ވިޔަފާރި

1.3 މިލިއަން ޓޫރިސްޓުންނާއެކު މިދިޔަ އަހަރު 4.2 ޕަސެންޓުގެ ކުރިއެރުމެއް!

Jan 19, 2017

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1.3 މިލިއަން ޓޫރިސްޓުންނާއެކު ޓޫރިޒަމަށް 4.2 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެ އައީ 1,286,135 ޓޫރިސްޓުންނެވެ. މިއީ އެއީ އޭގެ ކުރީ އަހަރު އައި 1,234,248 ޓޫރިސްޓުންނާ އަޅާބަލާއިރު 4.2 ޕަސެންޓްގެ ކުރިއެރުމެކެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މެދު އަދި އިރުމަތީ ޔޫރަޕްގެ ގައުމުތަކުން މިދިޔަ އަހަރު 575,176 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އަދި އުތުރު ޔޫރަޕުން 132,626 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މީގެ އިތުރުން ދެކުނު ދެކުނު ޔޫރަޕުން އައިސްފައިވަނީ 109,326 ޓޫރިސްޓުންނެވެ. މީގެ އިތުރުން ހުޅަނގު ޔޫރަޕުން 213,006 ޓޫރިސްޓުން އައެވެ. އަދި މެޑިޓެރީނިއަން ގައުމުތަކުން ރާއްޖެއަށް 15,664 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ.

ޔޫރަޕުން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 101،843 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އަދި ރަޝިޔާއިން 46،622 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މީގެ އިތުރުން ޗައިނާއިން 324،326 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އަދި އިންޑިޔާއިން 66،955 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ.

"ވިޒިޓް މޯލްޑިވްސް އިޔާ" ގެ ނަމުގައި ފާހަގަކުރި މިދިޔަ އަހަރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް މި އަދަދު ފަހުން ވަނީ 1.4 މިލިއަން ޓޫރިސްޓުންނަށް ދަށްކޮށްފަ އެވެ. މީގެ ސަބަބަކީ ޗައިނާ މާކެޓު ވެއްޓުމާއި ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގައިގެން ދިޔަ ބައެއް ކަންތައްތަކުން ދުނިޔޭގެ ޓޫރިޒަމަށް ކުރި އަހަރެކެވެ.