ރައީސް އަބްދުﷲ ޔާމީން

ޓްރަމްޕާ ގުޅިގެން މަސައްކަތް ކުރައްވަން އުއްމީދު ކުރަން: ރައީސް

އެމެރިކާގެ ރައީސް ކަމުގެ ހުވާކުރައްވައި، އެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި ޑޮނަލްޑް ޖޭ ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އާއި ރާއްޖޭގެ ސަރުކާރު ގުޅިގެން އިތުރަށް މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ އާ ރައީސްއަށް މަރުހަބާ ދެންނެވުމަށް ރައީސް ޔާމީން ފޮނުއްވި މެސެޖްގައި ވިދާޅުވީ، އެމެރިކާގެ 45 ވަނަ ރައީސަށް އެމަނިކުފާނާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށާއި ރައީސް ޓްރަމްޕަށް ހެޔޮއެދުންތައް ފޮނުއްވަވާ ކަމަށެވެ.

ރައީސް ވިދާޅުވީ، އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕް ހޯއްދެވި ކާމިޔާބީ ދައްކުވައިދެނީ އެމެރިކާގެ ޑިމޮކްރެސީގެ ހަރުދަނާކަން ކަމަށެވެ. ބައިނަލްއަގްވާމީ މުޖުތަމައު ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި މިއީ ހަގީގީ ޑިމޮކްރެސީއަކުން ދައްކުވައިދިން މުހިންމު މިސާލެއް ކަމަށެވެ.

ރައީސްގެ މެސެޖުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒައާމަތުގައި ވެސް، ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެ ގައުމުގެ ދެމެދުގައިވާ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުންވެސް ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައި، އެމެރިކާގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ.