ދުނިޔެ

ރީތި އެކަމަކު ބިރުވެރި މަގުމަތި: އަހަރަކު 24000 މަރު!

ޗުއްޓީގެ ދުވަސްވަރު ތައިލެންޑްގައި ވަޅުލަން ޖެހޭ މީހުންގެ ގިނަކަން ސިފަކޮށް ދިނުމަށް އެގައުމުގެ ސަންދޯއް ޖަހާ މީހަކު މިދިޔަ އަހަރު މަސައްކަތް ކުރިއެވެ. އޭނާ ކުރިކަމަކީ ޗުއްޓީ ދުވަސްވަރާ ދިމާކޮށް، އޭނާގެ މުވައްޒަފުން ޖަހާފައިވާ ގިނަ އަދަދެއްގެ ސަންދޯއްތައް ނޫސްވެރިންނަށް ދެއްކީ އެވެ. ބޭނުމަކީ މަގުމަތީގެ އެކްސިޑެންޓް ތަކުގައި މަރުވާ މީހުންގެ އަދަދު ގިނަކަން "ދުއްވަމުންދާ މީހުނަށް" ވިސްނައި ދިނުމެވެ.

މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރެވޭތޯ ތައިލެންޑް ސަރުކާރުން ވެސް ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ބާރަށް ނުދުއްވުމަށާއި މަސްތުވެގެން ތިބެ ނުދުއްވުމަށް ގެންދަނީ ބާރު އަޅަމުންނެވެ. އެހެން ނަމަވެސް އެހުރިހާ މަސައްކަތެއް ކޮންމެ އަހަރަކުވެސް ވަނީ ނާކާމިޔާބެވެ.

މަގުމަތީގެ އެކްސިޑެންޓް ތަކުގައި މަރުވާ މީހުންގެ އަދަދުތައް މީޑިއާއިން ހާމަކުރާ އިރު ކޮންމެ އަހަރަކުވެސް ކުރީ އަހަރަށް ވުރެ ގިނަވެއެވެ. އެގޮތުން މިއަހަރު ފެށުނީ ވެސް ތައިލެންޑްގެ މަގުތަކުގައި އެކްސިޑެންޓްތައް ގިނަ ދުވަސްތަކަކުންނެވެ. އަހަރުގެ ފުރަތަމަ ހަފްތާގައި އެކަނިވެސް އެކްސިޑެންޓްތަކުގައި 474 މީހުން މަރުވި އެވެ. އަހަރު ފެށުނުތާ އެއް ދުވަސް ފަހުން ހިނގި އެންމެ އެކްސިޑެންޓެއްގައި ވެސް 25 މީހުން މަރުވިއެވެ.

ތައިލެންޑްގެ މަގުތައް މިވަގުތު ވެފައި ވަނީ ދުނިޔޭގައިވާ ދެވަނައަށް އެންމެ ނުރައްކާތެރި މަގުތަކަށެވެ. އެންމެ ނުރައްކާތެރި މަގުތަކެއް ކަމަށް ބެލެވިފައި ވަނީ ލީބިޔާގެ މަގުތަކެވެ.

އެންމެ ހައިރާން ވާން ޖެހޭ ކަމަކީ އެގައުމަކީ ހަމަޖެހުން އޮތް، ކުރިއަރަމުން އަންނަ ގައުމަކަށް ވެފައި މަގުތައް ނުރައްކާތެރި ވީމައެވެ. އިމާރާތް ކުރުމާއި ސިއްހީ ދާއިރާއިން އެގައުމު ވަނީ ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ހޯދާފައެވެ.

"މަގުމަތީގެ ސަލާމަތަށް ޓަކައި ފިޔަވަޅު އެޅުމުގެ 10 އަހަރު" ގެ ނަމުގައި 2012 ވަނަ އަހަރު ތައިލެންޑްގެ އޭރުގެ ސަރުކާރުން ޕްރޮގްރާމެއް އިއުލާން ކުރި އެވެ. އަދި 2012 ވަނަ އަހަރަކީ މޮޓޮރިސްޓުން ހެލްމެޓް އެޅުން 100 ޕަސެންޓަށް ގެންދާ އަހަރު ކަމަށް ވެސް އިއުލާން ކުރިއެވެ.

ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާލަތްތައްކުގައި ކަންތައްތައް ބެލެހެއްޓުމުގެ އިތުރުން މަގުތަކުގެ ރައްކާތެރިކަމަށް ޖާމިނުކޮށްފައިވާ އެގައުމުގެ ޑިޕާޓްމަންޓް އޮފް ޑިޒާސްޓާ ޕްރިވެންޝަނުން 2015 ވަނަ އަހަރު ބުނެފައި ވަނީ މަގުމަތީގެ އެކްސިޑެންޓް ތަކުގައި މީހުން މަރުވާ މިންވަރު މިހާރަށް ވުރެ 80 ޕަސެންޓް މަދު ކުރާނެ ކަމަށެވެ. އެހެން ނަމަވެސް ހުރިހާ ކަމެއް ދިޔައީ ތޮޅިއަށެވެ.

ތައިލެންޑްގެ މަގުތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަކީ އުނދަގޫ ކަމެއް ނޫނެވެ.
ތައިލެންޑަށް އައި އަވަސް ކުރިއެރުމުގެ ތެރޭގައި އެގައުމުގައި 462133 މަގު ރަނގަޅު ފެންވަރަކަށް ތަރައްގީކޮށްފައި ވެއެވެ. އެގައުމުގައި 37 މިލިޔަން ވެހިކަލް ރަޖިސްޓްރީކޮށްފައި ވެއެވެ. އޭގެ ތެރެއިން 20 މިލިޔަނަނީ މޮޓޯ ސައިކަލެވެ. ގިނަ އެކްސިޑެންޓްތައް ހިނގާފައި ވަނީ ގޮތެއް ފޮތެއް ނުބަލައި ބާރަށް ދުއްވުމާއި މަސްތުވެގެން ތިބެ އުޅަނދުތައް ދުއްވުން ފަދަ ކަންކަމުގެ ސަބަބުންނެވެ.

"ތައިލެންޑަށް ލިބިގެންވޭ ރީތި މަގުތަކެއް. އެހެންވެ މީހުން ދުއްވާފައި ދާހިތްވަނީ ވަރަށް ބާރަށް. އެހެންވީމާ އެންމެ ގިނަ މީހުން މަރުވާ ސަބަބަކީ ސްޕީޑް" އެމެރިކާގައި މަރުކަޒުކޮށްފައިވާ އޭޝިއާ އިންޖަރީ ޕްރިވެންޝަން ފައުންޑޭޝަނުން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ކައުންޓްރީ ޑައިރެކްޓަރު ރަޓާނާ ވިންތާ ވިދާޅުވިއެވެ.

ތައިލެންޑް ފުލުހުންގެ ސާޖަންޓް މޭޖާ ކަންތަ ޗަޓް ނުއާ އޮން ވެސް އެކަމަށް ހެކިވެވަޑައިގަންނަވައެވެ. އޭނާ ވިދާޅުވާ ގޮތުގައި ގާނޫނަށް ރަނގަޅަށް އަމަލުކޮށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ ބާރަށް ދުއްވާ މީހުންގެ މައްސަލަ ރެކޯޑް ކުރާ ނަމަ ރެކޯޑް ކުރަން ޖެހޭނީ ދުއްވާ އެންމެންގެ މައްސަލައެވެ.

ތައިލެންޑްގައި ހިނގާ އެކްސިޑެންޓްތައް ގިނަވެ، މީހުން މަރުވާ މައިގަނޑު ސަބަބަކީ އެއީ އެވެ. މަގުމަތީގެ ގާނޫނާ ހިލާފުވާ މީހުންގެ ގިނަ ކަމާ ހެދި، ފިޔަވަޅު ނޭޅި، އެގާނޫނުތަކުގެ ބާރު ކެނޑިފައި ވުމެވެ. -- ބީބީސީ