ރާއްޖެ ކުޅިވަރު

ކޮލިފައިން މުބާރަތަށް ބޮޑެތި ތައްޔާރީތަކެއް

Jan 19, 2017

ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ވޮލީބޯޅަ މުބާރާތް ވޯލްޑް ވިމެން ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯންގެ ކޮލިފައިން މުބާރާތަށް ވޮލީބޯޅަ އެސޯސިއޭޝަނާއި ޔޫތު މިނިސްޓްރީ ގުޅިގެން ގިނަ ތައްޔާރީ ތަކެއް ވެއްޖެ އެވެ.

މިމަހު 27 އިން 29 އަށް ކުރިއަށް ގެންދާ މުބާރާތް ބާއްވަން ފުރަތަމަ ހަމަޖައްސާފައި ވަނީ އިންޑިއާގަ އެވެ. ނަމަވެސް އިންޑިއާގެ ވޮލީބޯޅަ ފެޑްރޭޝަންގެ އެތެރޭގެ މައްސަލައަކާ ހެދި އެގައުމުގައި މުބާރާތް ނުބޭއްވޭނެތީ، ރާއްޖެ އަށް މުބާރާތް ބަދަލު ކުރުމަށް އޭޝިއާގެ ވޮލީބޯޅަ ފެޑްރޭޝަނުން ނިންމީ މިދިޔަ މަހު ފަހު ކޮޅު އެވެ.

އޭގެ ކުރިން ރާއްޖޭގައި ބާއްވަން ހަމަޖެހިފައި އޮތް މުބާރަތަކީ، މިއަހަރު މާޗް މަސް ތެރޭގައި ބޭއްވުމަށް ވާހަކަ ދެކެވިފައިވާ ސެންޓްރަލް ޒޯންގެ ފިރިހެން މުބާރަތެކެވެ.

"މި މުބާރާތް ރާއްޖޭގައި ބާއްވަން ލިބުނީ ކުއްލި އަކަށް، އެފުރުސަތު ލިބުމުން ވީއޭއެމްގެ އިސްވެރިން ބޭނުންވީ އެ ޗެލެންޖް ނަގަން، އެކަމަށް އެސޯސިއޭޝަންގެ އިސްވެރިންނަށް ޝުކުރު އަދާ ކުރަން،" މުބާރާތުގެ ތައްޔާރީތަކަށް އެކުލަވާލާފައިވާ ކޮމިޓީގެ ޗެއާމަން ވޮލީ ކޯޗް މުހައްމަދު ޝަރަފު ބުންޏެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވީ، މި މުބާރާތަކީ ރާއްޖޭގެ އަންހެން ވޮލީ ބަދަލު ކޮށްލާނެ މުބާރާތެއް ކަމަށެވެ. މި މުބާރަތަށް ފުރިހަމަ ތައްޔާރިތަކެއް ވެވިއްޖެނަމަ އިތުރު މުބާރާތްތައް ރާއްޖެ އަށް ލިބުމުގެ ފުރުސަތު ތަނަވަސް ވެގެން ދާނެ ކަމަށާއި އަދި މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތް ވެސް އިތުރަށް ފުރިހަމަ ކުރުމަށް ލިބިގެންދާނެ ފުރުސަތަކަށް ވާނެ ކަމަށް ލަތީފު ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތް ބޭއްވުމުގެ ފުރުސަތު ނުލިބެނީ، ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓްގެ ކޮންޑިޝަން ހުރި ގޮތުން ބައިނަލްއަގްވާމީ މުބާރަާތް ބޭއްވުމަށް އެކަށީގެން ނުވާ ތަނަކަށް ވުމުން ނެވެ.

"ނަމަވެސް އޭވީސީ އިން ވަނީ އޭވީސީގެ މުބާރާތްތަކުގެ ކްރައިޓީރިއާ އަށް ބަދަލު ގެނެސްފަ، މިހާރު ގެނައި ބަދަލުތަކަށް ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓް ފެތޭ، މި ކްރައިޓީރިއާ މީގެ ކުރިން އޮތް ނަމަ ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ކުރިއަށް ގެންދާނެތާ މިހާރު ކިތަންމެ ދުވަހެއް." ޝަރަފު ބުންޏެވެ.

މުބަރާތުގެ ތައްޔާރިތަކުގައި އެންމެ މުހިންމު މަސައްކަތަކީ އިންޑޯ ކޯޓުގެ މަރާމަތު ތަކެވެ. ޔޫތު މިނިސްޓްރީގެ ކޯޑިނޭޓާ ހުސައިން އަމީން ވިދާޅުވީ މުބާރާތައް ތައްޔާރު ވުމަށް ލިބުނު ވަގުތު ކުޑަ ކަމުން، ބޮޑެތި މަރާމާތު ތަކެއް ނުގެނެވުނަސް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑުމެން ތައްޔާރު ވަމުން މިއަންނަނީ މާޗް މަހުގެ މުބާރާތައް. ދެން މި މުބާރާތަށް އެންމެ ފުރިހަމަ ބަދަލު ތަކެއް ނުގެނެވުނަސް، ކުރިއަށް އޮތް މުބާރާތަށް ބޮޑެތި މަރާމަތުތަކެއް ކޮށް ބަދަލު ތަކެއް ގެންނާނަން."

މުބާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ހުޅުވުމުގެ ރަސްމިއްޔާތުގެ ހަރަކާތްތަކަށް ކޮމިޓީއިން އޮތީ ފުރިހަމަ އަށް ތައްޔަރު ވެފައި ކަމަށް ޝަރަފު ވިދާޅުވި އެވެ.