ރިޕޯޓް

ކުޅުންތެރިންގެ އަގު މައްޗަށް، ފުޓްބޯޅައަށް ލިބޭ ކުރިއެރުމަކީ ކޮބާ؟

Jan 21, 2017

ލައްކައިގައި އުޅުނު ދިވެހި ޓީމުތަކުގެ ބަޖެޓް ދެހާހުގެ ކުރީ ކޮޅު މިލިއަނަކަށް އެރިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދިވެހި ޓީމުތަކުގެ ބަޖެޓް ގާތްގަނޑަކަށް 10 މިލިއަނަށް އަރައިގެންދާނެ ކަމަށް މާޒިޔާގެ ކުރީގެ ކޯޗް އަލީ ސުޒޭން ލަފާ ކުރެއެވެ. އެވެ. ޓީމުތަކުން އެންމެ ބޮޑަށް ފައިސާ ޚަރަދު ކުރަނީ ކުޅުންތެރިން ހޯދުމަށާއި ކުޅުންތެރިންގެ މުސާރަ އަށެވެ. އަގު ބޮޑުކޮށް ބިދޭސީ ކުޅުންތެރިން ހޯދުމަށް ޓީމުތަކުން ދިން ސަމާލުކަމާ އެއްވަރަށް، މިހާރު ގައުމީ ޓީމުގެ ލެވަލުގެ ކުޅުންތެރިން އަގު ބޮޑުކޮށް ގެނައުމުގެ އާދަ ބައެއް ޓީމުތަކުގައި އެކަށަ އެޅިއްޖެ އެވެ. ރާއްޖޭގައި އަދިވެސް އަށަގަނެފައި ނެތް އާދައަކީ ކުޅުންތެރިންނަށް ހޭދަ ކުރާ އަގު ހާމަ ކުރުމުވެ. ނަމަވެސް ދުނިޔޭގެ ޕްރޮފެޝަނަލް އެހެން ފުޓްބޯޅަ ލީގްތަކުގައި ކުޅުންތެރިންނަށް ހޭދަ ކުރާ އަގު ހާމަ ކޮށް، ކުޅުންތެރިޔާގެ ޓްރާންސްފާ އަށް ހޭދަވި ތަފުސީލުތައް ހާމަ ކުރެއެވެ.

މިއަހަރަކީ ކުޅުންތެރިންގެ އަގު އުފުލުނު އަހަރެކެވެ. މި އަހަރުގެ ހިސާބުތަކާއެކު، އަންނަ އަހަރު މިއަށް ވުރެ ބޮޑަށް ކުޅުންތެރިންގެ އަގު އުފުލޭނެ ކަމަށް އަންދާޒާ ކުރވެ އެވެ. ބައެއް ޓީމުތަކުން ކުޅުންތެރިންގެ ސޮއި ހޯދުމަށް އެޑްވާންސްކޮށް ފައިސާ ދޭން ހުށަހެޅި އެވެ. ރަނގަޅު މުސަރައެއް ލިބި، ކުޅުންތެރިންނަށް ރަނގަޅު އަގެއް ލިބުމަކީ ކުޅުންތެރިންނަށް އޮތް ކުރިއެރުމެ ކެވެ. އުފައްދަން ޖެހޭ ސުވަލަކީ ކުޅުންތެރިންގެ އަގުތަކަށް އައި ބަދަލު ތަކާއެކު މުޅި ފުޓްބޯޅަ އަށް އަންނާނެ ކުރިއެރުމަކަށް ވާނީ ކޮންކަމެއް ހެއްޔެވެ.

"ކުޅުންތެރިންނަށް ރަނގަޅު މުސާރައެއް ލިބޭ ކަމަަށްވާނަމަ، އެހެން ކަންކަމާ ކުޅުންތެރިން ވިސްނަން ޖެހޭ ވަރު ކުޑަވެ، ފުޓްބޯޅަ އަށް ހުސްވެގެން ހުރުމަށް ކުޅުންތެރިން ނަށް މަގަުފަހި ވެގެންދާނެ، މިކަމުގެ ސަބަބުން ޓީމުތަކުގެ ޕާފޯމަންސް އިތުރުވެ މުޅި ފުޓްބޯޅަ އަށް ކުރި އެރުން ލިބޭނެ،" ސުޒޭން ބުންޏެވެ،.

ރާއްޖޭގެ ފުޓްބޯޅަ އަށް އޮތް އެއް ގޮންޖެހުމަކީ، ފުލްޓައިމްކޮށް ފުޓްބޯޅަ ކުޅޭނެ ކުޅުންތެރިން މަދުވުމެވެ. މަދު ކުޅުންތެރިޔެއް ފިޔަވައި އެހެން ކުޅުންތެރިންނަކީ ވަޒީފާ އަދާ ކުރަމުން ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ނެވެ. އެހެންވެ ކުޅުންތެރިންގެ ދެ ވަނަ ވަޒީފާ އެއް ކަމުގައި ވެފައި އޮންނާނީ ފުޓްބޯޅަ އެވެ.

