ހަބަރު

ގޭގެ ފާސް ކުރަން ވެސް ކުއްތާ ބޭނުން ކުރާނެ: މިނިސްޓަރު

ރާއްޖެއަށް ކުއްތާތައް ގެނައުމުން ގޭގެ ފާސްކުރުމުގެ އޮޕަރޭޝަންތަކުގައި ވެސް އެސޮރުމެން ބޭނުން ކުރުމުގެ އިހުތިޔާރު ފުލުހުންނަށް އޮންނާނެ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފި އެވެ.

ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރާ ކުއްތާތައް ރާއްޖެ ގެނައުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު މި ވަނީ ފަށައިފަ އެވެ. އެގޮތުން އެސޮރުމެއް ބޭއްތިއްބުމަށް ހުޅުލޭގައި ހަދާ ތަންތަނުގެ މަސައްކަތް މިހާރު ވަނީ ނިންމައި މިއަދު ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވީ މި މަހުގެ 28 ވަނަ ދުވަހު ކުއްތާތަކުގެ ފުރަތަމަ ސްކުއެޑް މާލެ އަންނާނެ ކަމަށެވެ. އަދި އެތަކެތި ގެނައުމުން އެއާޕޯޓްގެ އެރައިވަލް އާއި ޑިޕާޗާގައި ކުއްތާތައް ބޭނުން ކުރަމުން އަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖެ އަންނަ ބޯޓު ފަހަރުތަކަށް ކުއްތާތައް އަރުވައި ކޮންމެ ބޯޓެއް ވެސް ރަނގަޅަށް ޗެކް ކުރާނެ އެވެ. އަދި އެމްޕީއެލް ސަރަހައްދުގައި ވެސް ކުއްތާތައް ބޭނުންކޮށްގެން ތަންތަން ޗެކް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަސްތުވާތަކެތި ހޯދައިގަތުމަށް ގޭގެ ޗެކް ކުރާއިރު އާއި މާލެ ތެރޭގައި ހިންގާ ބައެއް އޮޕަރޭޝަންތަކުގައި ވެސް ކުއްތާ ބޭނުން ކުރާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"މިކަން އަޅުގަނޑުމެން ފެށުމާ އެކު، މަސްތުވާތަކެތި އަތުލެވޭ މިންވަރު އިތުރުވާނެ. މިހާރު އެކަން މި ކުރަނީ ހަމައެކަނި އިންޓެލިޖެންސް މައުލޫމާތުން ޝައްކުވާ މީހުން ބަލައިގެން. އެކަމަކު ކުއްތާ ބަލާނެ އެރައިވަލް ޑިޕާޗާ އޭރިއާ ކަނޑުމަގުން އަންނަ ބޯޓުތައް. އޭރުން މިތަކެތި އެތެރެ ކުރާ މީހުންނަށް މިއީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހުރިހާ ކުއްތާތަކަކީ ވެސް ނެދަލެންޑްސްގައި އެކަމަށް ހާއްސަކޮށް ތަމްރީންކޮށްގެން ގެންނަ ތަކެތި ކަމަށެވެ. އަދި އޭގެ ތެރޭގައި އެކި ބާވަތުގެ އެއްޗިހި ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ ކުއްތާތައް ތިބޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި ފުލުހުން ބޭނުންވާ ކޮންމެ އޮޕަރޭޝަނެއްގައި އެސޮރުމެން ބޭނުން ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ރާއްޖެއަށް އެންމެ ގިނަ މަސްތުވާތަކެތި އެތެރެ ވަނީ ސައިކަލް ފަދަ ތަކެތި އިމްޕޯޓް ކުރާއިރު އޭގެ ތެރެއަށް އަޅައިގެން އަދި ތަރުކާރީ ފަދަތަކެތީގެ ތެރެއަށް އަޅައިގެން ކަމަށެވެ. ކަނޑުމަގުން އަންނަ ބޯޓުތައް ރަނގަޅަށް ޗެކް ނުކުރެވޭތީ އެގޮތަށް ވަރަށް ގިނައިން މަސްތުވާއެއްޗިހި ގެންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ކުއްތާ އެބަ ބޭނުން ކުރޭ. މިއީ ވަރަށް ބޮޑު ބާރަކަށް ވާނެ ފުލުހުންގެ އޮޕަރޭޝަންތަކަށް. އެއަށް ބޭނުންވާ ކާނާ އާއި އެހެން ކަންކަން ވެސް އެ ހުރީ މިހާރު ތައްޔާރުވެފައި،" އުމަރު ވިދާޅުވި އެވެ.

ކުއްތާތައް ގެނައުން ލަސްވީ، ނެދަލެންޑްސްއަށް މިއީ ފިނި މޫސުން ކަމުން ރާއްޖެއަށް މިދުވަސްވަރު މާ ހޫނު ގަދަވުމުން، ކުއްތާތަކަށް އަސަރެއް ކޮށްފާނެތީ ކަމަށެވެ. ނަމަވެސް މިހާރު ހޫނު މަޑުވަމުން އަންނާތީ އެތަކެތި ގެންނަން ނިންމީ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ އެހާ ފިނިތަނަކުން ކުއްލިއަކަށް އެހާ ހޫނުތަނަކަށް ގެނައިމާ މައްސަލަތަކެއް ދިމާވެދާނެތީ ކުޑަކޮށް މަޑު ޖައްސާލީ،" އުމަރު ވިދާޅުވި އެވެ.

އެމެރިކާގައި 2013 ވަނަ އަހަރު ވަނީ ގޭގެ އާއި ގެ ހިމެނޭ ސަރަހައްދު، ކުއްތާ ބޭނުންކޮށްގެން ފާސްކުރާ ނަމަ ކޯޓު އަމުރެއް ބޭނުންވާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފަ އެވެ.