ވިޔަފާރި

ރާއްޖޭގެ ސޮވަރިން ބޮންޑު ވިއްކަން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބޭންކަށް

Jan 19, 2017

ބޭރުގެ ހިއްސާގެ ބާޒާރަށް 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑު ވިއްކަން އެހީތެރިވެދޭން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބޭންކް ކަމަށްވާ، ޖަރުމަނުގެ ޑޮއިޗޭ ބޭންކާ ހަވާލުކުރަން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ހިއްސާ ބާޒާރަށް ބޮންޑު ވިއްކުމަށް ބޭންކްތަކަށާއި އިންވެސްޓްމަންޓް ހައުސްތަކަށް "ލީޑް މެނޭޖާސް" ނުވަތަ "ބުކް ރަނާސް" ދައުރު އަދާކުރުމަށް ކުރިމަތިލާން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވާލާފަ އެވެ.

އެ މިނިސްޓްރީން ބުނީ ސޮވަރިން ބޮންޑު ވިއްކުމަށް ޑޮއިޗޭ ބޭންކާއެކު ވަރަށް އަވަހަށް ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރުން އޮންނާނެ ކަމަށެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރިން އެ ބޮންޑް ސްޓޮކް މާކެޓްގައި ލިސްޓް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ފިނޭންސުން ބުނެފައިވެ އެވެ.

ސަރުކާރުން 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑް ވިއްކަން ހަވާލުކުރަން ނިންމާފައިވާ ޑޮއިޗޭ ބޭންކަކީ މިފަދަ ކަންކަމުގައި ދުނިޔޭގެ އެންމެ މަގުބޫލު އެއް ބޭންކެވެ. މި ބޭންކުން މީގެ ކުރިން ހިންގާފައިވާ މިފަދަ ބައެއް މުއާމަލާތްތަކުގެ ތެރޭގައި ސްރީލަންކާގެ 1.5 ބިލިއަން ޑޮލަރުގެ ބޮންޑް ވިއްކައި ދިނުމާއި ޕާކިސްތާނުގެ އެއް ބިލިއަން ސުކުން އިޝޫ ކުރުން ހިމެނެ އެވެ.

ފިނޭންސް މިނިސްޓްރީއިން 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑް ވިއްކަނީ ފަސް އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ފަށާ ގޮތަށެވެ. އަދި މީގެ ބޭނުމަކީ ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމެވެ.