެސް މީހުންގެ ސަމާލުކަން ހުއްޓުވާލީ ކުރިން ފުޓްބޯޅަ ކުޅުނު މަރޭގެ މަސައްކަތުންނެވެ.

"އޭރު އެންމެންވެސް އުންމީދު ހުންނަނީ ފުޓްބޯޅަ އަށް، އެކަން ބަދަލު ކޮށްލި މީހަކީ މަރޭ، އަޅުގަނޑު ބުނާނީ ޒާހިރު ނަސީރަށް ފަހު ދިވެހި ކުޅިވަރުގެ މިހާރުގެ ބައްޕަ އަކީ މަރުޒޫގޭ!" އޭނާގެ ހިޔާލު ދިނެވެ.

މަޝްހޫރޫ ބާސްކެޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒިލާލު (ޒިލާ) މަރޭ ސިފަ ކުރަނީ ތަސައްވުރަކާއެކު ކުޅިވަރު ކުރި އަރުވަން މަސައްކްތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ނަަމަވެސް އޭނާގެ ނަޒަރުގައި މަރޭ އަކީ ރާއްޖޭގެ ކުޅިވަރުގެ ބައްޕަގެ ގޮތުގައި ސިފަ ކުރާ ހިސާބަށް އަދިއެއް ނުދެ އެވެ.

"ވިޝަން އެއް އޮވެގެން މަސައްކަތް ކުރަނީ ޒުވާން އިރު ޓްރެއިނިން ފޯރުކޮށްދީ ކުރިމަގަށް ބިނާ ކުރަން މަސައްކަތް ކުރޭ. އެކަމަކު ކުޅިވަރުގެ ބައްޕަ ކަމަށް އަދި ސިފައެއް ނުކުރެވޭ، އެ ބައްޕައަކީ އަދިވެސް ޒާހިރު ނަސީރު! އެއީ ކުޅިވަރުގެ ބައްޕަ! މަރޭ އެހިސަބަށް ދާން އަދި ވަރަށް ގިނަ ދުވަސް ނަގާނެ،" ޒިލާ ބުންޏެވެ.

ހެންޑްބޯލް މޯލްޑިވްސްގެ ރައީސް އަހްމަދު އިސްމާއީލް ވިދާޅުވި ގޮތުގައި މަރޭ އަކީ ކުޅިވަރަށް ހިދުމަތް ކުރައްވާ ކުޅިވަރުގެ ބޭފުޅެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް އެތުލީޓުން "ކުޅިވަރުގެ ބައްޕަ" ގެ ގޮތުގައި މަރޭ ސިފަ ކުރުމަކީ އެކުދިންގެ ހިޔާލެވެ. އެހެން ނަމަވެސް މަރޭއަކީ އަދި ބަފައަކަށް ނުވެއެވެ. އެއީ ކުޅިވަރުގެ އަގު ހުރި ހިދުމަތްތެރިއެއްގެ އަގުހުރި ދަރިއެއް އަދި ހިދުމަތްތެރިއެކެވެ.

"ވަރަށް ގިނަ ހިދުމަތް ކޮށްދެއްވައިފި، ވަރަށް މަސައްކަތް ކުރައްވައިފި، އެހެންވީމަ މަރޭއަކީ ވަރަށް ބޮޑު ހިދުމަތްތެރިއެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މަޝްހޫރު ބޭޑްމިންޓަން ކުޅުންތެރިޔަކު ބުނީ މަރޭ އަކީ ކުޅިވަރުގައި "ދެވަނަ ބައްޕަ" އެވެ.

"އިތުރު ސުވާލެއް ވެސް ނެތް ހީ އިސް ސެކަންޑް ޑޭޑް، ކުޅިވަރު ކެރިއާގެ އިތުރުން ޕާސަނަލް ކަންކަންވެސް މަރޭއާ ހިއްސާ ކުރެވޭ އެއީ އެތުލީޓުންނާ މެދު ބަހައްޓާ ގާތް ކަމުން،" އޭނާ ބުންޏެވެ.

ކުލަބު އީގަލްސްގެ ކޯޗް އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން އިހްސާން އަބްދުލް ގަނީ (ސާންތީ) މަރޭ ސިފަ ކޮށްފައި ވަނީ އެންމެންނާ ވެސް ގުޅިގެން މަސައްކަތް ކުރަން ދަންނަ ބޭފުޅެއްގެ ގޮތުގައެވެ. ދެހާސް ފަނަރަ ވަނަ އަހަރު ރީޔުނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ހޯދި ކާމިޔާބާއެކު ސާންތީ އޭރު ބުނި ގޮތުގައި "އެ ކާމިޔާބުގައި މަރޭގެ ހިތްވަރު" ފާހަގަ ކުރަން ޖެހެ އެވެ.

މަރޭގެ އެންމެ ހާއްސަ ކަމަކީ ޖާގަ ދިނުމާއި ފުރުސަތު ހޯދައި ދިނުމެވެ. އެތުލީޓުން ދެކެ ލޯބި ވުމާއި ޝައުގުވެރި ކަމެވެ. އާ ހިޔާލުގެ ވިސްނުން ގެންގުޅުމެވެ.

ބައެއް އެތުލީޓުން ބުނާ ގޮތުގައި ޓްރެއިނިން ޕްރޮގްރާމްތަކަށް ފޮނުވަން މައިންބަފައިން އެއްބަސް ނުވެއްޖެނަމަ، އެ އެތުލީޓެއްގެ ބެލެނިވެރިންނާ، މަރޭ ބައްދަލު ކޮށް ވާހަކަ ދައްކަވަ އެވެ. ފުރުސަތާއި އުންމީދުގެ ތެރެއިން އެ މީހުން ރުއްސަ އެވެ.

"އެސޯސިއޭޝަންތަކަށް ލިބޭ ޓްރެއިނިން ސްކޮލާޝިޕް ފުރުސަތު ތަކަކީ އޮލިމްޕިިކް ކޮމިޓީ މެދުވެރިން ވެގެން އައި ކަމަށް ވިޔަސް މަރުޒޫގްގެ މަސައްކަތްވެސް އޭގައި ހިމެނިގެން ދާނެ ކަންކަން، އެތުލެޓިކްސް އެސޯސިއޭޝަނާ ވަރަށް ގާތް ގުޅުމެއް ބާއްވާ، އެސޯސިއޭޝަންގައި ތިއްބެވި ބޭފުޅުންނަކީ ޕާސަނަލީ ވެސް މަރޭއާ ގާތްކަން ބައްހަޓާ ބޭފުޅުން." އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލު ވިދާޅުވި އެވެ.

އެތުލިޓުންނަށް ކާމިޔާބު ހޯދާނެ ގޮތް ބުނެދެއްވުމުގައި އޭނާ ގެންގުޅޭ ފޯމިއުލާ ހުށަހަޅައިދެނީ ބަލައިގަންނަން ފަސޭހަ އެއްޗެއްގެ ގޮތުގަ އެވެ. އެތުލީޓުންގެ ބަހުރުވަ އެއީ "މަރޭ ފޯމިއުލާ" އެވެ. އެތުލިޓުންގެ ރަދީފުގައި "މެޑަލް" އެއީ ނެތް ލަފުޒަލަށް ވެފައި ވަނިކޮށް އެ ލަފުޒު އެތުލީޓުންގެ ދުލަށް ފަސޭހަ ކޮށް ދިނީ މަރޭ އެވެ.

"ކުޅެން ފެށިއިރު ދުވަހަކުވެސް އުންމީދެއް ނުކުރަން އިންޓަނޭޝަނަލް ގޭމްސް އަކުން މެޑަލް ލިބޭނެ ކަމަކަށް، މެލޭޝިއާގެ ޓްރެއިނިން އަށް ފޮނުވަން ވެގެން މަރޭ ބައްދަލު ކޮށްފަ ވިދާޅުވީ މެޑަލް ހޯދަން މަސައްކަތް ކުރާށޭ އޭގެ ކުރިން ދުވަހަކު ވެސް އެގޮތަކަށް މިހަކު ވާހަކަ ނުދައްކާ، އެކަން ހާސިލު ވެއްޖެ،" އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީޓީއިން ރާއްޖެ އަށް މެޑަލް ހޯދައިދިން، މުއިނާ މުހައްމަދު ބުންޏެވެ. "އެތުލީޓުން ގާތު މެޑަލް ހޯދުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ މަރޭ، އެހެންވެ މަރޭ ކުޅިވަރުގެ މިހާރުގެ ބައްޕަ އަކަށް ވަނީ ޕާސަނަލީވެސް ގަތް ގުޅުމެއް ބާއްވާ އިންޖަރީ އެއް ވީމަވެސް ވީމަވެސް މަރޭ އަށް ގުޅާފަ ބުނަން، އަލުން ރިކަވާ ވެގެން އަންނަން ހިތްވަރު ދޭނެ"

ކުޅިވަރު ހިންގުމުގެ ދާއިރާގެ ބެލެނިވެރި ފަރާތެއް ކަަމަށްވަ ސްޕޯޓްސް ކޮމިޝަނާ އަހްމަދު ނަޝީދު (ޑޭވް) ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގެ ކުޅިވަރުގެ އެންމެ ވަރުގަދަ ޝަހުސިއްޔަތަކީ މަރޭ އެވެ.

"ކޮންމެ ސަރުކާރެއް އޮތަސް ކުޅިވަރު ކުރިއެރުމަށްޓަކައި މަރުޒޫގް އޭރެއްގެ ތިބި ބަޔަކާ ގުޅިގެން މަސައްކަތް ކުރައްވާ. އޭނާގެ ސިކުނޑީގައި ނީންނާނެ ދެވަނަ އެހެން އެއްޗެއް ހަމަ ކުޅިވަރު، އަދި މަރުޒޫގްއާއެކު މަސައްކަތް ކުރަންވެސް ފަސޭހަ. ބުނެވޭނީ އެއީ ކުޅިވަރުގެ ތަރައްގީގައި މިހާރު ހުރި އެންމެ ވަރުގަދަ ޝަހުސިއްޔަތޭ،" ޑޭވް ވިދާޅުވި އެވެ.

މިދިޔަ އަހަރަކީ ވެސް ރާއްޖޭގެ ސިޔަސީ މަސްރަހުގައި ވެސް ހަލަބޮލި އަހަރެކެވެ. ނަަމވެސް ސިޔާސީ އާރައިރުންތަކުން އެންމެން ދުރު ކޮށްދިނީ މަރޭ އިސްނަގައިގެން ފެއްޓީ "ޓްރެއިނިން ވިތު އެމްވީ ޗެމްޕްސް" އާ އެކުއެވެ. ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންގެ އިތުރުން ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ވެސް އެތުލިޓުންނާ އެއްކޮށް ޓްރެއިނިން ގުރައުންޑަށް ފައިބައި ވަޑައިގެންނެވީ މަރޭ އިސްނެގުމަށެވެ.

ރާއްޖޭގެ ތާރީހްގައިވެސް، ގައުމުގެ އެންމެ މަތީވެރިޔާ އާއި މަތީ ދަރަޖައިގެ ބޭފުޅުން ޓްރެއިނިން ކިޓްގައި އެތުލީޓުންނާއެކު ދަނޑަށް ނެރުނު ޒަމާނެއް ރައީސް މުހައްމަދު އަމީނުގެ ޒަމާނަށް ފަހު ގެނެސް ދިނީ މަރޭ އެވެ. މަރޭގެ ވިސްނުން އެންމެންނަށް ވެސް ކަމުދިޔައީ އެހެން ވެއެވެ. ސިޔާސީ ފަރާތްކާއި، އެކި ސެލެބްރިޓީންގެ ހިތް އެތުލީޓުންނަށް ދޫކޮށްލީ މަރޭ ވިޝަންގެ ދަށުން އެނާ ކުރި މަސައްކަތުން ނެވެ. މަރޭ އަކީ ކުޅިވަރުގެ ތަރައްގީއަށް މަރެކެވެ. އަދި ފަހުން އޭނާ ވެގެންދާނީ ކުޅިވަރުގެ ބައްޕައަކަށެވެ.