ހޮލީވުޑް

ޖޭމްސް ބޮންޑްގެ އާ ފިލްމަށް އިންތިޒާރުކުރަނީތަ؟

ޖޭމްސް ބޮންޑާ އެކު ޑައިރެކްޓަރު ސޭމް މެންޑޭޒް އެނބުރި އަންނަ ނަމަ މި ސިލްސިލާގެ 24 ވަނަ ފިލްމަށް އިންތިޒާރު ނުކުރާނީ ކޮން ފޭނެއް ހެއްޔެވެ؟

އާ ފިލްމުގެ ނަމާއި ފިލްމުގެ ތަރިން އަދި ފިލްމުގައި ޖޭމްސް ބޮންޑް ބޭނުންކުރަން އުފައްދާފައިވާ އެސްޓޮން މާޓިން މަރުކާގެ އާ ކާރު ވެސް މި ވަނީ ދައްކާލައިފަ އެވެ. އިނގިރޭސި ސިނަމާގެ ޝަރަފާއި ފަހުރާ ގުޅިފައިވާ ސްޕެޝަލް އޭޖެންޓް، ޖޭމްސް ބޮންޑްގެ އާ ފިލްމަކީ "ސްޕެކްޓާ" އެވެ. ފިލްމުގެ ޑައިރެކްޓަރުގެ ގޮތުގައި މެންޑޭޒް އެނބުރި އަންނައިރު އޭނާ ވެގެންދާނީ ޑައިރެކްޓަރު ޖޯން ގްލެން އަށް ފަހު މި ސިލްސިލާގެ ދެ ފިލްމެއް ވިދިވިދިގެން ޑައިރެކްޓްކުރުމުގެ ޝަރަފް ލިބޭ ފަންނާނަށެވެ.

ބޮންޑް ސިލްސިލާ އަށް 50 އަހަރު ފުރުމާ ދިމާކޮށް މެންޑޭޒް 2012 ވަނަ އަހަރު ގެނެސްދިން "ސްކައިފޯލް" އަކީ މި ސިލްސިލާގެ ތާރީޚުގައި ވެސް ފެނިގެން ދިޔަ އެންމެ ކާމިޔާބު ފިލްމެވެ. އެ ފިލްމުގެ ކާމިޔާބީ ތަކުރާރުކުރަން މެންޑޭޒް ނުކުންނައިރު އޭނާގެ ފަހަތުގައި އޮތީ "ސްކައިފޯލް" ގެ ޓީމެވެ.

އޭނާ ފަހަތުން ނައޯމީ ހެރިސް އާއި ރަލްފް ފިއެންސް ވެސް ވަނީ އެމީހުންގެ ރޯލުތަކަށް އެނބުރި އައިސްފަ އެވެ.

މި ތަރިންނާ އެކު ވަރަށް މަޝްހޫރު އާ މޫނުތަކެއް ވެސް ވަނީ ފިލްމާ ގުޅިފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މޫނަކީ ފިލްމުގެ ސުޕަވިލަންގެ ރޯލު ކަމަށްވާ ބްލޮފެލްޑަށް ނަގާފައިވާ އެކްޓަރު، ކްރިސްޓޮފް ވޯލްޓްޒް އެވެ. އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ މި އެކްޓަރާ އެކު ޑޭވް ބަޓިސްޓޫޓާ ވެސް ފިލްމުން ފެނިގެންދާނެ އެވެ.

ފިލްމަށް ދީފައިވާ ނަމަށް ބަލާއިރު މިފަހަރުގެ ފިލްމުގެ ޕްލޮޓް އެނބުރެނީ ބޮންޑް ސިލްސިލާގައި އޯގަނައިޒްޑް ކްރައިމް އަށް މަޝްހޫރު ޖަމާއަތެއް ކަމަށްވާ ސްޕެކްޓާ ވަށައިގެންނެވެ. މި ޖަމާއަތުގެ އެންމެ އިސް ވެރިޔަކީ ބްލޮފެލްޑެވެ. މިފަހަރުގެ ފިލްމުގައި ބޮންޑް ބޭނުންކުރާނީ އެޝްޓޮން މާޓިންގެ ޑީބީ10 މަރުކާގެ ކާރެކެވެ. މި ކުންފުނިން ޖޭމްސް ބޮންޑަށް ކާރު އުފައްދަމުން އަންނަނީ 1964 ވަނަ އަހަރު ނެރުނު "ގޯލްޑްފިންގާ" އާ ހިސާބުންނެވެ.