ކުރިން ޓީމެއްގެ މެނޭޖަރުކަން ކުރި ބޭފުޅަކު ވިދާޅުވެފައި ވަނީ ކުޅުންތެރިންނަށް އެހެން ވަޒީފާ އަކަށް ދަމުން ފުޓްބޯޅަ ކުޅޭތީ ހެނދުނު ޕްރެކްޓިސް ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

"ބޭރުން ކުޅުންތެރިން މިއަންނަނީ ފުލުޓައިމް ފުޓްބޯޅަ ކުޅެން، ނަމަވެސް ދިވެހި ކުޅުންތެރިން އެހެން ވަޒީފާ ތަކުގައި އުޅޭތީ އެ ކުޅުންތެރިންގެ ދެ ވަނަ ވަޒީފާ އަކަށް ފުޓްބޯޅަ މިކުޅެނީ މިކަން އެބަޖެހޭ ބަދަލު ވާން،"

"މިހާރު ހަމައެކަނި ހަވީރު ޕްރެކްޓިސް ކޮންގެން ވާކަށް ނެތް، އޭއެފްސީ ކަޕްގައި ދިވެހި ޓީމުތައް ވާދަ ކުރާ ބޭރުގެ އެހެން ކުލަބުތަކުގައި ކުލުންތެރިންނަކީ ދުވަލަކު ދޭއް ނުވަތަ ތިން ފަހަރަށް ޕްރެކްޓިސް ކުރާ ކުޅުންތެރިން ނަމަވެސް ރާއްޖޭގައި މުޅި ޓީމު އެއް ކޮށް ޕްރެކްޓިސް ކޮށް ލެވެނީ ހަވީރު އެކަނި، ހެނދުނު މުޅި ޓީމު އެކުގައި ޕްރެކްޓިސް ނުކުރެވޭ." ކުރިން ފުރަތަމަ ޑިވިޝަންގައި ވާދަ ކުރި ޓީމެއްގެ މެނޭޖަރު ވިދާޅުވި އެވެ.

ފުރަތަމަ ޑިވިޝަންގެ އެހެން ޓީމެއްގެ ކޯޗަކު ބުނީ ކުޅުންތެރިން ޕްރޮފިޝަނަލްވާ ހިސާބަކީ އަގު ކަމަށެވެ.

"އެހެން ކަންކަމުގައި އަދިވެސް ކުޅުންތެރިންގެ ޕްރޮފެޝަނަލްޓީ އެއް ނުފެނޭ އޮފް ސީޒަން ނިންމާލާފައި އަންނަ އިރު، ކުޅުންތެރިން ތިބެނީ ފިޓްނަސް މައްސަލަ ކުރިމަތި ވެފައި ބަރުދަން އިތުރު ވެފައި، އޮފް ސީޒަން ތެރޭގައި ވެސް ކުޅުންތެރިން އެބަޖެހޭ ފިޓްނަސް ހިފެހެއްޓުމަށް މަސައްކަތް ކުރަން، އަވަހަށް ނިދަން އާދަ ކުރަން ކުޅުންތެރިންގެ އަގު ތަކާއެކު އެކަމަށް ވެސް ބަދަލު އަންނާނެ ކަމަށް އުންމީދު ކުރަން"

ޓްރާންސްފާ ޕީރިއަޑްގައި މިއަހަރު އެންމެ ހަރަކާތްތެރިކޮށް ފެނުނު ކުލަބަކީ، މިދިޔަ އހަރު ބަލިކަށި ކޮށް ފެނުނު ނިއުރޭޑިއަންޓެވެ. އަދި ކުޅުންތެރިންގެ ސޮއި ހޯދުމަށް އެންމެ އަގު ބޮޑު އެއްބަސްވުންތައް ހެދި ކުލަބަކީ ވެސް އެ ކުލަބެވެ. ކުރިން އެޓީމަށް ކުޅުނު ކުޅުންތެރިން، އެޓީމުން ވަނީ އަނބުރާ އެޓީމަށް ގެންގޮސްފަ އެވެ. ނިއުގެ ޗެއަމަން މުހައްމަދު ޒިޔާދު ވިދާޅުވެފައި ވަނީ ކުޅުންތެރިންގެ ޕްރޮފެޝަނަލް ޑިވްލަޕްމެންޓަށް އެކުލަބުން ޕްރޮގްރާމްތައް ހިންގާނެ ކަމަށެވެ.

އަވަސްއާ ވަހަކަ ދެއްކި އެހެން ކޯޗުން ބުނީ، އަގު ބޮޑުކޮށް ގެންދިޔަ ބައެއް ކުޅުންތެރިންގެ ފަރާތުން، އެމީހުންނަށް ހުށަހެޅި އަގާ އެއްވަރުގެ ޕާފޯމަންސެއް ނުދެއްކުމަކީ ޖެހިގެން އަންނަ އަހަރު އަގު ހިފެހެއްޓުމުގައި ކުޅުންތެރިންނަށް ކުރިމަތިވާނެ މައްސަލަ އެކެވެ.

