ހިމާޔަތްކޮށްފައިވާ ދެ ޖަނަވާރެއް ޝިކާރަ ކުރިކަމުގެ ދައުވާގެ އިސްތިއުނާފް މަރުހަލާއިން ވެސް މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާން ސަލާމަތްވެއްޖެ އެވެ.
ހިމާޔަތްކޮށްފައިވާ ދެ ޖަނަވާރެއް ޝިކާރަ ކުރި ކަމުގެ ދައުވާ ސަލްމާން ޚާންގެ މައްޗަށް 1998 އިން ފެށިގެން ކުރަމުން އައިސް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާޖްސްތާނުގެ ހައިކޯޓުން ވަނީ އެ މައްސަލައިގައި ސަލްމާން ކުށްވެރިނުވާ ކަމަށް ނިންމާފަ އެވެ.
ނަމަވެސް ފަހުން ރާޖަސްތާނުގެ ސަރުކާރުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުން ވެސް ވަނީ ސަލްމާން ސަލާމަތްވެފަ އެވެ. އިންޑިއާ ޓައިމްސް ގައި ބުނެފައިވަނީ އެ މައްސަލައިން ސަލްމާން ޚާން ސަލާމަތްވެފައިވަނީ އޭނާއާ ދެކޮޅަށް ވަރުގަދަ ހެއްކެއް ނެތުމުން ކަމަށެވެ.
އިންޑިއާގެ ޖޯދްޕޫރުގައި 1998 ވަނަ އަހަރު ސަލްމާން ޚާނާއި "ހަމް ސާތު ސާތު ހޭ" ގެ ކުރޫން ފިލްމު ޝޫޓްކުރުމަށް ގޮސް ތިބިއިރު، ހިމާޔަތްކޮށްފައިވާ ވައްތަރެއްގެ ދެ ފުއްލާއެއް ޝިކާރަކުރި މައްސަލައިގައި ރާޖަސްތާން ސަރުކާރުން އޭނާއާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ ދައުވާގެ މިއަދު އޮތް ޝަރީއަތަށް ސަލްމާނާ ޚާނާއި އޭނާގެ ދައްތަ އަލްވިރާ ހާޒިރުވެފައިވެ އެވެ.
"ހަމް ސާތް ސާތްހޭ" ގެ ޝޫޓިންގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ދެ ފުއްލާ ޝިކާރަކުރި ކަމުގެ ތުހުމަތު ވަނީ ސަލްމާންގެ އިތުރުން އެފިލްމުގައި ހަރަކާތްތެރިވި ބައެއް ބޮލީވުޑްގެ ތަރިންގެ މައްޗަށް ވެސް ކޮށްފަ އެވެ.
ސަލްމާންގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ލައިސެންސްގެ މުއްދަތު ހަމަވެފައިވާ ހުއްދަ ނޫން ހަތިޔާރަކުން ދެ ޖަނަވާރަކަށް ސަލްމާން އަމިއްލައަށް ބަޑި ޖެހިކަމުގެ ތުހުމަތުގައި ކުރާ ދައުވާ އެކެވެ.
އެންމެފުރަތަމަ މި މައްސަލަ ބެލި ދަށު ކޯޓުން ވަނީ ސަލްމާން ކުށްވެރިވާ ކަމަށް ނިންމައި، އޭނާއާ ދެކޮޅަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ނަމަވެސް ހައިކޯޓުން ވަނީ ސަލްމާނާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އޭނާގެ މައްޗަށް ކުރި ހުކުމް ބާތިލްކޮށްފަ އެވެ.
ނަމަވެސް މި މައްސަލައިގެ އެންމެ މުހިއްމު ހެކި ކަމަށްވާ ހަރީޝް ދުލާނީ ހައި ކޯޓަށް ހާޒިރުކޮށްފައިނުވާއިރު ހަރީޝް އަކީ މިހާދިސާ ހިނގިއިރު ސަލްމާން އިން ވެހިކަލްގައި އޭގެ ޑްރައިވަރެއްގެ ގޮތުގައި އިން މީހާ އެވެ. ހައި ކޯޓުގައި މައްސަލަ ހިނގިއިރު ހަރީޝް ވީ ތަނެއް ނޭނގޭ ކަމަށް ބުނެ އޭނާއާ ސުވާލެއް ކޮށްފައިނުވާއިރު، ރާޖަސްތާނުގެ ސަރުކާރުން ވަނީ އޭނާއާ ސުވާލުކޮށްފައިނުވަނީ ހަރީޝްގެ ހެކިބަހުން ސަލްމާން ކުށްވެރިވާނެކަން ޔަގީން ވާނެތީ ކަމަށެވެ.
މި މައްސަލަ ރާޖަސްތާންގެ ހައިކޯޓުން ނިންމުމާއެކު ފިލައިގެން އުޅުނު ހަރީޝް ވަނީ މީޑިއާގައި ވާހަކަދައްކަމުން ސަލްމާން ފުއްލާ އަށް ބަޑި ޖަހަނިކޮށް ދެކުނު ކަމަށާއި އޭނާ އަށް ފުލުހުން ހިމާޔަތް ދޭނަމަ ކޯޓަށް ގޮސް ސަލްމާނާ ދެކޮޅަށް ހެކި ބަސް ދޭނެ ކަމަށް ބުނެފަ އެވެ.