އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މަޝްވަރާ އާއި ނިއުކްލިއަ ހަތިޔާރު މަދު ކުރުމަށް އެ ގައުމާއެކު ކުރާ މަޝްވަރާތަކަކީ ދެކަމެއްގެ ގޮތުގައި ބޭއްވުމަށް އެމެރިކާގެ ރައީސް ކަމުން މާދަމާ ވަކިވެވަޑައިގަންނަވާ ބަރަކް އޮބާމާ، އެ މަގާމާ މާދަމާ ހަވާލުވާ ޑޮނަލްޑް ޓްރަމްޕަށް ގޮވާލައްވައިފި އެވެ.
އޮބާމާ މިމޭރުމުން ވާހަކަ ދެއްކެވީ، ނިއުކްލިއަ ހަތިޔާރު މަދުކުރުމަށް އެއްބަސްވާ ނަމަ ދަތިކުރުމުގެ ފިޔަވަޅު އުވާލަން ރަޝިޔާއަށް ހުށަހަޅުއްވާނެ ކަމަށް ޓައިމްސް އޮފް ލަންޑަނަށް ޓްރަމްޕް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވެފައި ވާތީއެވެ. ޓްރަމްޕްގެ އެ އިންޓަވިއު ޝާއިއުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
އޮބާމާގެ ސަރުކާރުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ ކުރިން ޔުކްރޭންގެ ބައެއްގެ ގޮތުގައި އޮތް ކްރައިމިއާ ރަޝިޔާގެ ބަޔަކަށް ހެދުމުން 2014 ވަނަ އަހަރުއެވެ.
"ރަޝިޔާއިން އުޅެނީ ޔުކްރޭންގެ ސަރަހައްދެއް ހިފައިގެން. އަދި ދަނީ ޔުކްރޭންގެ ކަންކަމާ ބެހެމުން،" ވައިޓް ހައުސްގައި އޮބާމާ ބާއްވަވާ ފަހު ނޫސްކޮންފަރެންސްގައި އޭނާ ވިދާޅުވި ކަމަށް ރޮއިޓާސް ބުންޏެވެ.
ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ ރަޝިޔާއާއި ގުޅުން ބަދަހި ކުރައްވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
އޮބާމާގެ ވެރިކަމުގައި ރަޝިޔާއާއި މަޝްވަރާކޮށްގެން ނިއުކްލިއަ ހަތިޔާރު މަދުކުރުމާ ބެހޭ އެއްބަސްވުމެއްގައި 2010 ވަނަ އަހަރު ސޮއިކޮށްފައި ވެއެވެ. އޭގެ ފަހުން ވެސް މަޝްވަރާތައް ކުރުމަށް ތައްޔާރަށް ހުންނެވިން ކަމަށާއި އެކަމަށް އިޖާބަ ނުދެއްވީ ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ކަމަށް އޮބާމާ ވިދާޅުވިއެވެ.
އޮބާމާ ވިދާޅުވީ ރަޝިޔާއައި އެކު ބިނާކުރަނިވި ގުޅުމެއް ބޭއްވުމަކީ ރަނގަޅު ލަނޑުދަނޑިއެއް ކަމަށެވެ.