ހުޅުމާލެ

މާލޭގައި މަރުވާ މީހުން ވަޅުލުން ފެބުރުއަރީން ފެށިގެން ހުޅުމާލެއަށް

އަންނަ މަހުން ފެށިގެން މާލޭ ސިޓީގައި މަރުވާ މީހުންގެ ޖަނާޒާގެ ހުރިހާ ކަމެއް ހުޅުމާލޭ ސަހަރާގައި ކުރާ ގޮތަށް ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިދިއަ ބުރާސްފަތި ދުވަހު ވަނީ މާލޭގައި މަރުވާ މީހުން އަންނަ މަހުން ފެށިގެން ހުޅުމާލެ ސަހަރާގައި ވަޅުލަން ނިންމިކަން އަންގާ އިއުލާނުވެސް ކޮށްފަ އެވެ. އަދި ހުޅުމާލޭ ސަހަރާއިން ޖާގަ ހަމަޖައްސައިދިނުމުން މައްޔިތާގެ ޖަނާޒާއަށް ބޭނުންވާ ކަފުނާއި، ކަފައާއި، ސަންދޯއް ފަދަ ތަކެތި މައްޔިތާގެ އާއިލާއަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންވެސް އިއުލާނުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައިވަނީ އެ މަސައްކަތް ކުރާފަރާތަށް މިނިސްޓްރީން އެއްވެސް އަގެއް ނުދޭނެ ކަމަށެވެ.

މި މަސައްކަތް ކުުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ މެންދުރު 1:00 އަށް މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު އަންނަ ބުދަ ދުވަހުގެ މެންދުރު 1:00 އަށް އެ މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހަޅަން ޖެެހެ އެވެ.

ހުޅުމާލެ ސަހަރާގައި ވަޅުލަން މީހުން ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ހަރަދެއް އާސަންދައިގެ ދަށުން ކުރެވެ އެވެ. އަދި އަމިއްލައަށް ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

މައްޔިތާ ހުޅުމާލެއަށް ގެންދަން ހަމަޖެހިފައިވަނީ ހުޅުލޭ މަގުންނެވެ. އަދި މައްޔިތާ ހުޅުމާލެއަށް ގެންދިއުމަށްފަހު އާއިލާއިން ހުޅުމާލެއަށް ދިއުމުގެ އިންތިޒާމް އެމްޓީސީސީ އިން ހަމަޖައްސައިދޭނެ އެވެ. ގަވާއިދުން އޮންނަ ހުޅުމާލެ ފެރީގަ އެވެ. ފެރީ ނޯންނަ ވަގުތެއްގައި ނަމަވެސް ހާއްސަ ފެރީއެއް އިންތިޒާމް ކުރެވޭނެ އެވެ.

އައިޖީއެމްއެޗްގައި މަރުވާ މީހުން އެމްބިއުލާންސްގައި މައްޔިތާ އުފުލައި ފެރީ އޮންނަ، ނަސަންދުރާ ކުރިމައްޗަށް 60ރ. އަށް ގެންގޮސްދޭނެ އެވެ. އަދި މައްޔިތާ ފެރީގައި ހުޅުމާލެ ސަހަރާއަށް ގެންގޮސްދިނުމަށް ނަގާނީ 608ރ. އެވެ. ހުޅުލެއިން ވެހިކަލެއްގައި ސަހަރާއަށް ގެންގޮސްދިނުމަށް ނަގާނީ 160ރ. އެވެ.