ރާއްޖެ ކުޅިވަރު

ވިކްޓަރީގެ 46 ވަނަ އަހަރު ފާހަގަ ކުރަނީ

Jan 19, 2017
1

މެދުކެނޑުމެއް ނެތި ރާއްޖޭގެ ކުޅިވަރުގައި ހަރަކާތްތެރިވާ އެންމެ ދުވަސްވީ ކުލަބު، ވިކްޓްރީ ސްޕޯޓްސް ކުލަބުގެ 46 ވަނަ އަހަރު ފާހަގަ ކުރަން، ގިނަ ހަރަކާތްތަކެއް ހިންގަން އެކުލަބުން ތައްޔާރުވާން ފަށައިފި އެވެ.

ވިކްޓަރީ އުފެދުނީ 1971 ވަނަ އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހު އެވެ. އެކުލަބު އުފެއްދުމުގައި އެންމެ އިސްކޮށް ބައިވެރިވެ ވަޑައިގެންފައިވަނީ އެ ކުލަބުގެ އެއް ބާނީ ގ. މައިނާގެ، އިބްރާހިމް ރަޝީދު (މައިނާ) އެވެ.

ވިކްޓަރީގެ ޗެއާޕާސަން އިބްރާހިމް ނަޒީމު ވިދާޅުވީ އަހަރީ ދުވަސް ފާހަގަ ކުރުމަށް ގިނަ ވިސްނުންތަކެއް އެބަހުރި ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކީ ވިކްޓްރީގެ ގެއްލިފައިވާ ފޯރި އަނބުރާ ގެނައުން އެއަށްފަހު ސަޕޯޓަރުން ޓީމާ ގުޅުވައި ދިނުމަށް ސަޕޯޓަރުންގެ ހަރަކާތްތައް ހިންގުން،" ނަޒީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަޕޯޓަރުންގެ ހަރަކާތްތައް ވަރުގަދަ ކުރުމުގެ ގޮތުން "ވިކްޓްރީން ސަޕޯޓަރުންނާ ގާތަށް" ދިއުމަށް، ވިކްޓްރީގެ ސްކޮޑުން ދަތުރުތައް ކުރަން ހަމަޖެހި ފައިވާ ކަމަށެވެ.

މީގެ ކުރިން ފުޓްބޯޅައިގެ އިތުރުން ވޮލީ އާއި ބާސްކެޓް ޓީމެއް ވެސް އޮތް ވިކްޓރީ ވަނީ ރައްޖޭގެ އެކި ކުޅިވަރުތަކުގައި 140 ށް ވުރެ ގިނަ ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފަ އެވެ.

މިދިޔަ ފަސް އަހަރު ޓީމު ބަލިކަށިކޮށް އޮތުމަށްފަހު، މިއަހަރު އެޓީމުން ވަނީ ވަރުގަދަ ސްކޮޑަކާއެކު، އާ ސިޒަނަށް ތައްޔާރުވާން ފަށާފަ އެވެ.