އެމްޑީޕީން ކޮރޮޕްޝަންގެ ވާހަކަތައް ދައްކަނީ ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ސަރުކާރުން ގެނެސްދިން ތަރައްގީ ހަޖަމް ނުވާތީ ކަމަށާއި ކޮރޮޕްޝަނަށް މަގު ފަހިވާ އެއްވެސް ކަމަކަށް މި ސަރުކާރުގައި ޖާގައެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ. އަޒްލީން މިހެން ވިދާޅުވީ "މަވެސް ޕީޕީއެމް" ގެ ނަމުގައި އެ ޕާޓީއިން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހަފްލާއެއްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅޭގޮތަށް އެމްޑީޕީން ނޫސްބަޔާނެއް ނެރުމާ ގުޅިގެނެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރަންސްއެއްގައި އަޒްލީން ވިދާޅުވީ ރައީސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވަނީ އިންސާނުންގެ ތެރޭގައި ހުންނަ ބައެއް އާދަތައް ދިވެހިންގެ ތެރޭގައި ވެސް ހުރި ހުރުމަށް ކަމަށާއި ނަމަވެސް އެ ވާހަކަައިގެ މާނަ އެމްޑީޕީން އޮޅުވާލާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިސަރުކާރުން އަންނަނީ ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ ބޮޑެތި ކޮރޮޕްޝަންގެ އަމަލުތައް ތަހުގީގުކޮށް އެ ފަރާތްތަކާ މެދު ހައްގު ފިޔަވަޅު އަޅަމުން ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ތެރޭގައި އެއްވެސް ކޮރޮޕްޝަންގެ އަމަލެއް ހިންގައިފި ނަމަ އެކަމުން ރެކެވޭނެ ގޮތެއް ނޯންނާނެ ކަން މިދިޔަ ތިން އަހަރު ތެރޭގައި ސާބިތުކޮށްދީފައިވާ ކަމަށެވެ.
"މި ސަރުކާރުން ވޭތުވެދިޔަ ތިން އަހަރު ތެރޭގައި މިދިޔަ 40 އަހަރުގެ ތަރައްގީއާ އެއްވަރުގެ ތަރައްގީ ގެނެސްދީފައިވާތީ އެކަން ހަޖަމް ނުކުރެވިގެން ސިޔާސީ ގޮތުން ކުޅެލާނެ އެއްވެސް ކަހަލަ ކުޅިއެއް ނެތިގެން ރައީސްގެ ވާހަކަތައް އޮޅޭގޮތަށް އަނބުރަނީ. އެއީ ބަލައިގަންނާނެ ކަމެއް ނޫން އަދި ވެރިކަން ހިންގާ ޕާޓީއިން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" ޕީޕީއެމްގެ ކައުންސިލްގައި ވެސް ހިމެނި ވަޑައިގަންނަވާ އަޒްލީން ވިދާޅުވި އެވެ.
ޕީޕީއެމް އިން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހަފްލާގައި ރައީސް ވިދާޅުވެފައި ވަނީ އެންޓި ކޮރޮޕްޝަން ކޮމިޝަނުން މައްސަލައެއް ބަލާނަމަ ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމަކާ ނުލައި ހުރިހާ މައުލޫމާތެއް ހޯދުމުގެ މަގުފަހިވެފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީއިން ނެރެފައިވާ ބަޔާނުގައި ތުހުމަތުކޮށްފައި ވަނީ ސަރުކާރު ތެރޭގައި ހިނގާ އެއްވެސް ކަމެއް އޭސީސީއިން ތަހުގީގު ނުކުރާ ކަމަށެވެ.
އެކަމަށް ރައްދު ދެއްވަމުން އަޒްލީން ވިދާޅުވީ ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިންގެ ތެރެއިން ވެސް އެއްވެސް ކަރަޕްޝަނެއް ހިންގައިފި ނަމަ ޒިންމާ ވާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށާއި ކުށެއްކޮށްފި ނަމަ އެކުށުގެ އަދަބާ ކުރިމަތި ލާން ކޮންމެހެންވެސް ޖެހޭނެ ކަމަށެވެ.