"ކުލަބުގެ އިސްވެރިން ނުނީ މެނޭޖަރު ބޭނުންވެދާނެ، ކޮންމެ އަގެއް ދީފައި ވެސް ކުޅުންތެރިޔަކު ގެންދަން ނަމަވެސް އެ ކުޅުންތެރިޔެއްގެ ފަރާތުން ހާސިލު ކުރެވޭނެ މިންވަރު އެނގޭނީ ކޯޗުންނަށް، ކޯޗުންނަށް އެނގޭނެ މިވެނި ކުޅުންތެރިޔަކީ އެވަރުގެ އަގެއް ވޯތު ކުޅުންތެރިޔެއްތޯ،"

ރާއްޖޭގެ ފުޓްބޯޅަ ކުރި އަރާނީ، ފުރަތަމަ ޑިވިޝަންގައި ކުޅޭ ކުޅުންތެރިންނަކީ ޕްރޮފިޝަނަލް ކެރިއާއެއް ގޮތަށް ފުޓްބޯޅަ ކުޅޭނެ ކުޅުންތެރިން ކަމުގައި ވެގެންނެވެ. ކުޅުންތެރިންގެ ހަމައެކަނި ވަޒީފާއަކީ ފުޓްބޯޅަ ކަމުގައި ވެގެންނެވެ.

ސުޒޭން ބުނީ ކުޅުންތެރިންނަށް ރަނގަޅު އަގެއް ލިބޭނަމަ، އިތުރަށް ޕްރޮފެޝަނަލް ވާން ކުޅުންތެރިން ވިސްނާނެ ކަމަށެވެ.

"މުޅި އަހަރު ކުޅުންތެރިން ވިސްނާނީ ފުޓްބޯޅަ އަށް އެއީ ހަމަގައިމިވެސް ދިވެހި ފުތްބޮޅަ އަށް އޮތް ކުރިއެރުމެއް." ސުޒޭން ބުންޏެވެ.

އަތޮޅުތެރެއިން ގިނަ އަދަދެއްގެ ކުޅުންތެރިން ގެނެސް ފުރަތަމަ ޑިވިޝަނަށް ތާރަފު ކުރި، ކުރީގެ އެއްވަނަ ކުޅުންތެރިޔާ އަދި ވެލެންސިއާގެ ޓްެކްނިކަލް ޑައިރެކްޓާ އިސްމާއިލް އާސިފް (ކުޑަ ހީނާ) ބުނީ އަތޮޅުތެރެއިން ރަނގަޅު ކުޅުންތެރިން ގެނައުމަށް ހިތްވަރަކަށް ވެގެންދަނެ ކަމަށެވެ.

"އަތޮޅުތަކުގެ ތެރޭގައި އެބަތިބި ހުނަރުވެރި ކުޅުންތެރިން، އެކުޅުންތެރިންނަށް ފުރަތަމަ ޑިވިޝަން ފުޓްބޯޅަ އަށް އައުމަށް އިތުރު ހިތްވަރެއް މިލިބެނީ އެކުޅުންތެރިންނަށް ވިސްނައި ދޭންވީ މިހާރު ބޯޅަ ކުޅެގެން ރަނގަޅު އާންމުދަނީ އެއް ލިބޭނެ ކަން، އެ ކުޅުންތެރިންނަށް ރަނގަޅަށް ޕާފޯމް ކުރާނަމަ އެއަށްވުރެ ބޮޑެތި އަގުތައް ލިބޭނެ ކަމުގެ ޔަގީން ދެވުނީ މީ އަތޮޅު ތެރޭގައި ތިބި ކުޅުންތެރިން ފުރަތަމަ ޑިވިޝަންގެ ޓީމު ތަކަށް އަންނަން ދެއްކެން އޮތް ސަބަބެއް."

ދިވެހި ފުޓްބޯޅަ އަށް އައި ޓާރްނސްފަގެ ޓްރެންޑާއެކު، ކުރިއރުންތަކެއް އަންނާނެ ކަމަށް ކޯޗުން ގަބޫލު ކުރެއެވެ. މިޓްރެންޑް މިގޮތުގައި ދައުރުވަމުން ގޮސް، ކުޅުންތެރިންގެ ޕްރޮފިޝަނަލްޓީ ހިފެހެއްޓި ރާއްޖޭގެ ކުޅުންތެރިންނަކީވެސް ފުޓްބޯޅަ އަށް ހުސްވެ، އެކުޅުންތެރިންގެ ވަޒީފާ އަކީ ފުޓްބޯޅަ ކަމުގައި ވެގެން ދިއުމަކީ ފުޓްބޯޅަ އަށް ހަމަޖެހުމެކެވެ. ހަމައެޔާއެކު، ކުޅުންތެރިންގެ އޮފްސީޒަން ޕްރޮގްރާމުތައްވެސް ކުލަބުތަކުން ރާވަން ޖެހެއެވެ.