ޕެންޝަން އޮފީސް

ޕެންޝަން ބޯޑުގެ ޕްރައިވެޓް ސެކްޓަރުގެ މެންބަރަކު ކަމަށް ހުޅުވާލައިފި

Jan 19, 2017

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން ބޯޑަށް ޕްރައިވެޓް ސެކްޓަރުން އައްޔަން ކުރަންޖެހޭ މެންބަރުންގެ ތެރެއިން މެންބަރެއްގެ ޖގަ ހުސްވެފައިވާތީ ކުރިމަތިލާން ހުޅުވާލައިފި އެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތައް ކުރިމަތިލާން ހުޅުވާލާފައި ވަނީ މިމަހުގެ 31 އަށް ނިޔަލަށެވެ. ކުރިމަތިލެވެނީ ވިޔަފާރި އާއި އިޤްތިޞާދު ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ކިޔަވަފައިވާ މީހުންނަށެވެ. އަދި މާލީ ނުވަތަ ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާ ނުކުރާ މީހަކަށް ވާންޖެހޭއިރު ބޯޑަށް ހުށަހެޅުމަށް ޝަރުޠު ހަމަވާ ބޭފުޅުން ކަނޑައެޅުމަށް އެކުލަވާލާފައިވާ ސިލެކްޝަން ކޮމިޓީގެ މެންބަރުންނާއި، މިނިސްޓަރުންނާއި، އެފެންވަރަށްވުރެ މަތީ މަޤާމެއް ފުރަމުންގެންދާ މީހެއްގެ އާއިލާގެ މީހަކަށް ވެގެން ނުވާނެ އެވެ.

ޕެންޝަން ބޯޑަކީ އަށް މެންބަރުންގެ މައްޗަށް އެކުލަވާލެވިފައިވާ ބޯޑެކެވެ. އެ ބޯޑުގެ ޗެއާޕާސަން އާއި، ސެކިއުރިޓީސް މާކެޓް ރެގިއުލޭޓާގެ އިސް މުވައްޒަފަކާއި، ފިނޭންސް މިނިސްޓްރީގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ދައުލަތާއި ސަރުކާރުގެ ވަޒީފާއެއްގައި ނޫޅޭ، ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ހަތަރު ބޭފުޅުން ތިބޭ ބޯޑެކެވެ.

މިބޯޑުގެ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުން އައްޔަން ކުރަނީ ސިލެކްޝަން ކޮމިޓީއަކުން ހޮވާ އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކުރުމަށް ފަހު ހުށަހަޅާ ނަންތަކެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނި ވަޑައިގަންނަވާ ނަމެކެވެ.