ޑޮނަލްޑް ޓްރަމްޕް

މިލޭނިއާ: އެހެން ގައުމަކަށް އުފަންވި އެމެރިކާގެ ދެވަނަ ފަސްޓްލޭޑީ

Jan 20, 2017

ކުރީގެ ޔޫގޯސްލާވް ފެޑެރޭޝަންގައި ހިމެނުނު ސްލޮވީނިއާގެ މެދު ފަންތީގެ އާއިލާއަކަށް ނިސްބަތްވާ މިލޭނިއާ ޓްރަމްޕަކީ އެމެރިކާގެ ރައީސްކަމުގެ ހުވާ މިއަދު ކުރެއްވި ޑޮނަލްޓް ޓްރަމްޕް ކައިވެނި ބައްލަވައިގެންނެވި ތިން ވަނަ ބޭފުޅާ އެވެ. އޭނާއަކީ ޓްރަމްޕަށް ވުރެ 20 އަހަރު ހަގު ބޭފުޅެކެވެ.

މިލޭނިއާގެ ޅައުމުރު

ސްލޮވީނިއާގެ ނޯވޯ މެސްތޯ ނަމަކަށް ކިޔާ ރަށުގައި މިލޭނިއާ ކްނައުސް އުފަންވީ 1970 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު އެވެ. އޭނާގެ ބައްޕައަކީ ކާރު ވިއްކައި ދިނުމުގެ މަސައްކަތް ކުރާ މީހެކެވެ. މަންމައަކީ ކުޑަކުދިންގެ ހެދުންތައް ޑިޒައިންކުރާ ޑިޒައިނަރެކެވެ. އަންހެން ކޮށްކޮއަކާއި މަންމައާއި ބައްޕައާ އޭނާ ޅައުމުރު ހޭދަކުރީ އާދައިގެ ގެއެއްގަ އެވެ.

މޮޑެލް ކުރުމުގެ ކެރިއާ

މިލޭނިއާ މޮޑެލް ކުރަން ފެށީ އުމުރުން 16 އަހަރުގައެވެ. މޮޑެލް ކުރަން ފެށިތާ ދެ އަހަރު ދުވަސް ތެރޭގައި އިޓަލީގެ މިލާންގައި ހުންނަ އެޖެންސީއެއްގައި މަސައްކަތް ކުރަން އޭނާއަށް ފުރުސަތު ލިބުނެވެ. ޔުނިވާސިޓީއަކަށް ދިޔަ ނަމަވެސް އެއް އަހަރު ތެރޭގައި އޭނާ ކިޔެވުން ދޫކޮށްލާފައި މޮޑެލް ކުރުމަށް އަލުން އެނބުރުނެވެ.

މިލޭނިއާ ނިއުޔޯކަށް ދިރިއުޅުން ބަދަލުކުރީ އިޓަލީގެ މިލާނާއި ފްރާންސްގެ ޕެރިހުގައި މަސައްކަތް ކުރުމަށް ފަހުގަ އެވެ. ނިއުޔޯކަށް އޭނާ ބަދަލުވީ 1986 ވަނަ އަހަރު އެވެ. މަޝްހޫރު ފޮޓޯގްރާފަރުންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ނިއުޔޯކްގައި އޭނާއަށް ލިބުނެވެ. އަދި މަޝްހޫރު މަޖައްލާ ތަކުގެ ބޭރުގަނޑުން ޖާގަހޯދި އެވެ.

ކައިވެނި

ޑޮނަލްޓް ޓްރަމްޕާއި މިލޭނިއާ އެންމެ ފުރަތަމަ ބައްދަލުވީ ނިއުޔޯކްގައި އޮތް ފެޝަން ޕާޓީއަކުންނެވެ. ޓްރަމްޕާ ގުޅެން އޭނާ ފުރަތަމަ ދެކޮޅު ހެދި އެވެ. ނަމަވެސް ފަހުން ގުޅި، އެ ދެމީހުން ކައިވެނި ކުރީ 2005 ވަނަ އަހަރު އެވެ. ބެރެން ވިލިއަމް ޓްރަމްޕް ނަމަކަށް ކިޔާ ދަރިކަލަކު މިލޭނިއާގެ ފަރާތުން ޓްރަމްޕަށް ލިބިވަޑައިގެންފައި ވެއެވެ.