މީރު އައިލެންޑް

މީރުން ގެއްލުނު ދެ ޓޫރިސްޓުން މަރުވެފައި އޮއްވާ ފެނިއްޖެ

މަރުވެފައި އޮތް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ އެވެ. ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. މަރުވެފައިވާ ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނުނު އިރު މިދިއަ ބުރާސްފަތި ދުވަހު މާލެ އަތޮޅު މީރު ފެންފުށީ ކައިރިއަށް ގެއްލުނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އައި 30 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި މިއަދު ކަނޑުމަތިން ފެނިފައި ވަނީ އެ ދެމީހުންގެ ހަށިގަނޑެވެ.

މިއަދު ފެނުނު ދެ މީހންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނުނީ ތުޅާގިރި ރިސޯޓު ކައިރިން ހެނދުނު 8:00 ޖެހިއިރު އެ ސަރަހައްދަށް ޕިކްނިކަށް ދިޔަ ބަޔަކަށެވެ. ދެވަނަ މީހާގެ ހަށިގަނޑު ފެނުނީ ހެނދުނު 6:25 އެހާކަންހާއިރު ބަރޮސް ރިސޯޓު ބޭރުން ކަނޑުމަތިންނެވެ. މި ދެ މީހުން ފެށުނު އިރު ތިބީ ފަތާއިރު ބޭނުންކުރާ ހެދުމުގައި ކަމަށްވެއެވެ.

ދެ މީހުންގެ ހަށިގަނޑު ފެނިފައިވާއިރު ފުލުހުންނާއި ސިފައިން ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މަރުވެފައި ތިބި މީހުންނާ ބެހޭ އެއްވެސް އިތުރު ތަފްސީލެއް ލިބިފައެެއް ނުވެ އެވެ.

މީރު ފެންފުށީ ކައިރިން މޫދަށް އެރުނު ދެ ފަތުރުވެރިންގެ ހަބަރެއް ނުވެގެން އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފެށީ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.

މީރުން ގެއްލުނު ދެ މީހުން ކަމަށް ބެލެވޭ ދެމީހުންގެ ހަށިގަނޑު ފެނުނު އިރު އިއްޔެ ހެލެނގެލި ރިސޯޓްގައި ދިވެއްސަކު މަރުވެފައިވާ އޮއްވާ ވަނީ ފެނިފަ އެވެ. އަދި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރާ ޓޫރިސްޓުން މޫދަށް އެރި އުޅުމުގަ އާއި ޑައިވިން އަށް ގޮސް އުޅުމުގެ ތެރޭގައި ގެއްލުމާއި މަރުވުމުގެ ހާދިސާތައް ކޮންމެ އަހަރަކު ވެސް ހިނގަ އެވެ.