ބަރަކް އޮބާމާ

ވިކިލީކްސް އަށް ލިއުންތައް ދިން މީހާއަށް އޮބާމާ މާފުދީފި

Jan 18, 2017

ސިފައިންގެ މީހެއްގެ ގޮތުގައި ހުރެ، އެމެރިކާ ސަރުކާރުގެ ސިއްރު ލިއުންތަކެއް ވިކިލީކްސްއަށް ދިނުމުގެ ކުށުގައި 35 އަހަރަށް ޖަލަށްލާފައިވާ ބްރެޑްލީ އެޑްވާޑް މޭނިން ގެ އަދަބުގެ ބޮޑު ބައެއް އެމެރިކާގެ ރައީސް ބަރަކް އޮބާމާ މައާފްކޮށް ދެއްވައިފިއެވެ. -- އޭނާ ވަނީ ފަހުން ޖިންސު ބަދަލުކޮށް، ޗެލްސީ އެލިޒަބަތު މޭނިން އަށް ނަން ބަދަލުކޮށްފަ އެވެ.

މޭނިންގެ ހުކުމުން ހަތަރު މަސް ދުވަސް ފިޔަވައި ހުރިހާ ދުވަހެއް މައާފްކޮށް ދިނުމުން އޭނާ ޖަލުން މިނިވަން ވާނީ މިއަހަރުގެ މޭމަހުއެވެ.

މޭނިން ޖަލަށްލީ އެމެރިކާ ސަރުކާރުގެ ސިއްރު ލިއުންތަކެއް އެފަދަ ލިޔެކިއުންތައް އާއްމުކުރާ ވިކިލީކްސް އަށް 2010 ވަނަ އަހަރު ދިންކަން ސާބިތުވެގެނެވެ. އޭނާ ވިކިލީކްސް އަށް ދިނީ އެމެރިކާ އަސްކަރިއްޔާއިން އެކި ގައުމުތަކާއި ދެމެދު ކޮށްފައިވާ ޑިޕްލޮމެޓިކް މުއާމަލާތްތަކެކެވެ. އެ ލިއުންތައް އާއްމު ކޮށްލުމުން ވިކިލީކްސްއަށް ވަރަށް ބޮޑު މަޝްހޫރުކަމެއް އޭރު ލިބުނެވެ.

އެމެރިކާއާއި އިޒްރޭލާ ގުޅިގެން އީރާނަށް ދިން ސައިބާ ހަމަލާ ތަކަކާ ގުޅޭ ސިއްރު މައުލޫމާތު ތަކެއް ނޫސްވެރިންނާ ހިއްސާކޮށް، އެކަމުގެ ތަހުގީގުގައި ދޮގު ހެދި ކަމުގެ ކުށުގައި ޖަލަށްލާފައިވާ އެމެރިކާގެ ކުރީގެ ޖެނެރަލެއް ކަމަށްވާ ޖޭމްސް އީ ކާޓް ރައިޓް އަށް ވެސް އޮބާމާ ވަނީ މައާފް ދެއްވާފަ އެވެ.

އެ ދެމީހުންނަށް އޮބާމާ މައާފްދެއްވާފައި މިވަނީ ރިޔާސީ ދެވަނަ ދައުރު ނިމި މަގާމުން ވަކިވެވަޑައިގަންނަވަން ދެ ދުވަހަށް ވެފައި ވަނިކޮށެވެ.
-- ނިއުޔޯކް ޓައިމްސް